Advertisement

ކޮޅިގަނޑެއްގައި ޖެހުނު މެޗުން ޑެންމާކް ބަލިކޮށް ޖަރުމަނު ކުއާޓާ އަށް

30 ޖޫން 2024 - 02:19 0

ޖަރުމަނުގެ ދެ ވަނަ ލަނޑު ޖެހި މުސިއާލާ ގޯލަށް ފަހު އުފާފާޅުކުރަނީ.


ކޮޅިގަނޑެއްގައި ޖެހުނު މެޗުން ޑެންމާކް ބަލިކޮށް ޖަރުމަނު ކުއާޓާ އަށް

30 ޖޫން 2024 - 02:19 0

ޑޯޓްމަންޑް (ޖޫން 30) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި، ވިއްސާރަ ކޮޅިގަނޑެއްގައި ޖެހި، 20 އަށް ވުރެ ގިނަ މިނިޓް މެދުކަނޑާލަން ޖެހުނު މިރޭގެ މެޗުން ޑެންމާކް 2-0 އިން ބަލިކޮށް ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކުއާޓާގައި ޖަރުމަނުން ކުޅޭނީ ގަދަ 16 ގައި، ޖޯޖިއާ އާއި ސްޕެއިން ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ސިގްނަލް އިޑޫނާ ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން ޖަރުމަނުގެ ނިކޯ ޝްލޮޓާބެކް ވަނީ ގޯލެއް ޖަހައިފަ އެވެ. ޝްލޮޓަބެކް ގައުމީ ޓީމަށް ޖަހައިިދިން ފުރަތަމަ ގޯލު ބަލައިނުގަންނަން ނިންމީ، ޑެންމާކްގެ ކުޅުންތެރިއަކަށް ފައުލުކޮށްފައި މި ގޯލު ޖެހި ކަމަށް، ރެފްރީ މައިކަލް އޮލިވާ ނިންމުމުންނެވެ.

މެޗުގެ 35 ވަަނަ މިނިޓްގައި މެޗުގެ ކުޅުން ވަނީ ވިއްސަކަށް މިނިޓަށް މެދުކަނޑާލައިފަ އެވެ. އެއީ ވިއްސާރައިގެ ސަބަބުން ވިދާގުގުރާތީ ނިންމި ނިންމުމެކެވެ.

މިރޭގެ މެޗުގެ ތެރެއިން ވިއްސާރަ ވިލާ ނަގައިފައި: މެޗު ވިހި މިނިޓަށް ވުރެ ގިނަ ވަގުތު ހުއްޓާލަން ޖެހުނު.


ފުރަތަމަ ހާފުގައި ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލުންޑަށް ގޯލު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބުނެވެ.

އެ ގޮތުން އެއް ފުރުސަތުގައި ހޮއިލުންޑަށް ބޯޅަ ފޮނުވާލަން ލިބުމުގެ ކުރިން، ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ހޯދައިފަ އެވެ. އަނެއް ބޯޅަ، އޭރިއާތެރެއިން ލިބުމުން ހޮއިލުންޑް ފޮނުވާލި ނަމަވެސް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން، 48 ވަނަ މިނިޓްގައި ޔަކީމް އެންޑަސަން ވަނީ ޑެންމާކަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑެއް ކަމަށެވެ. އެއީ، އެންޑަސަން އަށް އެ ބޯޅަ ލިބުމުގެ ކުރިން، ޑެންމާކްގެ ތޯމަސް ޑެލަނީ އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައިގައި ފައި ޖައްސާފައިވާތީ އެވެ.

އޭގެ ދެ މިނިޓް ފަހުން، އޭރިއާތެރެއިން އެންޑަސަން އަތުގައި ޖެހުނު ބޯޅައަކަށް ޖަރުމަަނަށް ޕެނަލްޓީއެއް ދިނެވެ. މިއީ ވީއޭއާރް އިން އަންގައިގެން ދަނޑުގައި ހުރި މޮނީޓަރުން ބަލާފައި ނިންމި ނިންމުމެކެވެ.

ޑެންމާކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް މި މެޗުގައި، ރެފްރީގެ އޮލިވާގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ.

ޖަރުމަނަށް ފުރަތަމަ ލަނޑު ޖަހައިދިން ހަވާޓްޒް ގޯލަށް ފަހު އުފާފާޅުކުރަނީ.---


މެޗުގެ 53 ވަނަ މިނިޓްގައި އެ ޕެނަލްޓީ ކާމިޔާބުކުރީ ކައި ހަވާޓްޒް އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ހަވާޓްޒް އަށް ދެ ވަނަ ލަނޑެއް ޖަަހަން މުޅިން ހުސް ފުރުސަތެއް ލިބުނުއިރު، ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ޖަރުމަނުގެ އޭރިއާތެރެއިން ހޮއިލުންޑް ޖެހި ބޯޅަ ކީޕަރު ނޯޔާ މަތަކުރި އެވެ. އޭގެ ދެ މިނިޓް ފަހުން، ޝްލޮޓަބެކް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖަމާލް މުސިއާލާ ވަނީ ޖަރުމަނުގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. އޭނާ އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެެވެ.

މިއީ، މި ފަހަރު ޔޫރޯގައި މުސިއާލާގެ ތިން ވަނަ ގޯލެވެ. ޔޫރޯގެ ރަން ބޫޓު ލިސްޓު ކުރީގައި އޮތީ ތިން ގޯލާ އެކު، މުސިއާލާގެ އިތުރުން، ޖޯޖިއާގެ ޖޯޖެސް މިކައުޓްޒޭ އެވެ.

މި މެޗުގައި، ބަދަލަކަށް ކުޅެން އެރި ޖަރުމަނުގެ ފްލޯރިއަން ވާޓްޒް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން، ކައުންޓަ އެޓޭކުގައި ހަވާޓްޒް އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ޑެންމާކް މި ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެެވެ. އޭގެ ތެރެއިން ދެ ފަހަރު ޖަރުމަނު އަތުން ބަލިވެފައިވެ އެވެ. އެއީ، މީގެ ކުރިން، 1988 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ މެޗު ވެސް ހިމެނޭ ގޮތަށެވެ.

ޖަރުމަނު ބަލިކޮށް 1992 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޑެންމާކުން، ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.

ގަދަ 16 ބުރުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ ވަނީ ސްވިޒަލެންޑް އަތުން 2-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެެވެ.