Advertisement

ދިގުވާހަކަ: އޮލިމްޕަސް

30 ޖޫން 2021 - 12:16 1

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

30 ޖޫން 2021 - 12:16 1

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

ޖަމާލުގެ ފިޔަވަޅަށް ވަނީ އާދަޔާ ޚިލާފު ހަލުއިކަމެއް އައިސްފައެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. މީހަކާ އަނގައިން ބުނުމެއް ނެތެވެ. ކޮޓަރިއަށް ވަންގޮތަށް އެނދުގައި އޮށޯތީއެވެ.

ޖަމާލު ބޭނުންވަނީ، ފުން ނިންޖަކުން ނިދައިލާށެވެ. ސިކުނޑިއަށް ލިބިފައިވާ ބުރަހެލިކަން ނެތިކޮށްލާށެވެ. އެހެންނަމަވެސް އޭނާގެ ލޮލާ ނިންޖާ ގުޅުމެއް ނެތެވެ. މި ރޭ އެއީ ދެ ހަތުރުންނެވެ. އޭނާގެ ބައިވެރިއަކަށްވީ ނުތަނަވަސް ޚިޔާލުތަކެވެ. ބޮލަށް ބަރުވާ ފަދަ ފިކުރުތަކެވެ. އޭނާގެ ކަންފަތުގައި ގުގުމަނީ، ސީމާ އެންމެ ފަހުން ބުނެ ވީއްލާލި ޖުމުލައެވެ. އެ ރާގުގައި، އެ ގޮތަށް، މީގެ ކުރިން އޭނާއާ ދިމާއަށް ސީމާ އެންމެ ލަފުޒެއް ވެސް ބުނެފައެއް ނެތެވެ.

ޖަމާލު ވިސްނަނީ ހަދާނޭ ގޮތަކާމެދުގައެވެ. މިއީ މި އަދަކު، މި ރެއަކު އޭނާ ކުރާ ފިކުރެއް ނޫނެވެ. އޭނާގެ ނިދި ޚަރާބުވި މި ފަދަ ކިތަންމެ ރެއަކާ އޭނާ ވަނީ ކުރިމަތިލާފައެވެ. ބައެއް ރޭރޭ ނިދިޖެހިލާއިރަށް ހުވަފެނުގެ ދުނިޔެއިން އޭނާއާ ބައްދަލުކޮށް އިންޒާރުދޭނެއެވެ. އެހެންނަމަވެސް އޭރު އޭނާ ދުށީ އެއީ ހުވަފެއްކަމަށެވެ. ކޮންމެ ހުވަފެނަކީ ބިލާހެއްކަމަށް އޭނާއަށް ގަބޫލު ނުކުރެވުނަސް، އެ ގޮތަށް ހިތަށް ވިސްނައިދެނީއެވެ. މި ކަހަލަ ގޮތަކަށް ދުވަސްތައް ދަމުން ގޮސް، އެ ބިރުވެރި ދުވަސް އޭނާގެ ހަޔާތަށް އައީއެވެ. ތޫނު ޚަންޖަރެއް ހިފައިގެން އައިސް، އޭނާގެ ކަރުން ބަޔެއް ކަނޑައިލީއެވެ. އެއްކޮށް ވަކިކޮށްނުލައި، މަރުނުވާވަރު ބަލައިގެން، ދާއިމަށް ވޭންއަޅާގޮތަށް ބެހެއްޓީއެވެ.

މިއަދު އަނެއްކާ އަނެއް ކަމަކާ ލައިގަތީއެވެ. ސީމާދެކެ އޭނާ ވަރަށް ލޯބިވެއެވެ. ނަބީލުދެކެ އެއަށްވުރެ ބޮޑަށް ލޯބިވެއެވެ. އެހެންނަމަވެސް އޭނާއަށް އެ ލޯތްބެއް އެ ކުދިންނަކަށް ނުދެވެއެވެ. މީހަކަށް ދުނިޔޭގައި ހިތްދަތިކަން ކުރިމަތިވާނީ މިހައި ވަރަށެވެ. ހުރިހައި އެއްޗަކީ ފައިސާއެއް ނޫނެވެ. އެކަން އޭނާއަށް މިއަދު ހިތުގެ އަޑިން ގަބޫލުކުރެވިއްޖެއެވެ. ދުނިޔޭގައި ވެސް އަޒާބެވެ. މަހުޝަރުގައި މިއަށްވުރެ ގަދަފަދަ ޢަޒާބެވެ.

