Advertisement

ވިމްބަލްޑަން: މެޗުގެ މެދުތެރެއިން ސެރީނާ އަށް މުބާރާތް ނިމިއްޖެ

30 ޖޫން 2021 - 12:08 0

އިއްޔެގެ މެޗުގެ ތެރެއިން ސެރީނާ ރޮމުން ކޯޓުން ފައިބަނީ.


ވިމްބަލްޑަން: މެޗުގެ މެދުތެރެއިން ސެރީނާ އަށް މުބާރާތް ނިމިއްޖެ

30 ޖޫން 2021 - 12:08 0

ލަންޑަން (ޖޫން 30) - ވިމްބަލްޑަން ޓެނިސް މުބާރާތުގައި އިއްޔެ ފުރަތަމަ ބުރުގައި މަޝްހޫރު ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ކުޅުނު މެޗުގެ މެދުތެެރެއިން އަނިޔާވެ، މުބާރާތް ނިމިއްޖެ އެވެ.

ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް ފުރަތަމަ ބުރުގައި އިއްޔެ ބެލަރޫސްގެ އެލިއަކްސަންދްރާ ސަސްނޯވިޗާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން މާ އިރެއްނުވެ، އުމުރުން 39 އަހަރުގެ ސެރީނާގެ ކަނާތު ފަޔަށް އަނިޔާގެ މައްސަލަތައް ދިމާވާން ފެށި އެވެ. ތަކުރާރުކޮށް އަނިޔާގެ ކަންތައްތައް ދިމާވަމުން ދިޔައިރު ވެސް ސެރީނާ ހިތްވަރު އެލުވާނުލައި ކުޅެން މަސައްކަތްކުރި އެވެ. އެކަމަކު މެޑިކަލް ޓީމުގެ ލަފާ ހޯދައި ހާލަތު އިތުރަށް ގޯސްވެދާނެތީ ސެރީނާ ނިންމީ މެޗު ދޫކޮށްލައި، މުބާރާތުން ވަކިވާށެވެ.

ސެރީނާ ކޯޓުން ފައިބައިގެން ދިޔައިރު، އެ ސްޓޭޑިއަމްގައި ތިބި ހުރިހާ ސަޕޯޓަރުން ތެދުވުމަށް ފަހު ވަނީ އޭނާ އަށް ހޫނު ތަރުހީބެއް ދީފަ އެވެ. މި މެޗުގެ ކުރިން ސެރީނާ ވަނީ ވިމަބްލްޑަންގައި ކުޅުނު ފުރަތަމަ ބުރުގެ 19 މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު މި ފަހަރު އަނިޔާވެ، އެ ރެކޯޑަށް މި ވަނީ ނިމުން އައިސްފަ އެވެ. ސެރީނާ ކޯޓުން ފައިބައިގެން ދިޔައީ ރޮވުމުންނެވެ.

"އަހަރެންގެ ހިތްހަލާކުވެއްޖެ މި ގޮތަށް މުބާރާތުން ވަކިވެގެންދާން ޖެހުނީމަ. އަހަރެންގެ ކަނާތު ފަޔަށް ވަރަށް އަނިޔާވެފައި ހުރީމަ އަހަރެން މި މެޗު ދޫކޮށްލަން ޖެހުނީ،" ސެރީނާ ބުންޏެވެ. "އަހަންނަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ ސަޕޯޓަރުންގެ ތަރުހީބުން. އެއީ އަހަރެން އަބަދުވެސް ޝުކުރުވެރިވާނެ ކަމެއް،"

އަންނަ ސެޕްޓެމްބަރު މަހު 40 ވަނަ އުފަން ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނަ ސެރީނާ ބުނީ ވަރުގަދަ އަށް އެނބުރި އަންނާނެ ކަމަށެވެ.

މިހާތަނަށް 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސެރީނާ މިހާރު އަމާޒު ހިފާފައިވަނީ 24 ގްރޭންޑް ސްލޭމް ހަމަކޮށް އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ މަގަރެޓް ކޯޓް ހަދާފައިވާ ރެކޯޑާ ހަމަކުރުމަށެވެ. ސެރިނާ އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2017 ވަަނަ އަހަރުގެ ކުރީކޮޅުގައި އޮސްޓްރޭލިއަން އޯޕަން އެވެ.

ވިހެއުމަށް ފަހު ކުޅުމަށް އެނބުރި އައި ފަހުން ސެރީނާ ވަނީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ ތެރެއިން ހަތަރު ފައިނަލަކުން ބަލިވެފަ އެވެ. އެއީ 2018 އާއި 2019 ވަނަ އަހަރުގެ ވިމްބަލްޑަން އާއި ޔޫއެސް އޯޕަން މުބާރާތްތަކުންނެވެ.

ސެރީނާ އަކީ މި ފަހަރުގެ ވިމްބަލްޑަންގައި އަނިޔާވެގެން މެޗު ދޫކޮށްލަން ޖެހުނު ދެ ވަނަ ކުޅުންތެރިޔާ އެވެ. ފިރިހެން ސިންގަލްސްގައި ރޮޖާ ފެޑެރާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ފްރާންސްގެ ކުޅުންތެރިޔާ އެޑްރިއަން މަނަރީނޯ އަށް ވެސް ވަނީ މެޗު ދޫކޮށްލަން ޖެހިފަ އެވެ.