Advertisement

ޑެންމާކް އަތުން ފިންލެންޑަށް ތާރީހީ މޮޅެއް

13 ޖޫން 2021 - 00:30 0

ލަނޑު ޖެހުމަށް ފަހު ފިންލެންޑްގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ


ޑެންމާކް އަތުން ފިންލެންޑަށް ތާރީހީ މޮޅެއް

13 ޖޫން 2021 - 00:30 0

ކޯޕެންހާގެން، ޑެންމާކް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑް ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކް އަތުން 1-0 އިން މޮޅުވެއްޖެ އެވެ. މިއީ ފިންލެންޑުން ބައިނަލްއަގުވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ.

ފިންލެންޑަކީ ޔޫރޯ/ވޯލްޑް ކަޕް މި ދެ މުބާރާތުގައި އަލަށް މެޗެއް ކުޅެގެން ފުރަތަމަ ފަހަރުން ވެސް މޮޅުވި ފުރަތަމަ ޓީމެވެ.

މިރޭގެ މެޗު ވަނީ ދެ ގަޑިއިރެއްހާއިރަށް މެދުކަނޑާލައިފަ އެވެ. އެއީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓި އޭނާ އަށް އިމެޖަންސީކޮށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދާން ޖެހުމުންނެވެ.

ހުއްޓާލި ހިސާބުން މެޗު އަލުން ފަށަން ޔުއެފާ އިން ނިންމީ ދެ ޓީމާ މަޝްވަރާ ކުރުމަށް ފަހު އެވެ. ޑެންމާކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެރިކްސަން ވަނީ ހޮސްޕިޓަލުގައި އޮވެ ޓީމާ ވީޑިއޯ ކޯލަކުން ވާހަކަ ދައްކައި މެޗު ކުރިއަށް ގެންދަން އެދިފަ އެވެ.

މެޗު ފަށައިގެން ޑެންމާކުން ދިޔައީ ފިންލެންޑް ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ. އެ ގޮތުން އެރިކްސަން އޭރިއާ ބޭރުން ޖެހި ޝޮޓެއް ފިންލެންޑް ގޯލުގައި މިރޭ މޮޅު ކުޅުމެއް ދެއްކި ލޫކަސް ރަޑޭޗީ ވަނީ މަތަކޮށްފަ އެވެ. އަދި އެމީލް ހޮއިބިއާ ބޮލުން ޖެހި ބޯޅައެއް ވެސް ހުއްޓުވީ ތަޖުރިބާކާރު ކީޕަރު ރަޑޭޗީ އެވެ.

އެރިކްސަން ހޭނެތިގެން މެޗު ހުއްޓާލީ 44 ވަަނަ މިނިޓްގަ އެވެ. އަލުން ފެށިއިރު، ދެ ހާފުގެ ދެމެދުން ދިނީ ފަސް މިނިޓްގެ ވަގުތެކެވެ.

އަލުން ފަށައިގެން ވެސް ޑެންމާކުން ދިޔައީ ފިންލެންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެކަމަކު ލަނޑު ޖެހީ ފިންލެންޑުންނެވެ. އެ ޓީމުން މެޗުގައި ޑެންމާކުގެ ގޯލާ ސީދާކޮށް ފޮނުވާލި ފުރަތަމަ ބޯޅައިން ގޯލު ޖެހި އެވެ. މި ލަނޑު ކާމިޔާބުކުރީ ޔޮއެލް ޕޮޔަންޕާލޯ އެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި ފިންލެންޑަށް ޖަހައިދިން ފުރަތަމަ ގޯލު ޖެހުމުގެ ޝަރަފް ލިބުނު ނަމަވެސް އޭނާ އުފާފާޅެއް ނުކުރެ އެެވެ.

ޑެންމާކަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ހޮއިބިއާ އަށެވެ. މެޗުގެ 74 ވަަނަ މިނިޓްގައި ހޮއިބިއާ ފޮނުވާލި ޕެނަލްޓީ ފިންލެންޑްގެ ކީޕަރު ރަޑޭޗީ ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާތެެރެއިން ޔޫސެފް ޕޯލްސަން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރަޑޭޗީ އަކީ ޔޫރޯގެ ފުރަތަމަ މެޗުގައި ޕެނަލްޓީއެއް މަތަކުރި ތިން ވަނަ ކީޕަރެވެ.

އަމިއްލަ ގައުމުގައި 16 ހާހެއްހާ ސަޕޯޓަރުން ކުރިމަތީގައި ޑެންމާކުން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖަހަން ފަހު ވަގުތާ ހަމައަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެ އަށް ވުރެ ފިންލެންޑްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.

މިއީ މިދިޔަ 21 އަހަރު ތެރޭ ފިންލެންޑަށް ޑެންމާކު އަތުން ލިބުނު ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ފިންލެންޑް ކުޅުނު 22 މެޗުގެ ތެރެެއިން މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 2000 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ.