Advertisement

އަޑު ނީވޭ ކުއްޖަކަށް އަނިޔާ ކުރަމުންދާ މައްސަލައެއް އެޗްއާރްސީއެމަށް ހުށަހަޅައިފި

23 ޖޫން 2021 - 09:49 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އަނިޔާ ލިބެމުންދާ ކުއްޖާ: އޭނާގެ ބައްޕަ ބުނަނީ މަދަރުސާ އާއި ރަށު ތެރެއިން އެކި ކަހަލަ އަނިޔާ ދަރިފުޅަށް ލިބެމުންދާތާ ދެ އަހަރުވެއްޖެ ކަމަށް -- ފޮޓޯ: އާއިލާގެ ފަރާތުން


އަޑު ނީވޭ ކުއްޖަކަށް އަނިޔާ ކުރަމުންދާ މައްސަލައެއް އެޗްއާރްސީއެމަށް ހުށަހަޅައިފި

23 ޖޫން 2021 - 09:49 0

ށ. މަރޮށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 11 އަހަރުގެ ކުޑަކުއްޖަކަށް މަދަރުސާގައި އަދި މަގުމަތީގައި އަނިޔާކުރާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހަޅައިފި އެވެ.

އެފަދަ މައްސަލައެއް އިއްޔެ އެ ކޮމިޝަނަށް ހުށަހަޅިއިރު، އެ މައްސަލަ އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މި ނޫހާ ވާހަކަ ދައްކަމުން އަނިޔާ ލިބޭ ކުއްޖާގެ ބައްޕަ އަހުމަދު ވަސީމް ބުނީ އަޑު އިވުމުގެ އުނިކަމެއް ހުންނަ އޭނާގެ ހަގު ފިރިހެން ދަރިފުޅަށް އެކި ގޮތްގޮތުން އަނިޔާ ލިބެމުންދާތާ މިހާރު ދެ އަހަރުވެއްޖެ ކަމަށެވެ.

"ކުޅޭ ދަނޑަށް ދިޔައީމަ ދަނޑިގަނޑެއްގަ އަލިފާން ރޯކޮށްފަ، ކުއްޖާ ކަރުގަ ޖައްސައިގެން އެބަ ހުރޭ. ކުޅެން ޕާކަށް ނޫނީ ދަނޑަށް ގޮސް އަންނަތާ ހަތް ދުވަސް ފަހުން ޖަހާފަ ނޫނީ އަނިޔާ ކޮށްފަ ހުރި ތަންތަނުގެ ނިޝާން ފެނިގެން އެނގެނީ ކަމެއް ވެފަ ހުރިކަން ވެސް،" ވަސީމް، 41، ކިޔައިދިނެވެ.

އޭނާގެ ދަރިފުޅަށް ލިބެމުންދާ އަނިޔާ ހުއްޓުވުމަށް މަދަރުސާ އަދި ރަށު ކައުންސިލަށް އެކިފަހަރު މަތިން މައްސަލަ ހުށަހަޅާފައިވާ ކަމަށް ވަސީމް ބުންޏެވެ. އަދި އެކަމުގައި އެހީއަށް އެދި ޖެންޑާ މިނިސްޓްރީ އާއި އެޗްއާރްސީއެމްއަށް ވެސް މައްސަލަ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

"ހަމަ ނޯމަލް ކުއްޖެއްގެ އިހުސާސްތައް ހުންނާނެ އޭނަގެ ވެސް. އެކަން ކުރާ ކުދިންނަށް އެކަން ނުކުރުމަށް ނަސޭހަތް ދިނުމަށާއި އެކަން ހުއްޓުވައިދިނުމަށް އެދިފަ ވާނެ. އެއްވެސް މީހަކަށް އަނިޔާއަކީ ލިބެން ޖެހޭ އެއްޗެއް ނޫން. އެކަން އެނގޭނަމަ އެއްވެސް މީހަކު ނުކުރާނޭ. އެކަމަކުވެސް އެ މައްސަލަ ހައްލެއް ނުވޭ،" ވަސީމް ކިޔައިދިނެވެ.

އެކަމަކު މަރޮށި ކައުންސިލުން ބުނީ އެ ކުއްޖާއަށް އަނިޔާ ކުރާތީ އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިނުވާ ކަމަށެވެ. ރަށު ސްކޫލުން ވެސް ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، މަދަރުސާއަށް ދިޔުމުން އޭނާގެ ދަރިފުޅަށް ނުކިޔަވައިދޭ ކަމަށް ވެސް ވަސީމް ބުންޏެވެ. ކުއްޖާއަށް އެނގޭނެ ގޮތަށް ފިލާވަޅުތައް ކިޔައިދޭން ޓީޗަރުން މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ސްކޫލަށް ނުދާން އުޅެނީ. ކީއްވެގެންތޯ ސުވާލު ކުރީމަ އޭނަގެ ބަހުން މި ކިޔައިދިނީ އޭނަ އަށް ޖެހެނީ އެހެން ކުދިންނަށް ކިޔަވައިދޭއިރު މޭޒުގަ ބޯ އަޅައިގެން އޮންނާށޭ ތިމަންނައަށް އެއްވެސް އެއްޗެއް ނޭންގޭ،" އޭނާ ބުންޏެވެ.

އެ މައްސަލައިގައި މަދަރުސާއިން ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން މާސްކު އަޅައިގެން ދަރިވަރުން ތިބެންޖެހޭތީ ވަސީމްގެ ދަރިފުޅަށް ކިޔަވައިދޭން ދަތިތަކެއް ހުރީ ކަމަށެވެ.

"ބެލެނިވެރިން އެއްކޮށްފަ މި ބުނަނީ އެ ކުއްޖާއަށް ކިޔަވައިނުދީ މި އޮތީ އެ ކުއްޖާއަށް [އެތެރެ ފެންނަ] މާސްކު ނުލިބިގެންނޭ. އެއީ އަޑު ނީވޭ ކުއްޖެއްވީމަ އަނގައިން ވާހަކަ ދައްކާތަން ބަލައިގެން އެކަހަލަ ކުދިން އެއްޗެހި ނަގައިގަންނާނީ،" ވަސީމް ބުންޏެވެ.