Advertisement

ކަނޑޫފާތައް ނެތިގެންދާ ސަބަބު ހޯދަން އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ

4 ޖުލައި 2021 - 10:06 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ކޭލަކުނު ކަނޑޫފާ: އެތަނުގައި ހުރި ގަސްތަކާއި ދިރުންތައް ނެދިޔުމުގެ ބިރު އެބަ އޮތް -


ކަނޑޫފާތައް ނެތިގެންދާ ސަބަބު ހޯދަން އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ

4 ޖުލައި 2021 - 10:06 0

ރާއްޖޭގައި އޮތް ހަމައެކަނި "ޓްރޫ ފޮރެސްޓް"ގެ ސިފަތައް ހިމެނޭ ހދ. ކޭލަކުނުގެ ކަނޑޫފާތައް މަރުވެ، ރަށުގެ ރީތިކަން ގެއްލިގެން ދިޔުމަކީ ތިމާވެށީގެ އެކްޓިވިސްޓްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެ ކަންބޮޑުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ހުންނެވިއިރު، އެކަން ދިމާވާ ސަބަބު ދެނެގަތުމަށް ވެސް އަދި ގިނަ ދުވަސްތަކެއް ނަގާނެ އެވެ.

ކޭލަކުނުގެ ބޮޑެތި ކަނޑޫ ގަސްތައް މަރުވެ، ނެތިދާން ފަށާފައިމިވަނީ އެ މައްސަލަ އުތުރުގެ އެހެން ރަށްރަށުގައި ހުރި ކަނޑޫފާތަކަށް އެ މައްސަލަ ދިމާވެ، ހައްލު ނުހޯދިވަނިކޮށެވެ. މިދިޔަ އަހަރުގެ ތެރޭ އެ ރަށްރަށުގެ ކަނޑޫފާތަކުން ސާމްޕަލް ނަގައި، އިންޑިއާގެ ޔުނިވާސިޓީއަކާއެކު ތަހުލީލުތަކެއް ވެސް އީޕީއޭއިން ކުރި އެވެ.

އެކަމަކު، އެ ތަހުލީލަށް ހަ މަހަށްވުރެ ގިނަ ދުވަސްވީއިރު ވެސް ކަނޑޫފާތަކަށް ދިމާވެފައި އޮތް މައްސަލައެއް ނުހޯދެ އެވެ. އެހެންވެ، އަޅާނެ ފިޔަވަޅެއް ވެސް ނެތެވެ.

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ "އަދަދު"އަށް ވިދާޅުވި ގޮތުގައި، ތަހުލީލުގެ ސާމްޕަލްތައް ލިބިފައިވާއިރު، އޭގެން ކޮންކްލޫސިވް ރިޒަލްޓެއް ލިބިފައި ނެތެވެ. އެހެންވެ، އިންޑިއާގެ ޔުނިވާސިޓީއާއެކު އިތުރު ތަހުލީލެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މައްސަލަ ދިމާވެފައިވާ ކަނޑޫފާތަކާއި އެހެން ގައުމުތަކުގައި ހުރި އެފަދަ ކަނޑޫފާތަކާ އަޅާބަލާއިރު މާބޮޑެތި ބަދަލުތަކެއް އައިސްފައިނުވެ އެވެ.

"ފެނުގެ މިންވަރު ވެސް ރަނގަޅަށް ހަމަ ހުރީ، ނިއުޓްރިއެންޓް ލެވެލް ވެސް ނައިޓްރޮޖެން ލެވެލް ވެސް އެހެން ތަންތަނާ އަޅާބަލާއިރު ނޯމަލްކޮށް ހުރީ،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ "އަދަދު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: ކަނޑޫފާތަކުގެ މައްސަލައަށް އަވަސް ހެއްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މިފަހުން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޝައުނާ ވިދާޅުވި ގޮތުގައި ދެން އިތުރަށް ބަލާނީ ބެކްޓީރިއަލް އާއި ފަންގަލް ގްރޯތުން ފާހަގަވާ ކަންކަމަށެވެ. ފުރަތަމަ ކުރި ތަހުލީލުން ފަންގަލް ފަންޏެއް ކަނޑޫފާތަކުގައި އިތުރުވަމުންދާކަން ފާހަގަކުރެވުނު ކަމަށާއި އެހެންވެ، ކަނޑޫފާތައް މަރުވުމަށް ދިމާވަނީ އޭގެ ސަބަބުންތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަން ބަލަން ޔުނިވާސިޓީގެ ޓީމެއް މިކޮޅަށް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑާ ގުޅިގެން ހުރި ދަތިތަކާއެކު ވެސް އެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމާއި ނަމަވެސް، ސާމްޕަލް ނަގައި އޭގެ ނަތީޖާ ލިބެން ހަތަރެއް ނުވަތަ ހަ މަސް ވަރު ނަގާނެ އެވެ.