ސީމާގެ ފޯނުކޯލެއް އައީ އެ ރޭ މެންދަމުން އަލިވެ ދޭއް ވެސް ޖެހިފަހުންނެވެ. ޖަމާލަށް އެ ކޯލު ނަގާކަށް ނުކެރުނެވެ. ހިތް ބިރުގަތީ، ދެ ސަބަބަކށް ޓަކައެވެ. އޭނާ ފޯނަށް ބަލައިލާފައި އަނެއްކާ ވެސް އޮތީއެވެ. ސީމާގެ ކޯލު ކެނޑުމުން ހިތަށް ހަމަޖެހުމެއް ލިބުނު ކަމުގެ އިހުސާސްކުރެވުނީ ކީއްވެ ބާވައެވެ؟

މާ ގިނައިރެއް ނުވެ، އަނެއްކާ ވެސް ސީމާ ގުޅަން ފަށައިފިއެވެ. ފަސްވަނަ ފަހަރު ގުޅުމުން، ފޯނު ނުނަގައި އޮންނާކަށް ޖަމާލަކަށް ފަސޭހައެއް ނުވިއެވެ. ފޯނު ނަގަން ދަމާލި އަތް ތުރުތުރު އަޅާކަން، އޭނާއަށް އިހުސާސްކުރެވުނެވެ.

"ބައްޕަ ކިތަންމެ ރުޅިއަޔަސް، ކިތަންމެ ފޫހިވިޔަސް، ނަބީލަކީ ބައްޕަގެ ހުރި ހަމައެކަނި ދަރި. މަންމައަކާ ނުލައި ރަނގަޅު ތަރުބިއްޔަތެއްގައި އޭނާ ގެންގުޅެ ބޮޑުކުރީ، ލޯބިވީމާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ނުރުހުމުގެ ރާގުގައި ސީމާ ވާހަކަ ފެށި ނަމަވެސް މިހައިހިސާބަށް އައިއިރު، އޭނާގެ އަޑާއި ރާގުގައި ކަރުނައިގެ ތެތްކަން ހިފައިފިއެވެ. "އަޅުގަނޑު މި ވަރަކަށް މި ގުޅަނީ، ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ދުނިޔެ ދޫކުރި ވާހަކަ....." ސީމާއަށް ހިތްވަރުކޮށްފައި ވެސް ބުނެވުނީ މިހައި ހިސާބަށެވެ. ދެން އިވުނީ ރޮއިގަތް އަޑެވެ. އެއާއެކު ފޯނު ކެނޑިއްޖެއެވެ.

ސީމާގެ ފަރާތުން ލިބުނު ޚަބަރު، ޖަމާލަށްވީ ވޭންވަރު ގަދަ ޚަބަރަކަށެވެ. ފޯނު ހިފަހައްޓައިގެން އެ ހުރި ގޮތަށް ހުއްޓާ އޭނާއަށް ރޮވިއްޖެއެވެ. ސީމާ އެ ބުނީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. އެއީ އޭނާ ވަރަށް ލޯބިވާ ދަރިއެކެވެ.

ޖަމާލުގެ ސިކުނޑީގައި އެނބުރިގަތީ، ނަބީލުގެ ޅައިރުގެ ހަނދާންތަކެވެ. އެ ކުއްޖާއާއެކު ޖަމާލު ހޭދަކުރި ހިތްދަތި އުފާވެރި ދުވަސްތަކެވެ. ނަބީލާމެދު އޭނާ ދުށް ފޮނި ހުވަފެންތަކެވެ. އަތްމަތި ދަތިކޮށް އުޅުނު ނަމަވެސް، ނަބީލަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދުނުމަށް ޓަކައި އޭނާ އުފުލި ބުރައެވެ. ނަބީލުގެ ޖީސީއީއަށް ފައިސާ ދައްކަންޖެހޭ ދުވަސް އައިސް ޖެހުނު އިރު، އަތުގައި ފައިސާ ނެތުމުން ކަންބޮޑުވި މިންވަރާއި ފައިސާކޮޅެއް ދޭނޭ މީހަކު ނުވެގެން އުޅެވުނު ގޮތެވެ. ނަބީލަށް މި ކަންކަން ސިއްރުކުރީ، އޭނާގެ އުފާވެރިކަމަށް ހުރަހެއް އަޅަން ބޭނުންނުވާތީއެވެ. ސީމާ ކަހަލަ ރަނގަޅު ކުއްޖަކު ނަބީލަށް ލިބުމުން ޖަމާލު ހާދަ އުފަލެއްވިއެވެ.

