Advertisement

ދިގުވާހަކަ: އޮލިމްޕަސް

6 ޖޫން 2021 - 08:52 0

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

6 ޖޫން 2021 - 08:52 0

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ޝިމާނާގެ ހިތުގެ ތެޅުން ކުރިއަށްވުރެ ވެސް ބާރުވިއެވެ. ހަތަރެސްފައި ތުރުތުރުއަޅާން ފެށިއެވެ. ހާސްވެ ކަންބޮޑުވި ވަރުން ދާ ހިއްލާން ވެސް ފަށައިފިއެވެ. ފޯނުގައި އިން ފައިރޫޒު ދައްކާ ވާހަކައެއް އޭނާއަކަށް ނީވެއެވެ. ފައިރޫޒުގެ ގައިގައި ބައްދައިލަމުން، އޭނާއަށް އަނެއްކާ ވެސް ބަލައިލެވުނީ ފަހަތަށެވެ. ފެނުނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ކުރިއަށްވުރެ ވެސް ހަލުއި ހިނގުމެއްގައި ނަޖާހު އައިސް، އެ މީހުންނާ އަރައި ހަމަކުރާ ތަނެވެ.

"ފައި... ޕްލީޒް! ދެން ނައްޓާލަބަލަ!"

ޝިމާނާގެ އަޑު ތަންކޮޅެއް ބާރު ވެސް ވެއްޖެއެވެ. ހާސްވެ ކަންބޮޑުވިވަރުން އޭނާ އިނީ ހަމަހޭވެރިކަމުން ބޭރުގައެވެ. ބައްޕަގެ ކޯލެއްގައި އިންދާ، މާ ބާރަށް އެހެން ބުނުމުން ފައިރޫޒު ހިތްހަމަނުޖެހި ފޯނު ކުރުކޮށްލިއެވެ. އެ ވަގުތު ނަޖާހު އައިސް އެ މީހުންނާ އަރައި ހަމަކޮށްފިއެވެ.

"ޝިމާ!" އާދޭހުގެ ރާގުގައި ނަޖާހު އައިސް ޝިމާނާއަށް ގޮވައިލިއެވެ. އެ އަޑަށް ފައިރޫޒަށް އެނބުރި، ނަޖާހާ ދިމާއަށް ބަލައިލެވުނެވެ. "ހިނގާބަލަ އަހަރެމެން ގެއަށް އެއް ފަހަރު ނަމަވެސް ވަދެލަން. މަންމަ....."

"ތީ ކާކު؟" ހާސްވެ ގޮތްހުސްވެފައި އިން ޝިމާނާ، ނަޖާހު ދަންނަކަމަކަށް ނުހެދިއެެވެ.

"މީ ނަޖާހެއްނު! ޝިމާއަށް އަހަރެން އެނގޭނެ!" ނަޖާހުގެ އަޑުގައި ހުރީ، ހިތާމައާއި ހިތްދަތިކަމެވެ.

"ކޮން ނަޖާހެއް؟ އަހަރެން ނުދަންނަން!" ޝިމާނާގެ މޫނުމަތީން ރުޅިވެރިކަން ފެންނާންފެށިއެވެ.

"ތިހެން ނަހަދާ ޝިމާ! ޝިމާ ދެކިލާހިތުން މަންމަ އިނީ..."

"ފައި ޕްލީޒް! މި ތަނުން ދާން ހިނގާ!"

"މީ ކާކުތަ؟" ނުރުހުމުގެ ނަޒަރަކުން ޝިމާނާގެ މޫނަށް ފައިރޫޒަށް ބަލައިލެވުނެވެ.

"ނޭނގެ މަށަކަށް! މޮޔައެއް ކަންނޭނގެ! ހިނގާދާން!"

"ތިހެން ނުބުނޭ ޝިމާ! މަށަކީ މޮޔައެއް ނޫންކަން ޝިމާއަށް އެނގޭނެ! އެކަމަކު މިހެން ވަންޏާ އަހަރެން މޮޔަވެދާނެ!"

"ކިހިނެެއްވެގެން ތި އުޅެނީ؟ ޝިމާނާ ކަލެއަށް ކީއްކޮށްގެން ތި އުޅެނީ؟"

"ދެން ހިނގާބަލަ ދާން ފައި! މިހެން ތިބީމަ ވަގުތެއްނު ގެއްލޭނީ!"

"ޝިމާ! އިހަށް މަޑުކޮށްބަލަ!" ޝިމާނާގެ އަތުގައި ނަޖާހު ހިފެހެއްޓިއެވެ.

