Advertisement

ޑެންމާކާއި ބެލްޖިއަމް މެޗުގެ ވަގުތުކޮޅެއް އެރިކްސަން އަށް ހާއްސަކުރަނީ

17 ޖޫން 2021 - 10:31 0

ނޭޝަންސް ލިގުގައި ބެލްޖިއަމާއި ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ލުކާކޫ (މ) އާއި އެރިކްސަން


ޑެންމާކާއި ބެލްޖިއަމް މެޗުގެ ވަގުތުކޮޅެއް އެރިކްސަން އަށް ހާއްސަކުރަނީ

17 ޖޫން 2021 - 10:31 0

ކޮޕެންހާގެން، ޑެންމާކް (ޖޫން 17) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުނު ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން އަށް ޓަކައި މިރޭގެ މެޗުގައި ވަގުތު ކޮޅެއް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް ޑެންމާކާ ދެކޮޅަށް މިރޭގެ މެޗު ކުޅޭ ބެލްޖިއަމް ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ކޮޕެންހާގެންގެ ޕާކެން ސްޓެޑިއަމްގައި ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނިޓްގައި އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. އެރިކްސަން އަށް ފަރުވާ ދެމުން އަންނައިރު، އޭނާ ވަނީ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ އެންމެނަށް ޝުކުރު އަދާކޮށްްފަ އެވެ.

ބެލްޖިއަމުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 3-0 އިން ރަޝިއާ ބަލިކޮށްފަ އެވެ. އެ މެޗުގައި ލުކާކޫ ދެ ގޯލު ޖެހިއިރު، ފުރަތަމަ ގޯލު ޖެހުމަށް ފަހު ވަނީ އެރިކްސަން އަށް ހާއްސަކޮށް ކެމެރާ ކުރިމަތީގައި މެސެޖެއް ދީފަ އެވެ. އެރިކްސަން އާއި ލުކާކޫ އަކީ މި ސީޒަނުގައި އިޓަލީގެ ޗެމްޕިއަންކަން ހޯދި އިންޓަ މިލާނަށް ކުޅޭ ދެ ކުޅުންތެރިންނެވެ. މިރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި އެރިކްސަން އަށް ހާއްސަކޮށް ވަގުތު ކޮޅެއް ދޭން އިސްނެގި ކުޅުންތެރިންގެ ތެރޭގައި ލުކާކޫ ހިމެނެ އެވެ.

އެ ގޮތުން ބެލްޖިއަމްގެ ކުޅުންތެރިން މެޗުގެ 10 ވަނަ މިނިޓްގައި އެރިކްސަން އަށް ސަޕޯޓް ދޭން ވަގުތު ކޮޅެއް ހާއްސަކުރަން ބޯޅަ ބޭރަށް ޖަހާނެ އެވެ. ދިހަ ވަނަ މިނިޓްގައި އެކަން ކުރަން ނިންމީ އެއީ އެރިކްސަންގެ ޖޯޒީ ނަމްބަރާ ގުޅުވާލުމަށް ފަހު އެވެ. ބޯޅަ ބޭރަށް ޖެހުމާ އެކު ވަގުތު ކޮޅަކަށް ދަނޑުގައި ތިބޭ 14 ހާހެއްހާ ސަޕޯޓަރުން ވެސް އެރިކްސަން އަށް ދޭ މި ޓްރިބިއުޓްގައި ބައިވެރިވާނެ އެވެ.

ނޭޝަންސް ލީގުގެ މެޗެއްގެ ތެރެއިން އެރިކްސަން (ވ) އާއި ލުކާކޫ.


"އެރިކްސަންގެ ހާދިސާގެ ވާހަކަ އަޑުއިވުނު އިރުގައި އަހަރެމެން ތިބީ ރަޝިއާ މެޗަށް ތައްޔާރުވާން ކަންކަމުގައި. އެ ހަބަރު ލިބުމާ އެކު އަހަރެން ރުއިން. އެރިކްސަން އަކީ އަހަރެންގެ އާއިލާ މެމްބަރެއް ފަދަ މީހެއް،" ލުކާކޫ ބުންޏެވެ.

ބެލްޖިއަމް ޓީމުގައި ލުކާކޫގެ އިތުރުން އެރިކްސަންއާ އެކު ޓޮޓެންހަމާއި އަޔަކްސް އަށް ކުޅެފައިވާ ކުޅުންތެރިން އެބަތިއްބެވެ. ޓޯބީ އަލްޑަވެއިރަލްޑާއި ޔެން ވަޓޯންގެން އަދި ނާސެރް ޗަޑްލީ ފަދަ ކުޅުންތެރިންނަކީ ޓޮޓެންހަމްގައި އެރިކްސަންއާ ގާތްގުޅުމެއް ބޭއްވި ކުޅުންތެރިންނެވެ.

