Advertisement

ނޯތު މެސެޑޯނިއާގެ ފެންވަރާ މެދު ސުވާލު އުފައްދަން ޝެވްޗެންކޯ ބޭނުމެއް ނޫން

17 ޖޫން 2021 - 09:23 0

ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ.


ނޯތު މެސެޑޯނިއާގެ ފެންވަރާ މެދު ސުވާލު އުފައްދަން ޝެވްޗެންކޯ ބޭނުމެއް ނޫން

17 ޖޫން 2021 - 09:23 0

ބުކަރެސްޓް، ރުމޭނިއާ (ޖޫން 17) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ނޯތު މެސެޑޯނިއާ ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ މެޗު ކަމަށް ވިޔަސް އެ ޓީމުގެ ފެންވަރާ މެދު ސުވާލު އުފައްދައި ކުޅުންތެރިން ސިކުނޑީގައި އެހެން މަންޒަރެއް ސިފަވާގޮތަށް ވާހަަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށް ޔޫކްރެއިންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ނޯތު މެސެޑޯނިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ 3-1 އިން އޮސްޓްރިއާ އަތުން ބަލިވެފަ އެވެ. ޔޫކްރެއިން ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސް އަތުން ފަހު ވަގުތު ބަލިވީ 3-2 އިންނެވެ. އެހެންކަމުން މިރޭ މި ދެ ޓީމު ކުޅޭ މެޗަކީ މުބާރާތުގައި ކުރިއަށްދާން ބަލާއިރު، ނަތީޖާއެއް ނެރުން މަޖުބޫރު މެޗެކެވެ.

"ފުރަތަމަ ކަމަަކަށް އަހަރެމެން ޖެހޭ އަހަރެމެންގެ އެންމެ މޮޅު ކުޅުން ދައްކަން. އަހަރެމެން ޖެހޭ ފުރަތަމަ ލިބޭ ފުރުސަތުގެ ވެސް ބޭނުން ހިފަން. ފުރަތަމަ މެޗުގައި ލިބުނު ތަޖުރިބާ އަކީ ފަހަތުން އަރައި މެޗު އަނބުރާލުން އެއީ ފަސޭހަ ކަމެއް ނޫން. އަހަރެެމެން އަމިއްލަ ގޭމް ކުޅެން މަސައްކަތް ކުރާއިރު،" ނޯތު މެސެޑޯނިއާ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ޝެވްޗެންކޯ ބުންޏެވެ.

"މިއީ އަހަރެމެންގެ ވާހަކަ. ދެން ނޯތު މެސެޑޯނިއާ އަށް ބަލާއިރު މިއީ އެ މީހުންގެ އަލަތު މުބާރާތް ކަމަށް ވިޔަސް ފެނުނު އެއީ ވަރުގަދަ ސިސްޓަމަކަށް ކުޅޭ ޓީމެއްކަން. ލީޑަރުން ވެސް އެބަތިބި އެ ޓީމުގައި. އެ މީހުންނަކީ ފައިޓަރުން. އަހަރެމެން އުއްމީދުކޮށްގެން ނުވާނެ ހަަދިޔާތަކެއް ލިބޭނެ ކަމަށް. އެހެންވެ ކުޅުންތެރިންނަށް މި މެޗުގެ މުހިއްމުކަން އެނގޭ ވަރަށް ކަންކަން ކިޔައިދީފިން،"

ނޯތު މެސެޑޯނިއާ ވަނީ މިދިޔަ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޖަރުމަނު ދަނޑުގައި އެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ޖަރުމަނަށް ކުޅުނު އިލްކާއި ގުންޑޮގާން އަކީ ޔޫކްރެއިންގެ ފުލްބެކް އޮލެކްސަންޑާ ޒިންޗެންކޯއާ އެކު މެންޗެސްޓާ ސިޓީ އަށް ކުޅޭ ކުޅުންތެރިއެކެވެ. ޒިންޗެންކޯ ވަނީ މެސެޑޯނިއާގެ މައުލޫމާތު ގުންޑޮގާން ކައިރިން އޮޅުންފިލުވި ކަމަށް ބުނެފަ އެވެ.

"އޭނަ (ގުންޑޮގާން) ބުނީ ނޯތު މެެސެޑޯނިއާ އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާ މޮޅު ޓީމެއް ކަމަށް. ނޯތު މެސެޑޯނިއާ ވަރުގަދަ. އެ މީހުންނަކީ ދަނޑުމަތީގަޔާއި ދަނޑު ބޭރުގައި ވެސް އާއިލާއެއް،" ޒިންޗެންކޯ ބުންޏެވެ.

މީގެ ކުރިން ނޯތު މެސެޑޯނިއާ ދެކޮޅަށް ކުޅުނު ވާދަވެރި ދެ މެޗުން ޔޫކްރެއިން ވަނީ މޮޅުވެފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގަ އެވެ. ޔޫކްރެއިން ދަނޑުގައި 1-0 އިން ނިމުނުއިރު، މެސެޑޯނިއާ ދަނޑުގައި ޔޫކްރެއިން މޮޅުވީ 2-0 އިންނެވެ.

މުބާރާތަށް އައީ ދެ ވަނަ ބުރުގައި ކުޅެން ޓާގެޓް ކޮށްގެން: ނޯތު މެސެޑޯނިއާ

މީގެ ކުރިން ޔޫރޯގެ އަލަތު މުބާރާތުގައި ވާދަކޮށް ފުރަތަމަ ދެ މެޗުން ބަލިވީ އެންމެ ޓީމެކެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި އަލްބޭނިއާ އެވެ. ނޯތު މެސެޑޯނިއާ މިރޭ ބަލިވެއްޖެނަމަ ބޭނުންނުވާ ރެކޯޑަކާ ހަމަަކުރެވޭނެ އެވެ.

އޮސްޓްރިއާ އަތުން ބަލިވި ނަމަވެސް އެ މެޗުގައި ފެނުނު ކުޅުމާ މެދު ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންޖެލޮވްސްކީ ހިތްހަމަޖެހޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެއީ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ގޯލު ޖަހަން ފުުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވާތީ އެވެ.

އަންޖެލޮވްސްކީ ބުނީ ޔޫކްރެއިންއާ ދެކޮޅަށް ކުޅޭއިރު އެހާ ބޮޑަށް އަމިއްލަ އަށް ޕްރެޝަރުގެ ތެރެއަށް ވެއްޓެން ބޭނުންނުވާ ކަމަށެވެ.

"އަހަރެމެން ޔޫރޯ އަށް އައީ ގަދަ 16 ޓީމުގެ ބުރުގައި ކުޅުމުގެ އަމާޒުގައި. މި މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އަނެއް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުވާނެ. އެއްވެސް ޕްރެޝަރެއް ނެތޭ ނުބުނާނަން. މޮޅުވާން ބޭނުންވާ ޕްރެޝަރު އޮންނާނެ ކޮންމެ ޓީމަކަށް ވެސް. އަހަރެމެންގެ ޓީމުގެ އޮތީ ރަނގަޅު ރޫހެއްގައި. ކުޅޭނީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މޮޅުވާން،" އަންޖެލޮވްސްކީ ބުންޏެވެ.

ނޯތު މެސެޑޯނިއާ އާއި ޔޫކްރެއިން ބައްދަލުކުރި ހުރިހާ މެޗެއްގައި މިހާތަނަށް ފެނިފައިވަނީ ހަަތަރު ގޯލެވެ. ރުމޭނިއާގެ ނެޝަނަލް އެރީނާގައި ގާތްގަނޑަކަށް 10 ހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 18:00 ގަ އެވެ.