"ގައިގަ އަތްނުލާ ހުރޭ!" ޝިމާނާ އަތް ފޮޅުވައިލިއެވެ "ކީއްވެތަ ފައި ތި މަޑުކުރަނީ؟ މިތަނަށް މީހުން އެއްވާން ފެށީއޭ؟" ޝިމާނާއަށް ރުޅިއާދެވުނެވެ.

"ޝިމާ! އަހަންނަށް ތިހެން ނުހަދާ! ހެޔޮނުވާނެ! އެންމެ ފަހަރަކު މަންމައަށް ފެނިލަން ވިޔަސް..."

"އޭތް! ކިހިނެއް ވެގެން ތި އުޅެނީ؟ ކީކޭތަ ތި ކިޔަނީ؟" ފައިރޫޒަށް މަޑަކުން ނީނދެވުނެވެ. މަގުހިނގާ މީހުން މި ސަރަޙައްދަށް ޖަމާވަމުން ދާތީއާއެކު، ފައިރޫޒު އިނީ ވަރަށް ބޮޑަށް ބޮލަށް އުނދަގޫވެފައެވެ.

"މަންމަ ޝިމާދެކެލާހިތުން އުޅޭތީ..."

"ފައި ދެން ހިނގާބަލަ މި ތަނުން ދާން!" ނަޖާހުގެ ތުރުތުރުއަޅަމުން ދިޔަ އަޑު މެދުކަނޑާލައިފައި، ޝިމާނާ ތަންކޮޅެއް ބާރަށް ބުންޏެވެ.

ނަޖާހުގެ މޫނަށާއި ފެންކަޅިވެފައިވާ ދެ ލޮލަށް ފައިރޫޒު ބަލައިލިއެވެ. އެއަށްފަހު އިރުކޮޅަކުން ސައިކަލު ގިޔަރަށްލައި ދުއްވާލައިއެވެ. ސައިކަލުގެ ފަހަތުން ނަޖާހު ހިނގައިގަތެވެ. އެހެންނަމަވެސް ދެ ތިން ހަތަރު ސިކުންތުގެ ތެރޭގައި އެ މީހުން ގޮސް، ޖެހިގެން އޮތް މަގަށް އަޅައިފިއެވެ. ނަޖާހުގެ ލޯމަތިން ޝިމާނާ ގެއްލިއްޖެއެވެ.

ފައިރޫޒަކީ އާންމުގޮތެއްގައި މާ ބާރަށް ސައިކަލު ދުއްވާ މީހެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެއާ މުޅިން ތަފާތެވެ. ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ސިކުނޑީގައި އުފެދިފައިވާ ހަލަބޮލިކަމުގެ އަސަރު، ސައިކަލާ ހަމައަށް ވެސް ފޯރާފައިވާ ކަހަލައެވެ. ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވާ މީހުންތަކުން ނައްޓަމުން، ރެކެމުން އޭނާ ދިޔަ ދިޔުމުގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ނުޖެހުނީ ވެސް ހަމަ ކިރިޔާއެވެ.

"ފައި ތަންކޮޅެއް މަޑުން ދުއްވާ!" އަމިއްލަ ނަފުސު ކުޑަގޮޅިއަށްލައި ހައްޔަރުކޮށްގެން އިން، ޝިމާނާއަށް މަޑުމަޑުން ބުނެވުނެވެ. އެކްސިޑެންޓެއް ވެދާނެތީއެވެ.

ފައިރޫޒު އެއްވެސް އެއްޗެއް ނުބުނެއެވެ. އެ ހުރި ބާރު މިނުގައި ގޮސް މަޑުކުރީ، ހެންވޭރުކޮޅު ކާނިވާ ސަރަހައްދުގައި އޮތް ހުސް ބިމަށެވެ. ސައިކަލުގެ ހަރު ޖެއްސުމަށްފަހު، އެނބުރި ފަހަތުގައި އިން ޝިމާނާގެ މޫނަށް އޭނާ ބަލައިލިއެވެ. ޝިމާނާއަށް ވެސް، ފައިރޫޒުގެ މޫނަށް ބަލައިލެވުނެވެ. ޝިމާނާއަށް ފެނުނީ މުޅިން ތަފާތު މޫނެކެވެ. ހިތްހަމަނުޖެހުމުގެ ކުލަވަރު އަތްގަދަކޮށް، ކިލަނބުކޮށްފައިވާ މޫނެކެވެ. އެ ކިލަނބުކަން ފައިރޫޒުގެ މޫނުގެ ރީިތިކަން ވެސް ވަނީ ޖަހައިގެންފައެވެ.