ދެ ލޮލުން ކަރުނަ އޮހޮރަމުން، ހޮސްޕިަޓަލާ ދިމާއަށް ޖަމާލު ހިނގައިގަތެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ޖަމާލުގެ ހިތް ވަނީ ކުދިކުދިވެފައެވެ. ނަބީލު ދުނިޔެ ދޫކޮށް އެ ދިޔައީ، އޭނާއާ ދިމާނުވާތާ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭނާ ނަބީލު ގާތަށް ނު ދަނީ ދާހިތް ނުވާތީއެއް ނޫނެވެ. ދިޔުމުން ލިބޭ ހިތްދަތިކަން ބޮޑުވީމައެވެ. އަމިއްލަ އަތުން އަމިއްލަ ދަރިފުޅުގެ އުފާވެރި ހަޔާތުގައި އަލިފާން ޖެހުނުކަމުގެ އިހުސާސް ކުރެވޭލެއް ބޮޑުކަމުންނެވެ. މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟

ނަބީލުގެ ޖަނާޒާގެ ކަންކަން ހިނގަމުން ދިޔައިރު، ޖަމާލަށް ކުރެވެނީ ވަރަށް ބީރައްޓެހި އިހުސާސެކެވެ. ސީމާއާއި އޭނާގެ އާއިލާގެ ފަރާތުން ފެންނަމުން ދިޔައީ ދުރުކަމެވެ. ވާހަކަ ދައްކަނީ މަޖުބޫރުން ދައްކާންޖެހޭ މިންވަރަށެވެ. ކަރުނައިގެ ދުނިޔެއެއްގައި އެންމެން ހައްޔަރުވެފައި ތިއްބައި، ޖަނާޒާގެ ހިތްދަތި ވަގުތުތައް ނިމިގެން ހިނގައްޖެއެވެ. އާ ދުވަހަކާ ދުނިޔެ ކުރިމަތިލައި، ބިންމަތި އަލިވަމުން ދިޔަ ވަގުތު، ސަހަރާގެ ދޮރުން ނިކުމެ، އެ މީހަކު އެ މީހެއްގެ ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

ސީމާ ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. ނަބީލުގެ ހަނދާންތައް އޭނާގެ ވަށައިގެން އައިސް ބައްދާލީއެވެ. އޭނާއަށް އިހުސާސްވީ އޭނާގެ ދިރިއުޅުމުގައި ހުރިއްޔާ ހުރި އެއްޗެއް ގެންގޮސް ސަހަރާގައި ވަޅުލާފައި އާދެވުނުކަމުގެ އެކަނިވެރި ހިތްދަތި އިހުސާސެކެވެ. ކޮޓަރީގެ ކޮންމެ ދިމާއެއްގައި، ކޮންމެ ތަނެއްގައި ވެސް ވަނީ ނަބީލުގެ ސޫރައެވެ. އޭނާގެ އަޑެވެ.

ޖެހިގެން އައި ދުވަހެވެ. މިއަދު ސީމާގެ ހާލަތު އިއްޔެއަށްވުރެ ރަނގަޅެވެ. އޭނާ ނަމަކަށް އެއްޗެއް އަރުން އެރެކޮށްލައިގެން އައިސް ކޮޓަރިއަށް ވަދެ ޖައްސާލީ، ރޭ ވެސް ރަނގަޅަށް ނުނިދޭތީ ނިދާލާށެވެ. އެހެންނަމަވެސް އޭނާއަކަށް ނިދޭ ގޮތެއްނުވެއެވެ. އެހެން އޮއްވާ ފެނުނީ އޭނާގެ ފޯނަށް ޖަމާލު ގުޅާތަނެވެ. ސީމާ ފޯނުނެގިއެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ، ޖަމާލުގެ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އެ އަޑާއެކުވެގެން އޭނާއަށް އިވެންފެށީ، ވަރަށް އެހެން ކަހަލަ ވާހަކަތަކެކެވެ. ސީމާއަށް އޮވެވުނީ، ހުއްޓުން އަރާފައެވެ. އޭނާގެ ބައްޕައެއްގެ މަޤާމަށް، މި ފަދަ މީހަކު އައީތީ އޭނާ ކަންބޮޑުވިއެވެ. ޖަމާލުގެ ވާހަކަ ނިންމާލިއިރު، ސީމާއަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގި ބޮޑު ބިރެއްގެ ތެރޭގައެވެ.

