Advertisement

ޝެވްޗެންކޯ: ފެއިލްވި ސިޔާސީ ލީޑަރެއް، ތަފާތު ކެޕްޓަނެއް އަދި ކޯޗެއް!

3 ޖުލައި 2021 - 14:48 0

ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ.


ޝެވްޗެންކޯ: ފެއިލްވި ސިޔާސީ ލީޑަރެއް، ތަފާތު ކެޕްޓަނެއް އަދި ކޯޗެއް!

3 ޖުލައި 2021 - 14:48 0

އަމިއްލަ ގައުމުގައި 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުން ޔޫކްރެއިނުގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝެވްޗެންކޯ އަށް ވަރަށް ބޮޑަށް އަސަރު ކުރި އެވެ. އެހެންވެ، އެ ފަހަރު އޭނާ ނިންމީ ގައުމީ ޓީމާއި ކްލަބް ލެވަލްގެ ފުޓްބޯޅައިން ރިޓަޔާކުރާށެވެ.

އޭސީ މިލާނާއި ޗެލްސީ އަށް ކުޅުނު ޝެވްޗެންކޯ އަކީ 21 ވަަނަ ގަރުނުގައި ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު މޮޅެތި ފޯވާޑުންގެ ތެރެއިން އެކަކެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޝެވްޗެންކޯގެ ނަން ފުޓްބޯޅައިގެ އެންމެ މަތީ ފަނޑީގައި އަބަދު ވެސް ހިމަނާނެ އެވެ.

ފުޓްބޯޅަ ބޫޓު ބަހައްޓާފައި ހަޔާތުގައި ކުރިއަށްދާން ގޮތެއް ކަނޑައެޅުމުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ޝެވްޗެންކޯ އަށް ޔޫކްރެއިންގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ހުށަހެޅި އެވެ. އޭރު މާ ޒުވާންކޮށް ހުުރުމުން އޭނާ އަށް ވުރެ ދޮށީ ކުޅުންތެރިން ހިމެނޭ ޓީމަކަށް ކޯޗުކޮށްދިނުމަކީ ޝެވްޗެންކޯ އެހާ ގަޔާވި ކަމަކަށް ނުވި އެވެ. އޭގެ އެހެން ސަބަބެއް ވެސް އޮތެވެ. ކުރިން ވެސް ސިޔާސީ ދާއިރާއާ މެދު ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ޝެވްޗެންކޯ މިސްރާބު ޖެހީ އެ ދިމާލަށެވެ.

ޔޫކްރެއިނުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަކުރަން މަސައްކަތް ކުރަމުން އައި ޕާޓީއެއް ކަމަށްވާ، ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އިސްލާހީ މަސައްކަތްތަކެއް ޝެވްޗެންކޯ ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންގޮސް އެ ޕާޓީގެ ނަން ޔޫކްރޭން ފޯވަޑް ޕާޓީގެ ނަމަށް ބަދަލުކުރި އެވެ.

ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި ޝެވްޗެންކޯ، 2012 ވަނަ އަހަރު ބޭއްވި ޔޫކްރެއިންގެ ގާނޫނު މަޖިލިސް އިންތިހާބުގައި ވާދަކުރި އެވެ. ޔޫކްރެއިން ފޯވާޑް ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބި ޝެވްޗެންކޯގެ ސިޔާސީ ކެރިއަރު ރަނގަޅަށް ނުވެސް ފެެށެނިސް އޮތީ ވާނެ އެއްޗެއް ވެ ނިމިފަ އެވެ.

ކޯޗިން ކެރިއަރުގެ ދަތުރު

ކުއްލިއަކަށް ދިރިއުޅުމުގެ ކަންކަން ނުނިންމުމުގެ ވިސްނުމާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތުގެ ތަސައްވުރެއް ކުރަހާލެވެންދެން ޝެވްޗެންކޯ ނެގީ ބްރޭކެކެވެ. ފުޓްބޯޅަ އަށް ދޫވެފައި އޮތް ހިތާއި އެ ކުޅިވަރަށް ހިދުމަތެއް ކޮށްދިނުމުގެ ޝައުގުވެރިކަން ބޮޑުވުމުން ޝެވްޗެންކޯ ގައުމީ ޓީމުގެ މަސައްކަތުގައި ބައިވެރިވާން ނިންމި އެވެ. ފުރަތަމަ އޭނާ އަށް ދިނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ފެބްރުއަރީ މަހު ޔޫކްރެއިންގެ އެސިސްޓަންޓް ކޯޗުކަމާ ރަސްމީކޮށް ހަވާލުވެފަ އެވެ.

ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ.-- ފޮޓޯ: އޭއެފްޕީ


ކެޕްޓަނެއްގެ ގޮތުގައި 2012 ވަނަ އަަހަރު ޝެވްޗެންކޯ އަށް ޔޫރްކެއިން ގޮވައިގެން ޔޫރޯގައި ލިބުނީ ތިން ޕޮއިންޓެވެ. އޭގެ ހަތަރު އަހަރު ފަހުން 2016 ވަނަ އަހަރުގެ ޔޫރޯގައި ޔޫކްރެއިންގެ ބެންޗުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޝެވްޗެންކޯ ހުއްޓައި އެ ޓީމު މުބާރާތާ ވަކިވާން ޖެހުނީ ޕޮއިންޓެއް ވެސް ނުލިބި އެވެ. އެ މުބާރާތަށް ފަހު ޔޫކްރޭން ކޯޗުގެ މަގާމުން މައިހޭލޯ ފޮމެންކޯ ވަކިކޮށް ޝެވްޗެންކޯ އަށް ގައުމީ ޓީމު ލީޑުކުރުމުގެ ޒިންމާ ހަވާލުކުރި އެވެ.

ޔޫކްރެއިން ޓީމުގައި ޝެވްޗެންކޯގެ އަލަތު ތަޖުރިބާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އެވެ. ކޮލިފައިން ގްރޫޕްގެ ތިން ވަނަ އަށް ދިއުމުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ނަސީބެއް ނުލިބުނެވެ. ޔޫކްރެއިން އޮތް ގްރޫޕުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ އައިސްލެންޑާއި ކްރޮއޭޝިއާ އެވެ. އެ ދެ ޓީމަށް ވުރެ ޔޫކްރެއިންގެ މަދުވީ ހަތަރު ޕޮއިންޓެވެ.

ފަސް ބެލުމެއްނެތި ޝެވްޗެންކޯ ދެން އަޒުމު ކަނޑައެޅީ މި ފަހަރުގެ ޔޫރޯ އަށް ޔޫކްރެއިން ކޮލިފައިކޮށްދޭށެވެ. އެކަން ފުރިހަމަކުރީ ހީވެސް ނުކުރާހާ ފުރިހަމަ އަށެވެ. ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އޮތް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔޫކްރެއިން މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވިއިރު، ކޮލިފައިންގައި ކުޅުނު އަށް މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ޔޫރޯގައި ކެޕްޓަނެއްގެ ގޮތުގައި ޝެވްޗެންކޯ އަށް ގްރޫޕް ސްޓޭޖު ފަަހަނައަޅައި ނުދެވުނެވެ. އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޔޫރޯ އަށް ނުކުމެ ޝެވްޗެންކޯ އަށް ހާސިލްކުރެވުނު އެއްވެސް އެއްޗެއް ނެތެވެ. އެހެންވެ، މި ފަހަރުގެ ޔޫރޯ އަށް ނުކުތްއިރު ޝެވްޗެންކޯގެ އަޒުމަކަށް ވެފައި އޮތީ ގައުމަށް ތާރީހީ ކަމެއް ހާސިލްކޮށްދިނުމަށެވެ. އޭގެއިން އެއް ކަމަކީ ގްރޫޕް ސްޓޭޖުން ކަޓައިގެން އެނބުރި ގައުމަށް ނުދިއުމެވެ.

