Advertisement

މޫސުމީ ބަދަލުތަކާބެހޭ މަންދޫބަކަށް ސަބްރާ

16 ޖޫން 2021 - 20:55 3

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކްލައިމެޓް ޗޭންޖް އެންވޯއީއަކަށް ރައީސް ސޯލިހު އައްޔަނުކުރެއްވި ސަބްރާ. -ފޮޓޯ: ރައީސް އޮފީސް


މޫސުމީ ބަދަލުތަކާބެހޭ މަންދޫބަކަށް ސަބްރާ

16 ޖޫން 2021 - 20:55 3

ދާދި ފަހުން ތަސްދީގުކުރި ކްލައިމެޓް އިމަޖަންސީ ގާނޫނުގެ ދަށުން ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް ގެ މަގާމަށް ސަބްރާ އިބްރާހީމް ނޫރައްދީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަނުކުރައްވައިފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަނުކުރަންޖެހޭ މޫސުމީ ބަދަލުތަކާ ބެހޭ މަންދޫބަށް އައްޔަނުކުރެއްވި ސަބްރާ ހުންނެވީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމުގަ އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސަފީރު ފެންވަރުގަ އެވެ. އެއީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ މަގާމެކެވެ.

ގާނޫނުގައިވާ ގޮތުން އެ މަންދޫބުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުން ހިމެނެ އެވެ.

އިނގިރޭސިވިލާތުން ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް މާސްޓާސް ހައްދަވާފައިވާ ސަބްރާ ވަނީ މީގެ ކުރިން އެމްޑީޕީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ކްލައިމެޓް އިމަޖަންސީ ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން އުފެއްދި ގާނޫނެކެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުންތެރިކުރުމަށް އިސްނަގައި ވަކާލާތުކުރާ ބަޔަކަށް ރާއްޖެ ހެދުމަށް ބާރުއެޅުމަށާއި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.

މިގާނޫނުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ މީލާދީ އަހަރަކަށް ބޭރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައްވައި މަޖިލީހުން ފާސްކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ކޮންމެ އަހަރެއް ނިމުމުގެ ތިން މަސްދުވަހުގެ ކުރިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.

މީގެ އިތުރުން ވެސް މި ގާނޫނުން ވަނީ މޫސުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން އިސްވެ ކުރުމަށް ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ އިދާރާއެއް މިނިސްޓްރީގެ ދަށުން އުފެއްދުމަށް ލާޒިމްކޮށްފަ އެވެ.