އެއީ ނަބީލުގެ ޖީސީއީ އަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ޖަމާލު ކޮޅުކޮޅަށް ދުވެދުވެ އުޅުނު ދުވަސްވަރެވެ. އިޤުބާލާ އޭނާއާ ދިމާވީ އެ ދުވަސްވަރުއެވެ. ހޮޓަލެއްގެ ތެރެއިންނެވެ. އިޤުބާލުގާތު ފައިސާކޮޅެއްގެ ވާހަކަ ދެއްކުމުން، އިޤުބާލު ހުށަހެޅީ ވަރަށް އެހެން ކަހަލަ ހުށަހެޅުމެވެ. މީހެއްގެ ފުރާނަ ދުއްވާލުމަށެވެ. ޖަމާލު ވަގުތުން އެ ކަމަށް އިންކާރުކުރިއެވެ. އެހެންނަމަވެސް އެ ރޭ، އެކަމާމެދު ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި، ނަބީލުގެ ޖީސީއީއަށް ބޭނުންވާ މިންވަރަށް ފައިސާ ދެނިކޮށް އެކަން ކޮށްދީފާނޭ ކަމަށް ބުނެ އޭނާ އެއްބަސްވިއެވެ. އިޤުބާލު ފައިސާ ހޯދީ އަންހެނުންގެ ގަހަނާކޮޅު ވިއްކައިލާފައެވެ.

ނަޖާހުގެ ގާތިލަކީ ޖަމާލެވެ. ނަޖާހު މަރާލި ރޭ ޖަމާލު ފިލްމަށް ވަނެވެ. އިޤުބާލު ވެސް ވަނެވެ. ނަޖާހު ފާހަަކޮށްދޭށެވެ. ފިލްމު ނިމި، މީހުން ނިކުމެ ތަން ހަމަހިމޭންވުމުން ޖަމާލު އޮލިމްޕަހަށް ވަނީ، ހޯލުގައި ވޮލެޓް ބޭއްވިފައި އޮތްކަމަށް ބުނެއެވެ. އޭރު ނަޖާހު ފިޔަވައި އިތުރު މީހަކު ފެންނާކަށް ނެތެވެ.

ނަޖާހާއެކު ހޯލަށް ވަންނަމުން ޖަމާލު އަތަށް އަންގި ލެއްވިއެވެ. ނަޖާހުގެ ބުރަކަށީގައި ވަޅި ޖައްސައިގެން، މައްޗަށް އެރުވީ ޖަމާލެވެ. ދަންޖެއްސީ، އޭނާގެ އުނަގަނޑުގައި އެ ކަމަށް އޮޅާލި ވާގަނޑަކުންނެވެ. ނަޖާހު ރޮއި އާދޭސްކުރިއެވެ. މުސްކުޅި މަންމައަށް ޓަކައި، އޭނާ ދޫކޮށްލައިދޭން އެދި ސަލާންޖެހިއެވެ. އެހެންނަމަވެސް ޖަމާލުގެ ހިތަކަށް ރަހުމެއް ނުވަދެއެވެ. އޭނާގެ ހިތުގައި ރަޙުމެއް އޮތް ނަމަ، އެކަމެއް ވަނީ ފައިސާގެ ދަޅައިން ފިލައި ގޮސްފައެވެ.