ލުކާކޫ ބުނީ އެރިކްސަންއާ ގަވާއިދުން މެސެޖްކޮށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ބެލްޖިއަމް ކުޅުންތެރިން ބައިވެރިވެގެން އެރިކްސަން އަށް ދޭ ޓްރިބިއުޓާ އެކު އޭނާ އަށް ހިތްހަަމަ ޖެހުމެއް ލިބޭނެ ކަމަށް ލުކާކޫ އެދެ އެވެ.

"އެރިކްސަން އަށް އެ ވަގުތު ހާއްސަވާނެ. އެކަމަކު އަލުން މެޗު ފަށާ ހިސާބުން ހުރިހާ ކަމެއް ބަދަލުވާނެ. އެއީ ހަނދާން ނައްތާލައިގެން ނުވާނެ އަހަރެމެން މި މެޗުން މޮޅުވާން ބޭނުންވާކަން،" ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް ލުކާކޫ ބުންޏެވެ.

ބެލްޖިއަމް މިރޭގެ މެޗުން މޮޅުވެއްޖެނަމަ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. މިހާތަނަށް ދެ ވަނަ ބުުރުގެ ޖާގަ ކަށަވަރުކުރީ އިޓަލީން އެކަންޏެވެ.

ހޮސްޕިޓަލްގައި ވިޔަސް އެރިކްސަން ހުންނަން އެދެނީ ޖޯޒީގައި: ޖޮލްމަންޑް

އެރިކްސަން ވަނީ އޭނާ ދެން ހުންނާނީ މި ފަހަރު ޑެންމާކުގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ. ހޮސްޕިޓަލްގައި އޮވެ މިރޭ ޑެންމާކާއި ބެލްޖިއަމް ކުޅޭ މެޗު ބަލަން ޖެހޭއިރު، ޑެންމާކުގެ ކޯޗު ކެޝްޕާ ޖޮލްމަންޑް އެދެނީ ޓީމު ޖޯޒީގައި ހުރެ އެރިކްސަން މި މެޗު ބެލުމެވެ.

"އަހަރެން އެދެން އޭނާ މި މެޗު ބަލާއިރު ހުންނާނީ ގައުމީ ޖޯޒީގައި ކަމަށް. އަހަރެމެން ބޭނުން އެރިކްސަން އަށް ޓަކައި ވެސް މި މުބާރާތުގައި ރަނގަޅު ކަންތައްތަކެއް ހާސިލްކުރަން،" ޖޮލްމަންޑް ބުންޏެވެ.

ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އެރިކްސަން ބޯޅަ ހިފައިގެން.


އެރިކްސަންގެ ހާދިސާ އަށް ފަހު ދެ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އަލުން މެޗު ފަށައިގެން މެޗު ފުރިހަމަކުރިއިރު، ޑެންމާކް ވަނީ 1-0 އިން ފިންލެންޑް އަތުން ބަލިވެފަ އެވެ. އެހެންވެ މިރޭ ބެލްޖިއަމާ ދެކޮޅަށް ނަތީޖާ ނެރުމަކީ ޑެންމާކަށް ވަރަށް މުހިއްމު ކަމެެކެވެ.

"އަލުން އެ ދަނޑަށް މެޗަކަށް އައުން އަނެއްކާ ވެސް ވާނީ ވަރަށް ޖަޒުބާތީ ކަމަކަށް. އަހަރެމެން ބޭނުން މުޅި ގައުމާއި ހުރިހާ އެންމެންގެ ސަޕޯޓް. އަހަރެމެން ތިބެން ޖެހޭނީ ރަނގަޅަށް ތައްޔާރުވެގެން ހިނގައިމިދިޔަ ކަންތައްތަކުން ޕޮޒިޓިވް ގޮތަކަށް ކުރިއަށްދާން،" ޖޮލްމަންޑް ބުންޏެވެ.

އެރިކްސަންގެ އެ ހާދިސާ އަށް ފަހު ބެލްޖިއަމްގެ ސްކޮޑު ވަނީ ނަފްސާނީ އެހީތެރިކަން ހޯދައިފަ އެވެ.

މިދިޔަ އަހަރު ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާއި ބެލްޖިއަމް ވަނީ ދެ މެޗެއްގައި ކުޅެފަ އެވެ. ސެޕްޓެމްބަރު މަހު ޑެންމާކުގައި ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 2-0 އިންނެވެ. އަދި ބެލްޖިއަމް ދަނޑުގައި ކުޅުނު މެޗުން ވަނީ 4-2 އިން މޮޅުވެފަ އެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.