Advertisement

އަންހެނުން ހިތާނުކުރުން: ދީނީ އަދި ސަގާފީ ނިވަލެއްގައި ތިބެ ހިންގާ ޖަރީމާއެއް

1 ޖުލައި 2021 - 11:11 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އަންހެނުން ހިތާނުކުރުން: ދީނީ އަދި ސަގާފީ ނިވަލެއްގައި ތިބެ ހިންގާ ޖަރީމާއެއް

1 ޖުލައި 2021 - 11:11 1

ފޫޅުމައިން އެ ތިބި އަންނަނީ އެވެ. އެމީހުން އަންނަންވާއިރަށް އެތެރެ ކޮޓަރި ހުރީ ފޮތި ދަމައި ރަނގަޅަށް ތައްޔާރުކޮށްފަ އެވެ. ދެން އެ ކޮޓަރިއަށް ވަދެ ނިކުމެ އުޅެވޭނީ އެ އަންނަ ފޫޅުމައިންނަށް އެކަންޏެވެ. ދެން ފާތުމައަށެވެ. އުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުޑަ ފާތުމަ އަށެވެ.

މި ފޫޅުމައިންނަކީ ފާތުމާ ވިއްސަން ވެސް އެ ގެއަށް އައި މީހުންނެވެ. މަންމަ ވިހާ ކޮންމެ ފަހަރަކު ވެސް އެ ގެއަށް އަންނަނީ އެ ތިން މީހުން ކަމުން ފާތުމައަށް އެމީހުން އެނގެ އެވެ. އެންމެ ކުރީގައި އެ ހުރީ ހަގީގީ ފޫޅުމަޔެވެ. ފޫޅުމައި ކިޔަސް ދެން ތިބި ދެ މީހުންނަކީ ފާތުމާ ހިފަހައްޓަން އަންނަ ދެ މީހުންނެވެ.

ފޫޅުމައި މީހާ އައިސް އެތެރެ ކޮޓަރިއަށް ވަދެ ފެން ކުރައެއް ކައްކަން ބުނެފި އެވެ. އަދި އޭނާގެ މަސައްކަތަށް ބޭނުންވާ އާލާތް ނަގައިފި އެވެ. އެއީ ކުރަފަތެކެވެ. ކުރާ ކެކުމުން އޭގެ ތެރެއަށް ކުރަފަތް ވައްޓާލި އެވެ. އާންމުކޮށް ތުނބުޅި ބާލަން ގެންގުޅޭ އެއްޗެއް ނަމަވެސް ފޫޅުމައި މީހާގެ ކުރަފަތި މިއީ މުޅިން އެހެން ބޭނުމަކު ގެނައި އެއްޗެކެވެ. ފާތުމަށް އެކަން އެނގުނީ ފޫޅުމައި މީހާ އޭނާގެ މަސައްކަތް ފެށުމުންނެވެ.

"އެއިރުގެ ވަރަށް ކުޑަ. އެއިރުގެ އަޑުން އަޑު ނަގާ ރުއިން ނޫން ކަމެއް ނެތް. ދެން އޭގެ ގެއްލުން ފަހުން މި އެނގުނީ ދިރިއުޅެއް ފެށީމާ. ބޮޑުވަމުން އައިވަރަކަށް އޭގެ ސަބަބުން ގެއްލުންތައް ލިބެމުން، ވަރަށް ބޮޑެތި ގެއްލުންތައް ވެސް އެބަހުރި ލިބިފައި. ވަރަށް ގިނަ ގެއްލުން ލިބިފައި އެބަހުރި ކުޑަކަމުދާ ނިޒާމަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި އޮތީ. އެ ގެއްލުމުގައި މުޅި އުމުރު މި ހޭދަ ވަނީ،" މީގެ 52 އަހަރު ކުރިން އޭނާ ހިތާނުކުރުމުން ލިބުނު ގެއްލުންތައް ފާތުމާ ކިޔައިދިނެވެ.

