13 ޖޫން 2021 - 01:53 0
ލުކާކޫ ރަޝިއާ ގޯޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
13 ޖޫން 2021 - 01:53 0
ޕީޓާސްބާގް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން 3-0 އިން ރަޝިއާ ބަލިކޮށް ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް މި ފަހަރުގެ މުބާރާތް މޮޅަކުން ފަށައިފި އެވެ. ބެލްޖިއަމްގެ ތަރި އަކީ ދެ ގޯލު ޖެހި ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.
މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރު ބެލްޖިއަމުން އެ ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން އިޓަލީ އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ.
ބެލްޖިއަމުން މި ފަހަރުގެ ޔޫރޯ އަށް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކޮލިފައިވިއިރު، ކޮލިފައިން ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް ވަނީ ރަޝިއާ ބަލިކޮށްފަ އެވެ. ކޮލިފައިން ބުރުގައި ރަޝިއާ ބަލިވީ ވެސް ހަމައެކަނި ބެލްޖިއަމް އަތުންނެވެ. އަދި މި ފަހަރުގެ މުބާރާތް ފަށަން ޖެހުނީ ވެސް ބެލްޖިއަމް އަތުން ބަލިވެގެންނެވެ.
ޓީމުގެ މުހިއްމު ކުޅުންތެރިޔާ ކެވިން ޑިބްރޭނާ އަނިޔާގެ ސަބަބުން ނުލައި ކުޅުނު ބެލްޖިއަމުން ވަނީ 10 ވަނަ މިިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ރަޝިއާގެ ޑިފެންޑަރުން އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ލުކާކޫ ޖެހި ގޯލެކެވެ.
ބެލްޖިއަމް ޓީމަށް އެންމެ ގިނަ ގޯލު ޖަަހައިދިން ލުކާކޫ ވަނީ މި ގޯލު ޖެހުމަށް ފަހު އޭނާއާ އެއް ކްލަބް، އިންޓަ މިލާނަށް ކުޅޭ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް މެސެޖެއް ދީފަ އެވެ. މިރޭ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. ލަނޑު ޖެހުމަށް ފަހު ކެމެރާ ކައިރިއަށް ޖެހިލުމަށް ފަހު ލުކާކޫ ބުނީ "އެރިކްސަން ދެކެ ވަރަށް ލޯބިވާ" ކަމަށެވެ.
ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީީ.- ފޮޓޯ: އޭއެފްޕީ
އާދައިގެ ގޮތަކަށް ގޯލެއް ވަތް ނަމަވެސް ރަޝިއާ އިން ފަހުން ވަނީ ރަނގަޅަށް ކުޅެން ފަށައިފަ އެވެ. ރަޝިއާގެ މާރިއޯ ފެނާންޑޭސް އާއި އަންދްރޭ ސެމެނޯވް އަށް ލިބޭ ބޯޅަތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ބޭނުމެއް ނުހިފެ އެވެ.
މެޗުގެ 27 ވަަނަ މިނިޓްގައި ބެލްޖިއަމްގެ ޓިމޮތީ ކަސްޓާނިއޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ތޯމަސް މުނިއޭ ކުޅެން އެރިވި އެވެ. އޭނާ ވަނީ ކުޅެން އެރިތާ ހަތް މިނިޓް ތެރޭ ގޯލެއް ޖަހައިފަ އެވެ. ރަޝިއާގެ ކީޕަރު އޮންޓޮން ޝުނިން އަތުގައި ޖެހިފައި ލިބުނު ބޯޅަ މުނިއޭ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އޭގެ ފަހުން އިތުރު ގޯލެއް ޖަހަން ބެލްޖިއަމްގެ ޔަނިކް ކަރަސްކޯ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.
ދެ ވަނަ ހާފްގައި ރަޝިއާ އިން ވަނީ ބެލްޖިއަމް ހާފު ތެރޭގައި ކުޅެ ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ރަޝިއާގެ އަލެކްސަންޑަ ގޮލޯވިން އާއި އާޓެމް ޒޫބާ އަށް ލިބޭ ބޯޅަތަކުގައި އެޓޭކް ކުރެވޭތޯ ބެލި ނަަމަވެސް ބެލްޖިއަމް ޑިފެންޑަރުން ދިޔައީ އެކަން ކާމިޔާބުވިޔަ ނުދޭން ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.
މެޗުގެ 89 ވަނަ މިނިޓްގައި ލުކާކޫ ވަނީ ބެލްޖިއަމްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭނާ މި ގޯލު ޖެހީ މުނިއޭ ދިން ބޯޅަ އަކުންނެވެ. އޭނާ ވަނީ ރަނގަޅު ވަގުތުގައި އޭރިއާތެރެއަށް ދުވެ ލިބުނު ބޯޅަ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ލުކާކޫ މެޗަށް ފަހު ބުނީ މި މެޗު ކުޅެން ވެސް އޭނާ އަށް ވަރަށް އުނދަގޫވި ކަމަށާއި އެރިކްސަން އަކީ އެހެން ގައުމެއް ވިޔަސް އޭނާގެ އާއިލާ މެމްބަރެއް ކަމަށެވެ.
"އަހަރެން ކުޅެން ވެސް ބޭނުމެއްނުވި. އެކަމަކު މެޗަށް އައީ. އަހަރެން ސިކުނޑީގައި އެނބުރުނީ އެރިިކްސަންގެ ކަންތައްތައް. އަހަރެން މި މޮޅު ކުޅުން އޭނާ އަށް ހާއްސަ ކުރަން،" ލުކާކޫ ބުންޏެވެ.
ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 19 މެޗުން ލުކާކޫ ވަނީ 22 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލުކާލޫ އަކީ މި ފަހަރުގެ ޔޫރޯއާ ކުރިމަތިލިއިރު، އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ. އޭނާ އަކީ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާ އެވެ.
Comment