Advertisement

ފުވައްމުލައް ބަނދަރުގައި އަޅާ ސަފާރީތަކުން ނަގާ އަގު 900 ޕަސެންޓު ބޮޑުކޮށްފި

24 ޖަނަވަރީ 2022 - 08:48 0

އަމަން ހަލީމް

އަމަން ހަލީމް

ފުވައްމުލައް ބަނދަރު: 19 އަހަރު ވެފައިވާ މި ބަނދަރު އެޅީ ފަރު ގޮއްވައިގެން. -- ފޮޓޯ: ނަވާސް އާދަމް/ވިސިޓް ފުވައްމުލައް އެފްބީ ޕޭޖު


ފުވައްމުލައް ބަނދަރުގައި އަޅާ ސަފާރީތަކުން ނަގާ އަގު 900 ޕަސެންޓު ބޮޑުކޮށްފި

24 ޖަނަވަރީ 2022 - 08:48 0

ޖާގައިގެ ދަތިކަމުގެ މައްސަލަ ދިމާވެފައިވާ ފުވައްމުލައް ސިޓީ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ 50 ޑޮލަރުގެ ފީ 500 ޑޮލަރަށް (900 ޕަސެންޓު) ބޮޑުކުރަން ނިންމުމުން ބޯޓިން އެސޯސިއޭޝަނުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ އަންނަ އޭޕްރީލް މަހުން ފެށިގެން ބަނދަރު ފީގެ ގޮތުގައި މިހާރު ނަގާ 50 ޑޮލަރު (771ރ.) ގެ ބަދަލުގައި 500 ޑޮލަރު (7710ރ.) ނަގަން ނިންމީ ބަނދަރުން ރަށުގެ އުޅަނދުތަކަށް ގިނައިން ޖާގަ ދިނުމަށް ކަމަށެވެ. އެކަމާ ނުރުހުން ފާޅުކޮށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނީ ކައުންސިލުން ފީތަކަށް ބަދަލު ގެނައީ "ސީދާ މި ސިނާއަތަށް މަރުހަބާ ނުކިޔާކަހަލަ ގޮތަކަށް" ކަމަށެވެ.

"މި ރަށު މަސް ދޯނިފަހަރާއި މުދާ އުފުލާ ކާގޯ ބޯޓުތައް އިތުރު ވެއްޖެ. މިހާރު ބަނދަރުގެ ޖާގަތައް އޮންނަނީ ފުރިފައި. މިފަހުުން ސަފާރީތައް ވަން އިރު ވެސް ވަރަށް މައްސަލަ ޖެހުނު މި ރަށު ދޯނިތައް ނަގަން ޖެހިގެން. ބަނދަރަށް ވަގުތީ ހައްލެއް ލިބެންދެން މިގޮތަށް ހުށަހެޅީ،" ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރު އިސްމާއިލް ރަފީގު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ޑައިވް މަންޒިލެއް ކަމުގައިވާ ފުވައްމުލަކަށް ގިނަ ސަފާރީތައް މިހާރު ދަތުރުކުރެ އެވެ. ހާއްސަކޮށް ސީޒަނުގެ ތެރޭގައި ފުވައްމުލައް ކައިރިއަށް ޑައިވް ކުރަން ދަތުރުކުރާ ސަފާރީތަކުގެ އަދަދު އިތުރެވެ. މިހެން ދަތުރުކުރާ ގިނަ ސަފާރީތަކުން ފުވައްމުލައް ބޭރުގައި އޮވެގެން ޑައިވް ކުރި ނަމަވެސް ބައެއް ސަފާރީތަކުން ބަނދަރުގައި އޮވެގެން ޑައިވް ކުރެ އެވެ.

ފުވައްމުލައް ބަނދަރު

  • ބަނދަރު ހުޅުވީ: ޖުލައި، 2003
  • ބަނދަރު ސަރަހައްދުގެ ޖާގަ: ގާތްގަނޑަކަށް 212،485 އަކަފޫޓު
  • ބަނދަރު އަޕްގްރޭޑު ކުރުން: 2022 އަށް ބަޖެޓު ކުރެވިފައި

ކައުންސިލުން އެހެން ބުނި ނަމަވެސް، ސަފާރީ އުޅަނދުތަކުގެ ޖަމިއްޔާ ބޯޓިން އެސޯސިއޭޝަނުން ބުނީ ސަފާރީތަކަށް އެކަނި އަމާޒުކޮށްގެން ރޭޓު ބޮޑުކުރުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"އުޅަނދެއްގެ ކުޑަ ބޮޑުމިނާއި އަދި ބަނދަރު ބޭނުންކުރުމުގައި ހޭދަވާ ވަގުތަށް އެއްވެސް ކަހަލަ ބެއްލެވުމެއް ނެތި ސީދާ މި ސިނާއަތަށް މަރުހަބާ ނުކިޔާކަހަލަ ގޮތަކަށް އޮތުމުންވެސް އަޅުގަނޑުމެން ހިތާމަކުރަމެވެ. އަދި މި ނޫން ގޮތަކަށް ހަމަހަމަ އަދި އިންސާފުވެރި އުސޫލެއްގެ ތެރެއިން ފީ ނެންގެވުމުގެ ކަންތައްތައް ހަމަޖައްސައިދެއްވުމަށް އަދަބުވެރިކަމާއެކު ދަންނަވަން،" ފީ ބޮޑުކުރުމާ ގުޅިގެން އެންބީއޭއިން ފުވައްމުލަކު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ލިޔެފައި އޮތެވެ.

އެންބީއޭއެމްގެ ކަންބޮޑުވުންތަކާ ގުޅިގެން ސުވާލުކުރުމުން މޭޔަރު ރަފީގު ވިދާޅުވީ ފީ ބޮޑުކުރީ އެއް ގޮތަކުން ވެސް ސަފާރީތައް ފުވައްމުލަކަށް އައުން ހުއްޓުވަން ނޫން ކަމަށެވެ. އަދި ވިދާޅުވީ، ބަދަލުތަކަށް އަމަލު ކުރަން ފަށާނީ ބޯޓިން އެސޯސިއޭޝަނުގެ ކަންބޮޑުވުންތައް އަޑުއަހާ އެ ކަންކަމަށް ރިއާޔަތްކުރެވިގެން ކަމަށެވެ.

"[ސަފާރީތަކުން ނަގާ ރޭޓު ބޮޑުކުރީ] އެއްގޮތަކަށް ވެސް ޑައިވިން ނޫނީ ސަފާރީތައް ޑިސްކަރޭޖް ކުރާކަށް ނޫން. އުސޫލު ހެދިގެންދާއިރު އިންޑަސްޓްރީގެ ކޮންސާންސްތަކަށް އެޑްރެސް ކުރެވިގެން ދާނީ،" މޭޔަރު ވިދާޅުވި އެވެ.

އެންބީއޭއެމް އިން ވަނީ އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކައުންސިލާ ބައްދަލުކުރަން އެ ސީޓީގައި އެދިފަ އެވެ. މިހާރު އެ ބައްދަލުވުން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ކައުންސިލާއި އެންބީއޭއެމް އިން ބުންޏެވެ.

ފުވައްމުލައް ސިޓީ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން، ބަނދަރު އަޕްގްރޭޑު ކުރަން ބަޖެޓުކުރާތާ ތިން އަހަރުވެއްޖެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް މިކަން ކުރަން ވަނީ ހިމަނާފަ އެވެ. އެކަމަކު އަދިވެސް މި މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގަ އެވެ.

ފުވައްމުލައް ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާ ގުޅިގެން މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މަސައްކަތް ލަސްވަނީ ފަރުން ބޮޑު ބައެއް ގޮއްވައިގެން އެ މަސައްކަތް ކުރަން ޖެހޭތީ ކަމަށެވެ.

ފުވައްމުލަކުގައި އަޅާފައިވާ ބަނދަރަކީ ވެސް ގިނަ އަދަދެއްގެ ގޮވާތަކެތި ބޭނުންކޮށްގެން، ފަރު ގޮއްވައިގެން އެޅި ބަނދަރެކެވެ. އެ ފަހަރު ގާތްގަނޑަކަށް 114 ޓަނުގެ ގޮވާތަކެތި ބޭނުންކުރި އެވެ. ފުވައްމުލަކު ބަނދަރަކީ މިގޮތަށް ފަރު ގޮއްވައިގެން ރާއްޖޭގައި ހެދި މަދު ބަނދަރުތަކުގެ ތެރެއިން ބަނދަރެކެވެ.