އަންހެނުން ހިތާނުކުރުމުގެ ނަމުގައި ކުރިމަތި ފަރާތަށް އެކި ކަހަލަ ގެއްލުން ދިނުމަކީ ރާއްޖޭގައި އޮންނަ ސަގާފަތެއް ކަމަށް ގަބޫލު ކުރަން ދަތިވި ނަމަވެސް ހަގީގަތަކީ އެއީ އެވެ. ފާތުމާއަކީ އެންމެ މީހެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް މިއީ ހިނގި ނުވަތަ ހިނގަމުންދާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓު މީހުން ތިބީ ހިތާނުކޮށްފަ އެވެ.

އަންހެނުން ހިތާނުކުރުމަކީ ކޮބާ؟

ހަގީގީ ހިތާނުކުރުމަކީ ފިރިހެނުންގެ ކުރިމަތި ފަރާތުގެ ކޮޅުގައި އިންނަ ހަންކޮޅު ބުރިކޮށްލުމަށް ކިޔާ ނަމެކެވެ. މިއީ ދުނިޔޭގެ އޮތް އެންމެ ދުވަސްވީ ސާޖިކަލް ޕްރޮސީޖާ ކަމަށް އެމެރިކާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއު ކުރި ލިޔުމެއްގައި ޑރ. ސީމާ ކެކާ އަދި ޑރ. އާރަން ޓޯބިއަން ބުނެފައިވެ އެވެ.

ފިރިހެނުން ހިތާނުކުރުމުގެ ސިއްހީ ފައިދާތައް ވަރަށް ބޮޑު ކަމަށް އެމެރިކާގެ މަޝްހޫރު މޭޔޯ ކްލިނިކުން ބުނެ އެވެ. އެގޮތުން ހިތާނުކުރާ ފިރިހެނުންގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަންނަ މިންވަރު މަދު ކަމަށާއި ކުރިމަތިފަރާތުގެ ހަންގަނޑަށް ޖެހޭ ކެންސަރު ޖެހުމުގެ ފުރުސަތު ހިތާނުކޮށްފައިވާ ފިރިހެނުންގެ މެދުގައި ކުޑަ ކަމަށް މޭޔޯ ކްލިނިކުން ބުނެ އެވެ.

ފިރިހެނުންނާ ހިލާފަށް އަންހެނުންގެ ކުރިމަތިފަރާތުގައި "ބޭކާރު" ހަންކޮޅެއް ނުހުރެ އެވެ. ހިތާނުކުރުމުގެ ނަމުގައި ހަގީގަތުގައި އަންހެނުންގެ ބުރިކޮށްލަނީ ނުވަތަ އައިބުކޮށްލަނީ ކުރިމަތި ފަރާތުގެ ބަޔެކެވެ. އެ ގުނަވަނުގެ މަސްކޮޅެކެވެ. އަދި މިފަދަ ކަމެއް ކުރުމުގައި ސިއްހީ އެއްވެސް ފައިދާއެއް ނެތް ކަމަށް ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ބުނެ އެވެ.

އަންހެނުން ހިތާނުކުރުމުގެ ނުވަތަ ކުރިމަތިފަރާތް ބުރިކޮށް އައިބު ކުރުމަށް ހަތަރު މައިގަނޑު ގޮތެއް އޮންނަ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެ އެވެ. ފުރަތަމަ ގޮތަކީ ކްލިޓޯރިސްގެ ފެންނަން އިންނަ ބައި ނުވަތަ ކްލިޓޯރަލް ގްލޭންސް އެއްކޮށް ނުވަތަ އޭގެން ތަންކޮޅެއް ބުރިކޮށްލުމެވެ. ބައެއް ފަހަރު ކްލިޓޯރަލް ހުޑް ނުވަތަ ކްލިޓޯރިސް ވަށައިގެން އިންނަ ބޯ ހަންގަނޑު ވެސް ބުރިކޮށްލަ އެވެ.

