Advertisement

ނޯތު މެސެޑޯނިއާ ބަލިކޮށް ޔޫކްރެއިން ކުރިއަށް

17 ޖޫން 2021 - 19:51 0

ލަނޑު ޖެހުމަށް ފަހު ޔޫކްރެއިންގެ ޔާމޮލެންކޯ އުފާފާޅުކުރަނީ.


ނޯތު މެސެޑޯނިއާ ބަލިކޮށް ޔޫކްރެއިން ކުރިއަށް

17 ޖޫން 2021 - 19:51 0

ބުކަރެސްޓް، ރުމޭނިއާ (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި މިރޭ ނޯތު މެސެޑޯނިއާގެ މައްޗަށް 2-1 އިން ކުރިހޯދައި ޔޫކްރެއިނުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދުއާ ކޮށްފި އެވެ.

ކުޅުނު ފުރަތަމަ މެޗުން ޔޫކްރެއިން ވަނީ ނެދަލެންޑްސް އަތުން ބަލިވެފަ އެވެ. އަދި ނޯތު މެސެޑޯނިއާ ފުރަތަމަ ފަހަރަށް ޔޫރޯގައި ވާދަކުރާއިރު، އެ ޓީމު ފުރަތަމަ މެޗުން ބަލިވީ އޮސްޓްރިއާ އަތުންނެވެ. މިރޭގެ މެޗާ އެކު ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު ވާދަވެރި ތިން މެޗުން ވެސް ޔޫކްރެއިން ވަނީ މޮޅުވެފަ އެވެ. މިއީ އެންމެ ފަހުން ޔޫރޯގައި ޔޫކްރެއިން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.

މި މޮޅާ އެކު ޔޫކްރެއިން އަދި އޮތީ ގްރޫޕްގެ ތިން ވަނައިގަ އެވެ. އެއީ ދެ މެޗުން ތިން ޕޮއިިންޓާ އެކު އެވެ. މި ވަގުތު ތިން ޕޮއިންޓާ އެކު އޮތް އަނެއް ދެ ޓީމަކީ ނެދަލެންޑްސް އާއި އޮސްޓްރިއާ އެވެ. އެ ދެ ޓީމުގެ މެޗު މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.

ނޯތު މެސެޑޯނިއާ މިރޭ ބަލިވުމާ އެކު އެ ޓީމު ވެފައިވަނީ މުޅިން އަލަށް ޔޫރޯގައި ވާދަކޮށް ފުރަތަމަ ދެ މެޗުން ބަލިވި ދެ ވަނަ ޓީމަށެވެ. މީގެ ކުރިން އެ ގޮތަށް ބަލިވެފައި އޮތް ހަަމައެކަނި ޓީމަކީ 2016 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި އަލްބޭނިއާ އެވެ.

ރުމޭނިއާގެ ނެޝަނަލް އެރީނާގައި ގާތްގަނޑަކަށް 10 ހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ޔޫކްރެއިނުން ބޯޅަ ހިފަހައްޓައިގެން ނޯތު މެސެޑޯނިއާ ހާފްތެރޭގައި ކުޅެމުންދިޔައިރު، ޔޫކްރެއިންގެ ކެޕްޓަން އެންޑީ ޔާމޮލެންކޯ އަށް ލިބޭ ބޯޅަތަކުގައި ނޯތު މެސެޑޯނިއާ އަށް ބާރުބޮޑުވެ އެވެ. ފުރަތަމަ ގޯލު ޖެހީ ވެސް ޔާމޮލެންކޯ އެވެ. މެޗުގެ 29 ވަނަ މިނިޓްގައި ޔާމޮލެންކޯ މި ގޯލު ޖެހީ ކޯނަރެއްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ނޯތު މެސެޑޯނިއާ ގޯލްކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ ފައިގައި ޖެހިފަ އެވެ.

އޭގެ ފަސް މިނިޓް ފަހުން ރޯމަން ޔަރެމްޗުކް ވަނީ ޔޫކްރެއިންގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި ޔަރެމްޗުކް މި ގޯލު ޖެހީ ޔާމޮލެންކޯ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކައިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. ޔަރެމްޗުކް އެ ބޯޅަ އަށް ހުސްވި ނޯތު މެސެޑޯނިއާގެ އޮފްސައިޑް މަޅިން ސަލާމަތްވެގެން ގޮހެވެ.

ލަނޑު ޖެހުމަށް ފަހު މެސެޑޯނިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ފުރަތަމަ ހާފުގައި ނޯތު މެސެޑޯނިއާ އިން ވެސް ގޯލެއް ޖެހި އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ނޯތު މެސެޑޯނިއާގެ ކެޕްޓަން ގޯރާން ޕާންޑޭވް ޖެހި މި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ނޯތު މެސެޑޯނިއާ އިން ދެ ވަނަ ހާފަށް ނުކުތީ ދެ ބަދަލާ އެކު އެވެ. އޭގެ ފަހުން އެ ޓީމުގެ ކުޅުން ރަނގަޅުވި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ނޯތު މެސެޑޯނިއާގެ އަރިޖާން އަޑޭމީ ޖެހި ބޯޅަ ޔޫކްރެއިން ކީޕަރު ޖިއޯޖީ ބުސްޗާން ވަނީ މަތަކޮށްފަ އެވެ.

ނޯތު މެސެޑޯނިއާ އިން ވަނީ މެޗުގެ 55 ވަނަ މިނިޓްގައި ޖާނީ އަލިއޯސްކީގެ ގޯލުން އުއްމީދެއް ހޯދައިފަ އެވެ. އަލިއޯސްކީ މި ގޯލު ޖެހީ ޕެނަލްޓީ އަކުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ބުސްޗާން މަތަކުރި ނަމަވެސް ރީބައުންސަކުން އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ނޯތު މެސެޑޯނިއާ އިން ޔޫކްރެއިނާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ޖެހި ފުރަތަމަ ގޯލެވެ.

ނަތީޖާ ހަމަހަމަކުރަން ނޯތު މެސެޑޯނިއާގެ އަލެކްސަންޑަ ޓްރަކޯސްކީ މެޗުގެ 67 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ޝޮޓް ކީޕަރު ބުސްޗާން ވަނީ މަތަކޮށްފަ އެވެ.

ޔޫކްރެއިނަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 85 ވަނަ މިނިޓްގައި ރުސްލާން މަލިނޯވްސްކީ ޖެހި ޕެނަލްޓީ މެސެޑޯނިއާ ކީޕަރު ޑިމިޓްރިޓްރިއޭވްސްކީ މަތަކުރި އެވެ. މި ޕެނަލްޓީ ދޭން ނިންމީ މަލިނޯވްސްކީ ފޮނުވާލި ހިލޭ ޖެހުމަކުން އޭރިއާތެރެއިން ނޯތު މެސެޑޯނިއާ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުންނެވެ. ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ގިނަ ޕެނަލްޓީތަކެއް ވަނީ މަތަކޮށްފަ އެވެ.