ޔޫކްރެއިން މި ފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ނެދަލެންޑްސްއާ ފަހަތުން އަރައި އެއްވަރުކުރި ނަމަވެސް 3-2 އިން ބަލިވީ އެވެ. ދެ ވަަނަ މެޗުގައި ނޯތު މެސެޑޯނިއާ އަތުން 2-1 އިން ޔޫކްރެއިން މޮޅުވި އެވެ. އެކަމަކު، ތިން ވަނަ މެޗުގައި އޮސްޓްރިއާ އަތުން 1-0 އިން ބަލިވެ، ޔޫކްރެއިން ޖެހިޖެހިގެން ތިން ޔޫރޯގެ ގްރޫޕް ސްޓޭޖުން ކަޓާނެ ކަމަށް ބެލެވުނެވެ.

އެކަމަކު، ތިން ވަނަ ފަހަރު ނަސީބު އަތުގައި ހިފައި ޝެވްޗެންކޯގެ ޔޫކްރެއިނަށް ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ލިބުނެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ފަހު ޖާގައިގަ އެވެ.

ޝެވްޗެންކޯގެ ކެޕްޓަނެއްގެ ތަޖުރިބާ ކޯޗިން އަށް

ޔޫކްރެއިންގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ނޮކައުޓް މެޗެއްގައި މީގެ 15 އަހަރު ކުރިން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުނުއިރު، ޝެވްޗެންކޯ އަކީ އޭރު އެ ޓީމުގެ ފޯވާޑް އެވެ. ފުރަތަމަ ވޯލްޑް ކަޕްގައި ޝެވްޗެންކޯ ޓީމުގެ ކެޕްޓަނެއްގެ ރޯލުގެ އިތުރުން ލީޑަރެއްގެ ގޮތުގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރި އެވެ.

އެ ގޮތުން އެ ފަހަރުގެ މުބާރާތުގައި ޔޫކްރެއިންގެ ކޯޗަކަށް ހުރި އޮލެގް ބްލޮކިން ޓީމު ރާވާފައި މީޓިން ނިންމާފައި ދިއުމުން ޝެވްޗެންކޯ ވަކިން ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނާ ބައްދަލުކޮށް، މެޗުތެރޭގައި ކުރަން ޖެހޭ ކަންކަން ވަކިވަކިން ކިޔައިދީ ހަދަ އެވެ. އެ ފަހަރު ޔޫކްރެއިނުން ކުއާޓާ ފައިނަލާ ހަމައަށް ދިޔައިރު، ޝެވްޗެންކޯގެ ދައުރު ކޯޗެކޭ އެއްވަރަށް ބޮޑު ކަމަށް އެ ޓީމުގެ ކުޅުންތެރިން ވަނީ ބުނެފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޔޫކްރެއިންގެ ފޯވާޑް ޝެވްޗެންކޯ އުފާފާޅުކުރަނީ.


ޔޫކްރެއިނުން ބައިނަލްއަގުވާމީ މުބާރާތެއްގެ ނޮކައުޓް ބުރުގައި ދެ ވަނަ ފަހަރަށް ނުކުތްއިރު ޝެވްޗެންކޯ ހުރީ ކޯޗަކަށެވެ.

މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝެވްޗެންކޯ ވަނީ ވަރަށް މޮޅު "އުކުޅެއް" ބޭނުންކޮށްފަ އެވެ. އެއީ ކުޅުންތެރިންގެ ސިކުނޑިން ޕްރެޝަރު ކަނޑުވާލަން އޭނާ ކުރި ކަމަށް ޝެވްޗެންކޯއާ އެކު ކުރިން ޔޫކްރެއިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ވަނީ ޔޫކްރެއިން މީޑިއާގައި ބުނެފަ އެވެ.

ސްވިޑެން މެޗުގެ ކުރިން ޝެވްޗެންކޯ ބުނީ ސްވިޑެން އަތުން ވެސް އަދި މި މުބާރާުތުގައި ދެން ޔޫކްރެއިން އަށް ހާސިލްކުރެވޭ ކޮންމެ އެއްޗަކީ "ބޯނަހެއް" ކަމަށެވެ.