އަންހެނުން ހިތާނުކުރާ ދެ ވަނަ ގޮތަކީ ކްލިޓޯރަލް ގްލޭންސްއާއެކު ލޭބިއާ މައިނޯރާ ނުވަތަ ލޭބިއާ މެޖޯރާގެ އެއްކޮށް ބުރިކޮށްލުން ނުވަތަ އޭގެން ތަންކޮޅެއް ބުރިކޮށްލުމެވެ. ލޭބިއާ މައިނޯރާ އާއި ލޭބިއާ މެޖޯރާއަކީ އަންހެނުންގެ ކުރިމަތީ ފަރާތުގެ ބޭރަށް އިންނަ ބައި ނުވަތަ ވަލްވާގެ ހިމެނޭ ބައިތަކެކެވެ.

އަންހެނުން ހިތާނުކުރާ އަނެއް ގޮތަކީ ކުރިމަތިފަރާތުގެ ދޮރު ކުޑަކޮށްލުމުގެ ބޭނުމުގައި ދޮރުން އެއް ބައި ސީލު ކުރުމެވެ. ގިނަ ފަހަރު މިހެން ހަދަނީ ލޭބިއާ މައިނޯރާ ނުވަތަ ލޭބިއާ މެޖޯރާ ކަފާލުމަށްފަހު ކުރިމަތީ ފަރާތުގެ ދޮރާދިމާލަށް ގެނެސް ފަހައިގެންނެވެ.

އަންހެނުން ހިތާނުކުރާ ހަތަރު ވަނަ ކެޓަގަރީގައި ގިނަ ކަންކަން ހިމެނެ އެވެ. ކުރިމަތިފަރާތުން އެއްވެސް ބައެއް ނުވަތަ ތަންކޮޅެއް ކެފުން، ތޮރުފުން، ކުރިމަތިފަރާތަށް ތޫނު އެއްޗެހި ހެރުން، ތޫނު އެއްޗަކުން ކެހުން އަދި ހޫނުކޮށްފައި ކުރިމަތިފަރާތުގައި އެއްޗެއް ޖެއްސުން ހިމެނެނީ އަންހެނުން ހިތާނުކުރުމުގެ ހަތަރު ވަނަ ކެޓަގަރީގަ އެވެ. ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި އަންހެނުން ހިތާނުކުރަނީ މި ހަތަރު ވަނަ ބައިގައި ބުނާ ގޮތްތަކަށް ކަމަށް މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ 2016-2017 އިން ދައްކަ އެވެ.

ދިވެހިރާއްޖޭގައި އަންހެނުން ހިތާނުކުރުން

މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ ތެރެއިން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ 13 ޕަސެންޓު އަންހެނުން ހުރީ ހިތާނުކޮށްފަ އެވެ. އޭގެ ތެރެއިން 83 ޕަސެންޓު މީހުން ހިތާނުކޮށްފައި ވަނީ އުމުރުން ފަސް އަހަރު ފުރުމުގެ ކުރިންނެވެ.

ރާއްޖޭގައި ގިނަ ފަހަރު އަންހެނުން ހިތާނުކުރުމުގެ ނަމުގައި ކުރާ ކަމަކީ ހިތާނުކުރުމުގެ ހަތަރު ވަނަ ކެޓަގަރީއަށް ފެތޭ ކަންކަމުގެ ތެރެއިން ކުރިމަތިފަރާތް ކުޑަކޮށް ކެފުން ކަމަށް ޑިމޮގްރެފިކް ހެލްތު ސާވޭއިން ދައްކަ އެވެ. މި ނުބައި އާދަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އޮވެ އެވެ. ނަމަވެސް އެކަން އެންމެ ރާއްޖޭގެ ދެކުނާއި މާލެ އާއި އުތުރާއި މެދުރާއްޖޭގަ އެވެ.

