Advertisement

ތަފާތު ދައްކައި ދެ އަހަރު ތެރޭ ޕެޑްރީ ބޮންތި އަށް

28 ޖޫން 2021 - 13:48 0

ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ: މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެއް.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ އާޓްސް)


ތަފާތު ދައްކައި ދެ އަހަރު ތެރޭ ޕެޑްރީ ބޮންތި އަށް

28 ޖޫން 2021 - 13:48 0

މީގެ ދެ އަހަރު ކުރިން އޭރު އުމުރުން 16 އަހަރުގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ސޮއިކުރީ ސްޕެއިން ދެ ވަނަ ޑިވިޝަނުގެ ޓީމު ލަސް ޕަލްމަސްގެ ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގަ އެވެ. އެ ޓީމަށް މަދު މެެޗެއް ކުޅުނު ތަނުން ބާސެލޯނާ އަށް ޕެޑްރީގެ ކުޅުން ފެނި އޭނާގެ ސޮއި ހޯދި އެވެ. މި ނިމުނު ސީޒަނަކީ ޕެޑްރީ ބާސެލޯނާގައި ހޭދަކުރި ފުރަތަމަ އަހަރެވެ. ލީގުގެ އެއް މެޗު ފިޔަވާ ހުރިހާ މެޗެއް ކުޅުނެވެ.

މި ފަހަރުގެ ޔޫރޯ ސްކޮޑުގައި ހިމެނި ޕެޑްރީ ވަނީ ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ތިން މެޗުގައި ވެސް 90 މިނިޓް ކުޅެ ތަފާތު ދައްކައިފަ އެވެ. މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ގަދަ 16 ޓީމު ވާދަކުރާ ބުރުގައި މެޗުގައި ސްޕެއިން ކުޅޭ މެޗަށް ނުކުންނައިރު، ސްޕެއިނުގެ މީޑިއާގައި ބޮޑު ފޯކަސް އޮތް އެ ގައުމުގެ އެއް ކުޅުންތެރިއަކީ އުމުރުން 18 އަހަރުގެ ޕެޑްރީ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ތަޖުރިބާ މަދު ޕެޑްރީ އަށް މި ފަހަރުގެ ޔޫރޯގައި ސްޕެއިން ކުޅޭ ކޮންމެ މެޗެއްގައި 90 މިނިޓް ކުޅުވަން ފުރުސަތު ދެނީ ކީއްވެތޯ ސުވާލުކުރާތީ ހައިރާންވާ ކަމަށެވެ. ޕެޑްރީގެ ކުޅުން ފެންނަ ކޮންމެ މީހަކު އޭނާ އަށް ތައުރީފު ކުރުން ނޫން ކަމެއް ނުކުރާ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

ސްޕެއިންގެ މެޗެއްގެ ތެރެއިން ޕެޑްރީ: އޭނާ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް.


"ހާލަތު ކިޔައިދިނުމަށް ވުރެ ލޮލަށް ފެންނަ މަންޒަރުތަކަށް ބަލަމާ. ޕެޑްރީ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް. ފުޓްބޯޅައިގައި މި ފަހުން އަހަންނަށް ފެނުނު އެންމެ ވިސްނުން ތޫނު ހުނަރުވެރި ކުޅުންތެރިޔާ. އަހަންނަށް އަބަދުވެސް އޭނާ ފެންނަނީ ވަރަށް ތާޒާކޮށް. ކޮންމެ ޗެލެންޖެއް ވެސް ޝައުގުވެރިކޮށް ނަގާ ކުޅުންތެރިއެއްގެ ގޮތުގައި،" ޕެޑްރީ އަށް ތައުރީފު ކުރަމުން އެންރީކޭ ބުންޏެވެ.

އޭނަ (ޕެޑްރީ) ޓޭބަލް ޓެނިސް ކުޅުނަސް ފެންނަނީ އެހާ މޮޅުކޮށް - އެންރީކޭ

އެންރީކޭ ވަނީ މި ނިމުނު ސީޒަނުގައި ބާސެލޯނާ އިން ޕްރެޝަރު މެޗުތަކުގައި ޕެޑްރީ ބޭނުންކޮށްފައި ވުމަކީ އޭގެ ފައިދާ ސްޕެއިން ފުޓްބޯޅަ އަށް ވެސް ކުރާ ކަމެއް ކަމަށް ބުނެފަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ޕީއެސްޖީ ފަދަ ޓީމުތަކާ ދެކޮޅަށް ޕެޑްރީ ކުޅެފައި ހުރުމުން އޭނާ ވަރަށް ބޮޑަށް ކަންކަން ދަސްކޮށްފައި ހުރިކަން އެންރީކޭ ވަނީ ފާހަގަކޮށްފަ އެވެ.

ރެެއާލްގެ ޓްރަޔަލް އިން ޓީމަށް ނުނެގި، ޕެޑްރީ އަބަދު ވެސް ސަޕޯޓް ކުރަނީ ބާސެލޯނާ އަށް

ޕެޑްރީ އުފަންވީ 2002 ވަަނަ އަހަރުގެ ނޮވެމްބަރު 25 ވަަނަ ދުވަހު އެވެ. ސްޕެއިންގެ ކުޅަދާނަ މިޑްފީލްޑަރު ޒަބީ އަލޮންސޯ ވެސް އުފަން ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 25 ގަ އެވެ. ބާސެލޯނާ އަށް މަރުދޭ އާއިލާ އަކަށް އުފަން ޕެޑްރީ ފުޓްބޯޅައިން ކުރިއަށް ގެންދިއުމަށް އާއިލާ އިން ނިންމައި، އޭނާ އަށް އެކި ޓީމުތަކުގެ ޓްރަޔަލްސް ތަކުން ވެސް ފުރުސަތު ހޯދައިދިނެވެ. ޕެޑްރީ ވަނީ ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑްގެ ޓްރަޔަލްސްގައި ވެސް ބައިވެރިވެފަ އެވެ.