ގެއްލޭނެ އެއްޗެއް ނެތި ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ފުޓްބޯޅައިގައި އެންމެ އުނދަގޫ ޗެލެންޖް ކަމަށް މަޝްހޫރު ގިނަ ކޯޗުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ޝެވްޗެންކޯ ބޭނުންކުރި އެ އުކުޅުގެ ފައިދާ ރަނގަޅަށް ކުރި އެވެ. މެޗަކުން ބަލިނުވެ، ދެ ވަނަ ބުރުން ފުރުސަތު ހޯދި ސްވިޑެން ކަޓުވާލުމަށް ފަހު ޔޫކްރެއިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައި، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި އާ ސޮފުހާއެއް ލިޔުނީ އެވެ. ސްވިޑެން އަތުން މޮޅުވި ގޯލު ޔޫކްރެއިނުން ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ފަހު މިނިޓްގަ އެވެ.

"އިންގްލެންޑް ދެކެ ޔޫކްރެއިނުން ބިރެއް ނުގަނޭ"

ގައުމީ ޓީމަށް ޝެވްޗެންކޯ ކުޅެދިން އެންމެ ފަހު މެޗަކީ 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ ދުވަހު އިންގްލެންޑުން ވަނީ ޔޫކްރެއިން 1-0 އިން ބަލިކޮށްފަ އެވެ. އެ މެޗުން މޮޅުވިނަމަ ޔޫކްރެއިނަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު ބަލިވެގެން ކެޓީ އެވެ.

އެ މެޗު ކުޅުނުތާ ނުވަ އަހަރު ފަހުން މިރޭ މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލްގައި ޔޫކްރެއިން ކުޅޭނީ އިންގްލެންޑާ ދެކޮޅަށެވެ. ޝެވްޗެންކޯ އަށް ކުޅުންތެރިއެއްގެ ގޮތުގައި ނުކުރެވި އޮތް ކަމެއް ކޯޗެއްގެ ގޮތުގައި ހާސިލްކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މިރޭ އިންގްލެންޑްގެ މައްޗަށް ކުރިހޯދިއްޖެނަމަ ޔޫކްރެއިން ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ޝެވްޗެންކޯ ބުނީ އިންގްލެންޑްގައި އޮތީ ވަރަށް ފުރިހަމަ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެކަމަކު އެއީ ޔޫކްރެއިނުން އިންގްލެންޑް ދެކެ ޖެހިލުން ވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އެ މީހުން ކޮޅަށް ގޯލެއް ޖެހުން ވެސް މި ވަނީ ވަރަށް އުނދަގޫ ކަމަކަށް. އެކަމަކު އެ މީހުންގެ ވަރުގަދަ ކަމަކީ އަހަރެމެން ބިރުގަންނަންވީ ސަބަބެއް ނޫން. އަހަރެމެން ޖެހިލުމެއް ނުވޭ. އެކަން އަހަރެމެން ނަގާނީ މޯޓިވޭޝަނެއްގެ ގޮތުގައި. ފުޓްބޯޅައިގައި ނުވާނެ ކަމެއް ނޯންނާނެ. އަހަރެމެން ކުޅޭނީ ކެރިއަރުގައި މިހާތަނަށް ނުކުންނަ އެންމެ ބޮޑު މެޗުގެ ސިފައިގައި ދެކިގެން،" ޝެވްޗެންކޯ ބުންޏެވެ.

އިންގްލެންޑާ ދެކޮޅަށް ކުޅޭއިރު ޔޫކްރެއިން ޓީމުގައި އިންގްލެންޑްގެ ކްލަބްތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. އެއީ ޔޫކްރެއިންގެ ކެޕްޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑްގެ ފޯވާޑް އެންޑީ ޔާމޮލެންކޯ އާއި ފުލްބެކް މެންޗެސްޓާ ސިޓީގެ އޮލެކްސަންޑަ ޒިންޗެންކޯ އެވެ.

"މިއީ މުޅި ދުނިޔޭގެ ކުރިމަތީގައި ޔޫކްރެއިންގެ ފުޓްބޯޅައިގެ އަގު އުފުލަން ލިބޭ ފުރުސަތެއް. މިއީ އަހަރެމެންގެ ފުޓްބޯޅަ ހަޔާތުގައި މި ވަގުތާ ހަމައަށް ކުޅެލަން ލިބޭ އެންމެ ބޮޑު މެޗު،" އެންމެ ފަހުން ސްވިޑެން ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒިންޗެންކޯ ބުންޏެވެ.

އިޓަލީގެ ރޯމް އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.