ރާއްޖޭގައި ހިތާނުކޮށްފައިވާ މީހުންގެ ފަސް ޕަސެންޓު މީހުން އެމީހުންނަށް ލިބުނު އަންހެނުން ދަރިން ވެސް ހިތާނުކުރި އެވެ. ހިތާނުކޮށްފައި ތިބި އަންހެނުންގެ ތެރެއިން 26 ޕަސެންޓު މީހުން ގަބޫލު ކުރަނީ އެއީ އިސްލާމް ދީނުގައި އޮންނަ އާދައެއް ކަމަށެވެ. އަދި 22 ޕަސެންޓު މީހުން ގަބޫލު ކުރާ ގޮތުގައި އެ ހާދަ ދަމަހައްޓަންޖެހެ އެވެ.

"އެއީ އެއިރުގެ އާދަކާދަ. ސަގާފަތް. އެމީހުން [މައިންބަފައިން] އެބަޖެހޭ އެކަންތަކަށް ފޮލޯ ކުރަން. އެހެންވެ ކުރަމުންދިޔަ ކަމެއް އެއީ. މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް އައިސް ކޮންމެވެސް އެކަން ހުއްޓިފައި އޮތީ. މިހާރު ވެސް ރަށު ތެރޭގައި ސިއްރު ސިއްރުން އަނެއް ފިކުރުގެ މީހުން ކުރާ ކަމަށް ވަނީ،" ރާއްޖޭގައި ހިތާނުކުރުމާމެދު މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކި ފާތުމަތު ބުންޏެވެ.

އަންހެނުން ހިތާނުކުރުމުގެ ގެއްލުން

އަންހެނުން ހިތާނުކުރުމަކީ އޭގެ ގެއްލުން އެމީހުންނަށް މުޅި އުމުރު ދުވަހު ކުރަން ޖެހިދާނެ ކަމެކެވެ. ގެއްލުން ލިބެނީ ހިތާނުކުރާ ކުޑަބޮޑުމިނުން ނަމަވެސް އެފަދަ އަނިޔާއެއް ތަހައްމަލް ކުރާ ކޮންމެ އަންހެނަކަށް ވެސް ލިބޭ ނަފްސާނީ ގެއްލުން ވަރަށް ބޮޑެ އެވެ.

ހިތާނުކުރާ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވުމާއި ދާއިމަށް ކުރިމަތިފަރާތަށް ތަދުވުމާއި ވިހާ އިރުގައި ދިމާވާ މައްސަލަތައް އިތުރުވުން ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯ ގައިޑްލައިންސް އޮން ހެލްތު މެނޭޖްމަންޓް އޮފް ހެލްތު ކޮމްޕްލިކޭޝަންސް ފްރޮމް ފީމޭލް ޖެނިޓަލް މިއުޓިލޭޝަންގައި ބުނެފައިވެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކި ފާތުން ބުނާ ގޮތުގައި ބޮޑުވަމުންދިޔަ ވަރަކަށް އޭނާއަށް ދިޔައީ ދިމާވާ ގެއްލުންތައް ވެސް ބޮޑުވަމުންނެވެ. އަދި ލިބޭ ވޭން ދިޔައީ އިތުރުވަމުންނެވެ.

"ދެން އެބައި މުޅިން އެއްކޮށް ހަލާކުވެފައި އިންނަނީ. ތަދު ވަރަށް ހުރޭ. ބަނޑާ، އެ ހިސާބާ، އުނަގަނޑުގައި ވެސް ވަރަށް ރިއްސާ އަދި ވެސް،" އޭނާއަށް ދިމާވާ އުނދަގޫ ކިޔައިދެވޭތޯ ފާތުން މަސައްކަތް ކުރި އެވެ.

ރާއްޖެއިން ބޭރަށް ދަތުރު ކުރާ ކޮންމެ ފަހަރަކު އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ފާތުމަ ދައްކަ އެވެ. އަދި އޭނާއަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ފަރުވާއެއް ލިބޭތޯ އަބަދު ވެސް ޑޮކްޓަރުން ކައިރި އަހާ ކަމަށް އޭނާ ބުނެ އެވެ.

