Advertisement

ކޮވިޑާ ގުޅިގެން ހުއްޓާލި އެމިރޭޓްސްގެ އިންޑިއާ ދަތުރުތައް އަލުން ފަށަނީ

އެމިރޭޓްސްގެ ފްލައިޓެއް.--


ކޮވިޑާ ގުޅިގެން ހުއްޓާލި އެމިރޭޓްސްގެ އިންޑިއާ ދަތުރުތައް އަލުން ފަށަނީ

ޑުބާއީ، ޔޫއޭއީ (ޖޫން 20) - އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވުމުން އެމިރޭޓްސްއިން އެ ގައުމަށް ދަތުރު ކުރުން ހުއްޓާލާފައި އޮތުމަށް ފަހު، މި ހަފްތާއިން ފެށިގެން އަލުން ދަތުރުތައް ފަށާނެ ކަމަށް ބުނެފި އެވެ.

އިންޑިއާއިން ޔޫއޭއީއަށް ކުރާ ހުރިހާ ދަތުރެއް މިދިޔަ އޭޕްރިލް މަހު ހުއްޓާލީ ކޮވިޑުގެ ދެ ވަނަ ރާޅުގައި އިންޑިއާގެ ހާލަތު މާ ބޮޑަށް ގޯސްވުމުންނެވެ.

"ޖޫން 23 އިން ފެށިގެން ދެކުނު އެފްރިކާ، ނައިޖީރިއާ އަދި އިންޑިއާއިން ޕަސަންޖަރުން އުފުލުމުގެ މަސައްކަތް އަޅުގަނޑުމެން އަލުން ފަށާނަން،" އެމިރޭޓްސްގެ ބަޔާނެއްގައި ވެ އެވެ.

ނަމަވެސް ޔޫއޭއީއިން ބުނީ އިންޑިއާއިން އެ ގައުމަށް އެތެރެވެވޭނީ ރެޒިޑެންސް ވިސާ އޮންނަ، އެ ގައުމުން ހުއްދަ ދީފައިވާ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

އޭގެ އިތުރުން ދަތުރު ފެށުމުގެ 48 ގަޑިއިރު ކުރިން ޕީސީއާރް ޓެސްޓަކާއި، ހަތަރު ގަޑިއިރު ކުރިން ރެޕިޑް ޓެސްޓަކާއި، ޔޫއޭއީއަށް ދެވުމާއެކު އިތުރު ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ އެވެ. އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނު މަރުކަޒެއްގަ އެވެ.

އޭޕްރިލް މަހު ދަތުރުތައް ހުއްޓާލުމުގެ ކުރިން ޔޫއޭއީ އާއި އިންޑިއާއާ ދެމެދު ހަފްތާއަކު 300 ދަތުރު ކުރަމުން ދިޔަ އެވެ. އިންޑިއާގެ 3.3 މިލިއަން މީހުން ޔޫއޭއީގައި އުޅެ އެވެ.