ނަޖާހުގެ ބޮލުގައި އެތިފަހަރެއް އަޅައި ބުރާންތިކޮށްލުމަށްފަހު، ދަންޖެއްސުމުން އޭނާ މަރަށްތެޅުނު މަންޒަރު، ކޮންމެ ރެއަކު ޖަމާލަށް ހުވަފެނުން ފެންނަންފެށިއެވެ. ބައެއް ރޭރޭ ހުވަފެނުގައި ނަޖާހު އޭނާއަށް އިންޒާރުދެއެވެ. އޭގެފަހުން އޮލިމްޕަސް ބަންދުވެފައި ދުވަސްތަކެއް ހޭދަވުމަށްފަހު، ފުރަތަމަ އެޅުވި ފިލްމަކީ، ނަޖާހުގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ފިލްމެވެ. އެ ފިލްމަށް ނަބީލުގެ ދެމަފިރިން ދާން ނިންމުމުން، ޖަމާލަށް ލިބުނީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އޭނާގެ ޒަމީރު އޭނާއަށް ދިނީ އިންޒާރެވެ. އެ ބަސް ގަބޫލުނުކޮށް ނަބީލު އެ ފިލްމަށް ދިޔައީއެވެ.

ފައިސާގެ ދަހިވެތިކަމުގައި ޖަމާލަށް ކުރެވުނު ބޮޑު ފާފައަށް، އޭނާ މިއަދު އެ ހުރީ ތައުބާވެގެންނެވެ. އެހެންނަމަވެސް އޭނާއަށް އެ ރެއަށްފަހު އުފަލެއް ނުލިބެއެވެ. އުދާސްތައް އިތުރުވަމުން އައިސް އެންމެފަހު، އެ ނާމާންކަން އޭނާގެ ދަރިފުޅު ވެސް ގެންދިޔައީއެވެ.

=================

ފައިރޫޒު ހެނދުނު ހޭލައިގެން ސިޓިންރޫމަށް ނިކުމެ، އާދައިގެ މަތިން ފޯނު ނަގައި ޚަބަރުތައް ކިޔައިލަން ސޯފާގައި ޖައްސާލިއެވެ. އޭރު އޭނާގެ އަންހެނުން ލަތީފާ އުޅެނީ، ގުރޭޑު 1 ގައި ކިޔަވަމުން އަންނަ އޭނާގެ ހަގުދަރި ސްކޫލަށް ގެންދަން ތައްޔާރުކުރުމުގައެވެ. އަންނަ އަހަރަކީ ދޮށީ ދަރިފުޅުގެ ޖީސީ އަހަރެވެ. ދެވަނަ ދަރިފުޅު މިއަަހަރު އުޅެނީ ހަތެއްގައެވެ.

"ލަތީ! ނިކަން ބަލައިލަ ބަލަ މި އޮތް ޚަބަރެއް!" ފައިރޫޒަށް ފުންމައިގެން ތެދުވެވުނެވެ.

"ކޮން ކަހަލަ ޚަބަރެއް؟"

"ނަޖާހުގެ ގާތިލު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެޔޯ؟"

"ނަޖާހޭ؟" ލަތީއަކަށް ނޭނގުނެވެ.

"މި ގޭގައި އުޅުނެއްނު ގަރީބާދައްތަ. މަ ކިޔައިދިނީމެއްނު ގަރީބައްތަގެ ދަރިއަކު ދަންޖެހުނު ވާހަކަ."

"އާނ!" ލަތީގެ ހަނދާނަށް އަތުވެއްޖެއެވެ. "އޭނަ އަމިއްލައަށް ދަންޖެހުނީއެއް ނޫންތަ؟"

"އެހެންތާ އެ ވީ." ފައިރޫޒު ޚަބަރުކުޔާން ފެށިއެވެ.

"ގަރީބައްތަ ދުނިޔޭގައި ހުރި ނަމަ މިއަދު ވަރަށް އުފާވީސް ކަންނޭނގެ ދޯ!" އޭނާ މަރުދުވަހާ ހަމައަށް ބެލީ ފައިރޫޒުގެ ދެމަފިރިންނެވެ.

ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ ޖަމާލު އިނީ ޖަލުގެ ތޭރިތަކުގެ ނިވަލުގައެވެ. އިޤުބާލު އޮތީ ކައްވަޅުގެ އަނދިރި ދާނުގައެވެ. ބަދޫރާ އޮތީ ބަލި ތަންމަތީގައެވެ. ޝިމާނާގެ އުމުރުން ސާޅީހުން މައްޗަށް ދިޔައިރު، މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ ޚިޔާލެއް ވެސް ނެތެވެ. (ނިމުނީ)