"މެޑިކަލް ކަންތައްތަކަކީ އާ އީޖާދުތައް އަބަދުވެސް އުފަންވާ ދާއިރާއެއް. އެހެންވެ މިކަމަށް ހައްލެއް ލިބޭނެ ފަދަ ފަރުވާއެއް އޮތްތޯ ބޭރަށް ދެވޭ ކޮންމެ ފަހަރަކު ވެސް ބަލައިލަން،" އޭނާ ކިޔައިދިނެވެ.

ހިތާނުކުރުމުގެ ވޭން ފާތުމައަށް އަޅާވަރުން އޭނާއަށް ބައެއް ފަހަރު ހިޔާލަށް ގެނެވެނީ އާދަޔާ ހިލާފް ހިޔާލުތަކެކެވެ.

"ފުރަމެޔަކީ ބުރިކޮށްލިޔަސް އުފެދި ބޮޑުވާ އެއްޗެއް. އަޅުގަނޑު ހިތަށް އަރާ އެތަނަކީ [ކުރިމަތިފަރާތަކީ] ވެސް ފުރަމޭ ކަހަލަ ގުނަވަނަކަށް ވީ ނަމައޭ. އެކަހަލަ ނުވާނެ ކަހަލަ ހުރިހާ ކަމެއް ވާނެ ނަމައޭ ހިތަށްއަރާ. އެކަހަލަ ކަންތައް ހިތަށް އަރަނީ ވެސް ލިބޭ ގެއްލުމާއި އަޅާ ވޭން ބޮޑުކަމުން،" ފާތުމާ ބުންޏެވެ.

އަންހެނުންގެ ކުރިމަތިފަރާތް އައިބު ކުރުން އިސްލާމް ދީނުގައި ހަރާމް

އަންހެނުން ހިތާނުކުރުމާ ގުޅޭ އެއްވެސް ކަމެއް ﷲ ވަހީ ކުރައްވާފައެއް ނުވެ އެވެ. ކީރިތި ގުރްއާނުގައި އެފަދަ އެއްވެސް ވާހަކައެއް ނެތެވެ. އަންހެނުން ހިތާނުކުރުމުގެ ނަމުގައި ކުރިމަތިފަރާތް އައިބު ކުރުމަށް ހިތްވަރުދޭ މީހުން އެކަން ކުރަނީ ކަމާ ނުގުޅޭ އަދި ލޮއީފް ނުވަތަ ބަލިކަށި ހަދީސްތަކެއް ބަހަނާއެއް ކަމަށް ހަދައިގެންނެވެ.

އެގޮތުން އަންހެނުން ހިތާނުކުރުމަށް ބާރު އަޅާ މީހުން ދައްކާ ހަދީސްއަކީ ހިތާނުކުރުމަކީ ފިރިހެނުންނަށް ސުންނަތް އަދި އަންހުންނަށް މާތް ގޮތެއް ކަމަށް ބުނާ ހަދީސެކެވެ. ނަމަވެސް ވަރަށް ގިނަ އިލްމުވެރިން ބުނާ ގޮތުގައި އެއީ ބަލިކަށި ހަދީސެކެވެ. ހަދީސް ބެހިގެންވާ ކެޓަގަރީތަކުގެ ތެރެއިން ލޮއިފް ނުވަތަ ބަލިކަށި ހަދީސްތަކަކީ އޭގެ ސައްހަކަން ކަށަވަރުނުވާ ހަދީސްތަކެވެ.

އެ ހަދީސް އައިސްފައި ވަނީ އަހްމަދު އަދި އަލްބައިހައްގީގެ ފަރާތުންނެވެ. ނަމަވެސް އެ ހަދީސްގެ ޗެއިން އޮފް ނެރޭޓާސްގައި ހިމެނޭ އަލް ހައްޖާޖް ބިން އަރުތާއަކީ އިތުބާރު ހިފޭ މީހެއް ނޫން ކަމަށް ހަދީސް އިލްމުގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.