ކޭލަކުނު ކަނޑޫފާ: އެތަނުގައި ހުރި ގަސްތަކާއި ދިރުންތައް ނެދިޔުމުގެ ބިރު އެބަ އޮތް -


"ވަރަށް ދެރަ ކަމެއް، އެ ސަރަހައްދުގެ ރައްޔިތުން ޑިޕެންޑްވާ އާމްދަނީ ހޯދުމަށް ވެސް ބަރޯސާވާ ކަމެއް އަދި ޓޫރިޒަމަށް ވެސް، އަދި ތިމާވެށީގެ ގޮތުން ވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ހިމާޔަތްކުރި ތަން ކޭލަކުނަކީ،" ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ކިހިނެއްވެގެންތޯ މިހެން މިވަނީ ބަލާފައި ހައްލެއް ހޯދުން،"

ބޮޑިމިނުގައި 80.23 ހެކްޓަރު ހުންނަ ކޭލަކުނު، މިދިޔަ ސަރުކާރުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމުމާއެކު ވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތައް އޮތެވެ. އެ ކަންބޮޑުވުންތަކަށް ނިމުން ގެނައީ، ސަރުކާރު ބަދަލުވުމާއެކު ކޭލަކުނަކީ ހިމާޔަތްކޮށްފައިވާ ރަށަކަށް ބަދަލުކުރުމާއެކު އެވެ.

ކަނޑޫފާތަކުގެ ހާލަތު ގޯސް، އެއްވެސް ފިޔަވަޅެއް ނާޅާ

ކޭލަކުނުގެ ބޮޑު ފޮރެސްޓް ނެތިދިއުމުގެ ބިރު އޮތްއިރު މިދިޔަ އަހަރު މަރުވާން ފެށި އެހެން ރަށްރަށުގެ ކަނޑޫފާތަކުގެ ހާލަތު ވެސް މިހާރު ވަނީ އިތުރަށް ގޯސްވެފަ އެވެ. ނަމަވެސް، މިހާތަނަށް އެ ތަންތަން ހިމާޔަތް ކުރަން އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެ އެވެ.

އެކަމުގެ ކަންބޮޑުވުން ރަށްރަށުގެ ކައުންސިލްތަކުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

ވަރަށް ރީތި ކަނޑުފަލެއް އޮންނަ ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވި ގޮތުގައި، އެ ރަށުގެ ކަނޑޫފަލުގެ ހާލަތު މިހާރު ކުރިއަށްވުރެން ވެސް ގޯހެވެ.

ކޭލަކުނުގެ ކަނޑޫގާ ކުރިން އޮތް ގޮތުގެ ފޮޓޯއެއް --


ގިނަ ގަސްތަކެއް މަރުވަމުންދާތީ މި އަހަރު ކުރީކޮޅު ވެސް އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނެވިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ކަނޑޫފަލުން މިދިޔަ އަހަރުގެ ތެރޭ ސާމްޕަލްތައް ނެގުމަށްފަހު ކަނޑޫފާތަކާ ގުޅޭ ގޮތުން ކައުންސިލާ، މިނިސްޓްރީން އެއްވެސް ކަމެއް ހިއްސާކޮށްފައިނުވާ ކަމަށް އިންފާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮންނަ ހދ. ނޭކުރެެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވެސް ވިދާޅުވި ގޮތުގައި، މިނިސްޓްރީން އެ ރަށުގެ ކަނޑޫފަލުން ސާމްޕަލް ގެންދިޔަ ފަހުން އެއްވެސް މުއާމަލާތެއް ކައުންސިލާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށް ކަމާއި ކުރިއެރުމެއް ލިބިފައިނުވާކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.

ކޭލަކުނުގެ ކަނޑޫފާ މިހާރު އޮތް ގޮތުގެ ފޮޓޯއެއް --


އެ އަތޮޅު ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވެސް ފާހަގަ ކުރެއްވީ ހަމަ އެ ކަންބޮޑުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގެ ކަނޑޫފަލުގައި ހުރި ބޮޑެތި ކަނޑޫ ގަސްތައް ވަނީ ވަރަށް ބޮޑަށް މަރުވެފަ އެވެ. އެ ކަނޑޫފާ، އެ ހާލަތަށް މިދިޔައީ އަލަށް ކަމަށާއި އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ޒާމިރު ވިދާޅުވި އެވެ.

ދެވަނަ ތަހުލީލެއް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، ކެލާ އަދި ވައިކަރަދޫ ކައުންސިލްގެ ރައީސް ވެސް ވިދާޅުވި ގޮތުގައި، އެކަން އަދި މިހާތަނަށް އެ ކައުންސިލްތަކާ ހިއްސާކޮށްފައެއް ނުވެ އެވެ.