Advertisement

53 އަހަރަށް ފަހު ފިންލެންޑް ބަލިކުރަން ބެލްޖިއަމުން ބޭނުން

21 ޖޫން 2021 - 11:54 0

ޑެންމާކް ކޮޅަށް ގޯލު ޖެހުމަށް ފަހު ބެލްޖިއަމް ކުޅުންތެރިން އުފާފާޅުކުރަނީ.


53 އަހަރަށް ފަހު ފިންލެންޑް ބަލިކުރަން ބެލްޖިއަމުން ބޭނުން

21 ޖޫން 2021 - 11:54 0

ޕީޓާސްބާގް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑާ އެއްވަރުކޮށްލައިގެން ބެލްޖިއަމަށް ގްރޫޕްގެ އެއް ވަނަ ލިބެން އޮތް ކަމުގައި ވިޔަސް ބެލްޖިއަމްގެ އަމާޒުހުރީ 53 އަހަރަށް ފަހު ފިންލެންޑް އަތުން ފުރަތަމަ މޮޅު ހޯދުމަށެވެ.

ފިންލެންޑް އަތުން ބެލްޖިއަމް އެންމެ ފަހުން މޮޅުވީ 1968 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ. އޭގެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ބެލްޖިއަމް ބަލިވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ބެލްޖިއަމް ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ އެ ޓީމުން ޓާގެޓް ކުރާނީ މޮޅަކަށް ކަމަށާއި ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ކަންތައްތައް ދިގު މުއްދަތަކަށް އެއްގޮތަކަށް އޮތުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ބެލްޖިއަމް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މިރޭ ފިންލެންޑް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ބެލްޖިއަމަށް ގްރޫޕްގެ އެއް ވަނަ ހޯދޭނެ އެވެ.

އެކަމަކު މި ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ބެލްޖިއަމް ނޮކައުޓް ބުރަށް ގޮސްފިނަމަ އިޓަލީ އާއި ފްރާންސް ފަދަ ޓީމުތަކާ ދެކޮޅަށް އެހާ އަވަހަށް ކުޅެން ނުޖެހޭނެ އެވެ. މި ގްރޫޕްގެ ރަނަރަޕް ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ވޭލްސްއާ އެވެ.

މާޓިނޭޒް ބުނީ ހިސާބުތަކެއް ޖަހައިގެން ވަކި ކަމެއް ހާސިލްކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.

"އަހަންނަށް ތި ކަލްކިއުލޭޝަންތަކަށް ވުރެ މުހިއްމު ތިން މެޗުން މޮޅުވެގެން ރަނގަޅު ކޮންފިޑެންސަކާ އެކު މުބާރާތުގައި ކުރިއަށް ދިއުން. ގްރޫޕްގެ ވަކި މަގާމެއްގައި އޮވެގެން ކުރިއަށް ގޮސްގެން ކަމެއް ހާސިލްކުރުން އެއީ ފުޓްބޯޅައިގައި އަހަރެން ގަބޫލުކުރާ ވިސްނުމެއް ނޫން،" އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ބެލްޖިއަމަށް ހޯދައިދިން މާޓީނޭޒް ބުންޏެވެ.

ޑެންމާކާ ދެކޮޅަށް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ބެލްޖިއަމްގެ ކެވިން ޑިބްރޭނާ އާއި އެކްސެލް ވިޓްސެލް އަދި އެޑެން ހަޒާޑް މިރޭ ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން ބަލިވީ މިދިޔަ އަހަރު ނޭޝަންސް ލީގުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ބަލިނުވެ ވަނީ 11 މެޗު ހަމަކޮށްފަ އެވެެ.

ފިންލެންޑްގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ބޮޑު މެޗު

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފިންލެންޑް ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ މުޅިން އަލަށް ބޮޑު މުބާރާތެއްގައި ކުޅެ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަަމަ މެޗުގައި ޑެންމާކް އަތުން 1-0 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ 1-0 އިން ރަޝިއާ އަތުން ބަލިވެފަ އެވެ.

ފިންލެންޑްގެ ކޯޗު ކަނޭރްވާ: އޭނާ ބޭނުންވަނީ މިރޭ ބެލްޖިއަމް ބަލިކުރަން.


މި ވަގުތު ފިންލެންޑް އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނައިގަ އެވެ. މިރޭ ބެލްޖިއަމް އަތުން ފިންލެންޑް މޮޅުވެއްޖެނަމަ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ. އަދި ފިންލެންޑް މޮޅުވެ، ރަޝިއާ އިން ޑެންމާކް ބަލިކޮށްފިނަަމަ، ފިންލެންޑް އަނެއް ބުރަށްދާނީ ގްރޫޕްގެ އެއް ވަަނަައިގެ ގޮތުގަ އެވެ. ބެލްޖިއަމާ އެއްވަރުކޮށްލައިގެން ވެސް ފިންލެންޑަށް އަނެއް ބުރަށް ދެވޭނެ ގޮތްތަކެއް އެބައޮތެވެ.

"ޔަގީނުން ވެސް މިއީ އަހަރެމެންގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ބޮޑު އަދި މުހިއްމު މެޗު. އަހަރެމެންގެ ބޮޑު ހުވަފެނެއް ހަގީގަތަކަށް ހެދޭނެ މެޗެއް. މިކަން ކުރުމުގެ ބާރު މި އޮތީ އަހަރެމެންގެ އަމިއްލަ އަތުގައި،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިންލެންޑްގެ ކޯޗު މާކޫ ކަނޭރްވާ ބުންޏެވެ.

ފިންލެންޑް މުބާރާތުގެ އަނެއް ބުރަށް ދިއުން ބަރޯސާވެފައި އޮތް އެއް ގޮތަކީ ޑެންމާކާއި ރަޝިއާ ކުޅޭ މެޗުގެ ނަތީޖާ ކަމަށް ވިޔަސް ބޮޑަށް ފޯކަސް ކުރާނީ އަމިއްލަ މެޗަށް ކަމަށް ކަނޭރްވާ ބުންޏެވެ. އަދި މިރޭގެ މެޗަށް ފިންލެންޑް ތައްޔާރުވާނީ ފުޓްބޯޅައިގައި އެ ގައުމުގެ އަގު އުފުލަން ކަމަށް ވެސް ކަނޭރްވާ ބުނެފައިވެ އެވެ.

މި ފަހަރުގެ ޔޫރޯގައި ފިންލެންޑުން ކުޅުނު ދެ މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ ދެ ޝޮޓެވެ. ކަނޭރްވާގެ ނަޒަރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭއިރު، އެކަން ބަދަލުކޮށްގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ އެވެ.

ފިންލެންޑާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަަމަ އެ ވަގުުތުގައި މި ގްރޫޕްގެ އަނެއް މެޗުގައި ޑެންމާކާއި ރަޝިއާ ބައްދަލުކުރާނެ އެވެ.