"މި ހަދީސްގައި އެހެން އިލްމުވެރިން ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ އިތުރުން ވެސް ބައެއް ކަންކަން ފާހަގަވޭ. ބައެއް އިލްމުވެރިން ދެކޭ ގޮތުގައި މި ހަދީސް ލޮއީފްވުމުގެ އިތުރުން މިއީ ބާތިލު އަދި ހަދަހަދައިގެން ދައްކާފައިވާ ދޮގު ވާހަކައެއް،" އަލް އިހްޔާ އުލޫމް އަލް ދީން، މި ފޮތް ތަފްސީރު ކުރައްވަމުން، އަލް ގަޒަލީ، ޒައިނުލް އަބެދީން އަލް އިރާގީ ވިދާޅުވެފައިވެ އެވެ.

ދެ ވަނަ އަށް ދައްކާ ހަދީސްއަކީ އުމްމު ހަފިއްޔާގެ އަރިހުން އަބޫ ދާއޫދު ރިވާ ކުރައްވާފައިވާ ހަދީސެކެވެ. އޭގައި ﷲ ގެ ރަސޫލާ އުމްމު އަފިއްޔާއަށް ނިސްބަތް ކުރައްވާ ހަދީސްފުޅު ކުރެއްވި ކަމަށް މި އޮންނަނީ އަންހެނުން ހިތާނަ ކުރުމުގައި ބޮޑުވަރުވެގެން ނުދިއުމަށެވެ. ނަމަވެސް މިއީ ވެސް ހަދީސްގެ ސަނަދު ބަލިކަށިވެގެން ލޮއީފް ކެޓަގަރީގައި ހިމެނޭ ހަދީސެއް ކަމަށް އިލްމުވެރިން ދެކެ އެވެ.

"އެ ހަދީސަކީ، އަންހެން ކުދީން ހިތާނުކުރުން މުސްތަހައްބު ކަމަށް އޮތް ދަލީލެކޭ މިކަމަށް ތާއީދުކުރާ މީހުން ބުނެއުޅުމުގައި އެއްވެސް އަސާސެއް ނެތް. މި ހަދީސުގެ ސަނަދު ސައްހަ ކަމާމެދު ސުވާލު އުފެދިފައިވޭ. މިއީ ލޮއީފް ހަދީސެއް ކަމަށް، އަބޫ ދާއޫދު ވެސް ވިދާޅުވެފައިވޭ،" މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވި އެވެ.

ދެން މި އޮންނަ ހަދީސްއަކީ އަބޫ ހުރައިރާގެ ރިވާ ކުރައްވައި، ފިތުރަތުގެ ފަސް ކަމުގެ ތެރޭގައި، ހިތާނުކުރުމާއި ކުރިމަތިފަރާތުގެ އިސްތަށި ބޭލުމާއި ނިޔަފަތި ކެނޑުމާއި މަތިމަސް ކުރުކުރުމާއި ކިހިލިފަތިން އިސްތަށި އުފުރުން ހިމެނޭ ކަމަށް ބަޔާންކޮށްފައިވާ ހަދީސެކެވެ. އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭ މީހުން ބުނަނީ ފިތުރަތުގެ ތެރޭގައި ހިތާނަ ކުރުން ހިމެނޭ ނަމަ އަންހެނުން ވެސް ހިތާނުކުރަންޖެހޭނެ ކަމަށެވެ.