"އަހަރެން އެއް ހަފްތާ ވަންދެން ރެއާލްގައި ޓްރަަޔަލްސްތަކެއް ފުރިހަމަ ކުރިން. އެކަަމަކު އެ މީހުން އަހަންނަށް އެ ޓީމުން ފުރުސަތެއް ނުދިން. ނަސީބު ރަނގަޅުކޮށް ދިމާވީ. އަހަރެން މަސައްކަތް ކޮށްގެން މިހުރީ އަހަރެން އެންމެ ސަޕޯޓްކުރާ ބާސެލޯނާ ޓީމުގައި،" މިދިޔަ އަހަރު ސްޕެއިނުގެ ނޫހަަކަށް ދިން އިންޓަވިއުއެއްގައި ޕެޑްރީ ބުންޏެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން ބާސެލޯނާގެ ޕްރީ ސީޒަން ތެރެއިން އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަށް މުހިއްމު ނިންމުންތަކެއް ނިންމަން ޖެހުނެވެ. އޭރު ޕެޑްރީ އަށް އަދި 17 އަހަރު ކަމަށްވާތީ ބާސެލޯނާގެ ޔޫތު ކޯޗުން ޕެޑްރީ ލައްވައި ކުޅުވަން ނިންމީ ބާސެލޯނާ ބީ ޓީމަށެވެ. ނޫނީ ޕެޑްރީ ބޭނުންނަމަ ލަލީގާގެ އެހެން ޓީމަކަށް ލޯނަކަށް ދޫކުރަން ވެސް ބާސެލޯނާ އިން އޮތީ ތައްޔާރަށެެވެ.

އެކަމަކު، ޕްރީ ސީޒަން ތެރޭގައި ޕެޑްރީގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ޔޫތު ކޯޗުންގެ ނިންމުމާ ދެކޮޅަށް ކޫމަން ވަނީ ޕެޑްރީ ފުރަތަމަ ޓީމަށް ޕްރޮމޯޓް ކޮށްފަ އެވެ. ޕެޑްރީ އަކީ މިދިޔަ ސީޒަނު ލަލީގާގައި ބާސެލޯނާ އަށް އެންމެ ގިނަ މިނިޓް ކުޅެދިން ކުޅުންތެރިޔާ އެެވެ. އޭނާ ވަނީ ފަސް ގޯލު ޖެހުމުގެ އިތުރުން ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ ޑިބާލާ (ވ) އަތުން ޕެޑްރީ ބޯޅަ ހޯދަނީ.


ދެ އަހަރު ތެރޭ 17 އަހަރުން ދަށުގެ ޓީމުން ސީނިއާ ސްކޮޑަށް

ސްޕެއިންގެ ގައުމީ ޓީމަކުން ޕެޑްރީ އަށް އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ 2019 ވަނަ އަހަރު އޮކްޓޫބަރު މަހު ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން މި އަހަރުގެ މާޗް 25 ވަނަ ދުވަހު ސްޕެއިންގެ ސީނިއާ ޓީމަށް މެޗެއް ކުޅުމުގެ ކުރިން ޕެޑްރީ ވަނީ ސްޕެއިންގެ 18، 19، 21 އަހަރުން ދަށުގެ ޓީމުތަކަށް ވެސް ކުޅެފަ އެވެ. ޕެޑްރީ އަކީ ދެ އަހަރު ތެރޭ ސްޕެއިންގެ ހަތަރު އުމުރުފުރާ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.

ސްޕެއިންގެ ސީނިއާ ޓީމުން ޕެޑްރީ އަށް އަލަށް ފުރުސަތު ދިނުމަށް ފަހު މާޗް މަހު އެންރީކޭ ވަނީ ޕެޑްރީގެ ކުޅުން ބާސެލޯނާ އާއި ސްޕެއިންގެ ލެޖެންޑް އަންދްރެސް އިނިއެސްޓާއާ އެއްގޮތް ކަހަލަ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ.

ގްރީސްއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި މިިދިޔަ މާޗް މަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރީ އަށް އެ މެޗުގެ ފަހުން ރަސްމީ މެޗެއްގައި ސްޕެއިން ފުރަތަމަ އެގާރައިން އަދި ޖާގަ ނުގެއްލެ އެވެ. ޕެޑްރީ ވަނީ މިހާތަނަށް ހަތް މެޗު ސްޕެއިން ޓީމަށް ކުޅެދީފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިން އިން ދެ ވަނަ ބުރުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ޕެޑްރީގެ ފެންވަރު ސާބިތުކޮށްދޭން މުހިއްމު މެޗެކެވެ. ކްރޮއޭޝިއާ އަކީ ވެސް ސްޕެއިނެކޭ އެއްގޮތަށް މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެކެވެ. އެ ޓީމުގެ މެދުތެރޭގައި ތިބި ލޫކަ މޮޑްރިޗާއި މަޓެއޯ ކޮވަސިޗް އަދި މާސެލޯ ބްރޮޒޮވިޗާ ދެކޮޅަށް ޕެޑްރީ ކުޅެން ޖެހޭއިރު، މިއީ ސްޕެއިންގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި ޕެޑްރީ ސްޕެއިން ޖޯޒީގައި މިހާތަނަށް ކުޅޭނެ އެންމެ މުހިއްމު އެއް މެޗެވެ.