Advertisement

ޕެޑްރީއާ އެކު ސްޕެއިންގެ ޔޫރޯ ޓީމުގެ ފަސް ކުޅުންތެރިން އޮލިމްޕިކްސް އަށް

6 ޖުލައި 2021 - 11:25 0

ޔޫރޯގެ މެޗެއްގެ ތެރެއިން ޕެޑްރީ.-- ފޮޓޯ: އޭއެފްޕީ


ޕެޑްރީއާ އެކު ސްޕެއިންގެ ޔޫރޯ ޓީމުގެ ފަސް ކުޅުންތެރިން އޮލިމްޕިކްސް އަށް

6 ޖުލައި 2021 - 11:25 0

މެޑްރިޑް (ޖުލައި 6) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގައި ހިމެނޭ ޕެޑްރީ ގޮންޒާލޭޒާއި އިތުރު ހަތަރު ކުޅުންތެރިން މި މަހު ފަށާ ސްޕެއިންގެ އޮލިމްޕިކްސް ޓީމުގައި ހިމަނައިފަ އެެވެ.

ޕެޑްރީގެ އިތުރުން ދެން ސްޕެއިންގެ ޔޫރޯ ސްކޮޑުން އޮލިމްޕިކް ޓީމަށް ނެގީ ގޯލްކީޕަރު އުނާއި ސިމޯން އާއި ޑިފެންޑަރު ޕައު ޓޮރޭޒާއި އެރިކް ގާސިއާ އަދި ދެ ފޯވާޑުން ކަމަށްވާ ފެރާން ޓޮރޭޒާއި މިކޭލް އޮޔާޒަބާލް އެވެ. މި ހުރިހާ ކުޅުންތެރިން ވެސް އޮލިމްޕިކްސް ޓީމާ ގުޅޭނީ ޔޫރޯ ނިމުމުންނެވެ.

އުމުރުން 18 އަހަރުގެ ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ލީގުގެ 37 މެޗުގެ އިތުރުން އެހެން މުބާރާތްތައް ހިމަނައިގެން ޖުމްލަ 50 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އަދި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ކުޅުނު ފަސް މެޗުގައި ވެސް ޕެޑްރީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އަދި ޔޫރޯގައި އެންމެ ގިނަ ޑިސްޓެންސް ކަވަރުކޮށްފައިވާ ކުޅުންތެރިއަކީ ޕެޑްރީ އެވެ.

ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕެޑްރީ ބުނީ އޮލިމްޕިކްސް ޓީމުގައި އޭނާ ހިމެނުމުގެ ކުރިން ސްޕެއިންގެ ޔޫތު ކޯޗު ލުއިސް ޑަ ލަ ފުއެންޓޭ ވާހަކަ ދެއްކި ކަމަށާއި ޓީމުގައި ހިމެނޭ ހުއްދަ ނަގައިގެން ކަމަށެވެ.

"އަހަންނަށް އިހުސާސްވޭ ބާސެލޯނާގެ ކަންބޮޑުވުންތަކެއް މީގެ ހުންނާނެކަން. އެއީ އަހަރެން މެދުކެނޑުމެއްނެތި ކްލަބާއި ގައުމަށް ޖެހިޖެހިގެން އެތައް މުބާރާތެއްގައި ކުޅޭތީ. އެކަމަކު، އަހަރެން ބާސެލޯނާ އަށް އަންގާފައިވާނެ އަހަރެން އެނބުރި އެ ޓީމާ ގުޅޭނީ ވަރަށް ރަނގަޅަށް އަރާމު ކޮށްފައިކަން،" ޕެޑްރީ ބުންޏެވެ.

ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ފިފްޕްރޯ އިން ހަދާފައިވާ ގަވާއިދު ބުނާގޮތުން އޮފް ސީޒަނުގައި (ޖޫން/ޖުލައި) ކުޅުންތެރިއަކު ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅެފިނަމަ އެ މުބާރާތުގައި އެ ކުޅުންތެރިއަކު ކުޅޭ ފަހު މެޗަށް ފަހު ތިން ހަފްތާގެ ރެސްޓެއް އޭނާ އަށް ލިބެން ޖެހެ އެވެ. އެއީ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައި ފިފްޕްރޯ އިން ހަދާފައިވާ އުސޫލެކެވެ. އެކަމަކު އެ ތިން ހަފްތާގެ މުއްދަތު ކުރުކޮށްލުމުގެ އިހުތިޔާރު ކުޅުންތެރިންނަށް އޮވެ އެވެ.

އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް އޮންނަނީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެއްގެ ގޮތުގަ އެވެ. އެކަމަކު، ގަވާއިދުގައިވާ ގޮތުން 23 އަހަރަށް ވުރެ ދޮށީ އުމުރުގެ ތިން ކުޅުންތެރިން ޓީމުގައި ހިމެނެ އެވެ. ސްޕެއިނުން ދޮށީ އުމުރުގެ ކުޅުންތެރިންގެ ގޮތުގައި ލިސްޓުގައި ހިމެނީ ރެއާލުމ މެޑްރިޑްގެ ޑެނީ ސެބާޔޯސް އާއި މާކޯ އަސެންސިއޯ އަދި ރެއާލް ސޮސިއެޑާޑްގެ މިކޭލް މެރީނޯ އެވެ.

މި މަހު 21 ވަނަ ދުވަހު ފަށާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ސްޕެއިން އޮތީ މިސްރާއި އޮސްޓްރޭލިއާ އަދި އާޖެންޓީނާއާ އެއް ގްރޫޕެއްގަ އެވެ.