"މި ހަދީސުގައި އޮންނަ ހިތާނުކުރުމުގެ ވާހަކައަކީ އާންމުގޮތެއްގައި އަންހެނުން ޝާމިލުވާ މާނާގައި އޮތް ވާހަކައެއް ނޫން. އަސްލު މި ވާހަކަ ގުޅެނީ، އިބްރާހީމުގެފާނުގެ ހިތާނުކުރެއްވުމާ. އެހެނީ ފިތުރަތުގެ އުސޫލުން އެންމެ ފުރަތަމަ ހިތާނުކުރެވިގެންދިޔައީ އިބްރާހީމުގެފާނު ކަމަށް، އިބްނު އަބްދުއް ރައްބު އޭނާގެ [އައްތަމްހީދު] މިފޮތުގައި ބަޔާންކުރައްވާފައިވޭ. އެހެންވީމާ މި ދަލީލަކީވެސް އަންހެނުން ހިތާނުކުރުމަށް އޮތް ހުއްޖަތެއް ކަމަށް ދެއްކޭނޭ ދަލީލެއް ނޫންކަން،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

އަންހެނުން ހިތާނަ ކުރުމަށް ބާރުއަޅާ މީހުން ދެން އެންމެ ގަދައަށް ދައްކާ ވާހަކައަކީ ﷲ ގެ ރަސޫލާ މުހައްމަދު ސ.އ.ވ ގެ އަނބިކަނބަލުން އައިޝާގެފާނުގެ އަރިހުން ރިވާވެފައިވާ ހަދީސެކެވެ. އޭގައި ބުނެފައި މި އޮންނަނީ ދެ ހިތާނު ބައްދަލުވެއްޖެ ނަމަ ހިނައިގަތުން ވާޖިބުވާނެ ކަމަށެވެ. ނަމަވެސް އިލްމުވެރިން ދެކޭ ގޮތުގައި މިއީ އަރަބި ބަހުގައި ބަސް ކިޔުމުގައި ބުނެ އުޅޭ ގޮތެކެވެ. އެއީ އަންހެނުން ހިތާނުކުރަންޖެހޭ ކަމަށް ނެގޭނެ ދަލީލެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"އާންމު މާނައެއް ހިމެނޭ މަގުން، އެއް ކަލިމައެއް ބޭނުންކޮށްގެން، ތަފާތު ދެ ކަމެއްކަން ބަޔާންކުރުމަކީ އަރަބި ބަހުގައި ހިމެނޭ ހާއްސަ ސްޓައިލެއް. މިސާލަކަށް، [އިރާއި ހަނދަކީ] މުޅީން ތަފާތު ދެ ތަރިއެއް. އެކަމަކު މި ދެ ތަރިއަކީ ވެސް އަލިކޮށްދޭ ދެ ތަރީގެ ގޮތުގައި އެއް ކަލިމައަކުން ސިފަކޮށްދީފައި ހުންނައިރު، އަލިކޮށްދިނުމުގެ އާންމު މާނައިގެ ތެރޭގައި ހަނދުގެ ވާހަކަވެސް ބަޔާންކޮށްފައި ހުރޭ،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

"ހަމައެހެންމެ، [ދެ އިޝާއޭ] ބުނެވޭ ހާލަތުގައި ވެސް ބުނެވެނީ އާންމު މާނައެއްގައި. ހަމައެހެންމެ، ކީރިތި ޤުރްއާނުގެ ފާޠިރު ސޫރަތުގެ ބާރަ ވަނަ އާޔަތުގައި އޮންނަ [ދެ ކަނޑު]ގެ މުރާދުގައި އެއް ކަނޑުގެ މުރާދަކީ ކޯރެއް. އަދި އަނެއް ކަނޑުގެ މުރާދަކީ، ޙަޤީޤީ ކަނޑު،"

މި ހުރިހާ ވާހަކަތަކުން ބާރު ލިބޭ ގޮތުގައި އަންހެނުން ހިތާނުކުރުމަކީ ދީނީ އަދި ސަގާފީ ކަމެއްގެ ގޮތުގައި ދައްކައިގެން ބަޔަކު ކުރަމުން އަންނަ، އޭގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި އިޖްތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ.