Advertisement

ކުޑަ ކުއްޖާ މަރާލި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

23 ޖޫން 2021 - 10:50 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މަޖިލީހުގެ ޖަލްސާއެއްގައި: ކުޑަ ކުއްޖާ މަރާލި މައްސަލައިގައި އޭނާ ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި. -ފޮޓޯ: މަޖިލިސް


ކުޑަ ކުއްޖާ މަރާލި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

23 ޖޫން 2021 - 10:50 0

އަނިޔާކޮށް މަރާލުމަށްފަހު، ފޮއްޓެއްގެ ތެރެއަށްލައި މޫދަށް އެއްލާލާފައި އޮއްވާ އިއްޔެ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ އެންމެ 13 އަހަރުގެ ކުޑަކުއްޖަކު މަރާލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވާއިރު، އެއީ މި މައްސަލައިގައި އިތުރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފިރުޝާން ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިހުމާލެއްވޭތޯ ބަލައި ކުއްޖާއަށް އެންމެ އަވަހަކަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅޭ އިދާރާތަކަށް އެ މައްސަލައިގައި އޭނާ ވަނީ ގޮވާލައްވައިފި އެވެ.

އެ މައްސަލަ ބަލައިގަނެ ބަހުސްކުރުމަށް ނެގުނު ވޯޓުގައި، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުން އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މަރާލާފައި މޫދުގައި އޮއްވާ ފެނުނުއިރު އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމާއި ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަން އެނގިފައިވެ އެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގައި މިހާތަނަށް 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، ގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.

ދެން އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް ޖެހީ 15 ދުވަހެވެ.

ޒިހާންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ގަސްދުގައި މީހަކު މެރުމާއި ރަހީނު ކުރުމާއި ކުޑަކުއްޖަކާމެދު ޖިންސީ ގޯނާކުރުމާއި މަރާމާރީ ހިންގުން ކަމަށް ފުލުހުން ވަނީ ރޭ ކޯޓުގައި ބުނެފަ އެވެ.

އެ ކުއްޖާ މަރާލި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.

އެގޮތުން، އަންނަ ހޮނިހިރު ދުވަހުގެ ކުރިން ކަމާގުޅޭ ހުރިހާ އިދާރާތަކުން އެ ކުއްޖާގެ ހުރިހާ މައުލޫމާތެއް ހޯދަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.