"ކީއްކުރަން މި ތަނަށް މި އައީ؟" ޝިމާނާ ވާހަކަ ދެއްކީ ފިނި ހިތަކާއެކު، މަޑުމައިތިރިކޮށެވެ. އޭނާ ބޭނުންވަނީ ފައިރޫޒު ފިނިކުރާށެވެ. އޭނާގެ އުދާސްވެފައި އޮތް ހިތް، ގަނޑުފެންކޮޅަކަށް ހަދާށެވެ.

"މިއަދު ގަތްވަރުގެ ލަދެއް، ދުވަހަކު ވެސް އަހަރެން ނުގަނޭ!" ފައިރޫޒު އިނީ ޝިމާނާގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ.

"މަ ވެސް ވަރަށް ލަދުގަތް." ފައިރޫޒުގެ ގައިގައި ޝިމާނާ ބައްދައިލީ ލޯތްބާއެކުގައެވެ.

"ދޮގު ނުހަދާ ރަނގަޅަށް ބުނޭ! އެއީ ކާކު؟" ފައިރޫޒުގެ ގައިން ޝިމާނާ ވަކިކޮށްލިއިރު، ފައިރޫޒުގެ އަޑާއި ރާގުގައި ހަރުކަށިކަން ހުއްޓެވެ.

"އެއީ... ގޭ ދޮށުގައި އުޅޭ، މޮޔަ މީހެއް!" ތެޅިތެޅި އޮތް ހިތަކާއެކު ޝިމާނާ ބުންޏެވެ.

"ކިހިނެއް އޭނާއަށް ޝިމާނާގެ ނަން އެނގުނީ؟ ކޮން މަންމައެއްގެ ވާހަކައެއް އޭނާ އެ ދައްކަނީ؟"

"ނޭނގެ! ދެން ތި ވާހަކަ ބާއްވަބަލަ!" މި ކަމަކާހުރެ، ޝިމާނާގެ ސިކުނޑި ފައިޅައިގެންދާވަރު ވެއްޖެއެވެ.

"އަހަންނަކަށް ޝިމާނާގެ ވާހަކަ ގަބޫލެއް ނުކުރެވޭ!"

"ގަބޫލުކޮށްބަލަ! ހެޔޮނުވާނެ! އަހަރެން ފައިއަކަށް ދޮގެއް ނަހަދާނަމޭ."

"ދޮގު ހެދިޔަސް ނެހެދިޔަސް ހެޔޮ! އެބަ އުޅޭ ގޯހެއް. ވަރަށް ބޮޑު ގޯހެއް އެބަ އުޅޭ! ކުއްލިއަކަށް ފޯނުނަންބަރު ވެސް ބަދަލުކުރީނު. ރަނގަޅަށް ކިޔައިދީ! އެހެންނޫނީ..."

"ޕްލީޒް ފައި! ދެން ތި ވާހަކަ ހުއްޓާލަބަލަ! މިހެން ތިއްބާ ފިހާރަތައް ވެސް ބަންދުކޮށްފާނެ."

"ކޮށްފާނެއެއްނު. ކީއްވާނީ؟"

"އަޅެ ތި ގޮތަށް ވާހަކަ ނުދައްކަފާނަންތަ؟" ޝިމާނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ.

"ބޯ ހަލާކު!" ސައިކަލު އިސްޓާޓުކޮށްލުމަށްފަހު، ފައިރޫޒު ސައިކަލު ދުއްވާލިއެވެ.

ރަތްވިލާގެ ހިތްގައިމު ކުލަތަކުން އުޑުމަތި ފެވެމުން ކުލަޖެހެމުން އަންނަ ވަގުތެވެ. މާލޭގެ އުދާސް މަގުތަކުގެ އުދާސްކަން ރޭގަނޑުގެ ފިނިކަމަށް ތަންދޭން ފަށައިފިއެވެ. ފިކުރެއް ޚިޔާލެއް ނެތި، ބާޒާރުމަތީގައި އުޅެލާފައި އިޤުބާލު އައިސް ގެއަށް ވަންއިރު، މޫނުމަތީން ފެންނާން ހުރީ ވަރުބަލިކަމެއް ނޫނެވެ. ކަންބޮޑުވުމެވެ. ސިޓިންރޫމުގައި ފޯއްކޮށަން އިން ބަދޫރާއާ ދިމާއަށް ބަލައިލަމުން ދޫކޮށްލި ފުން ނޭވާއާއެކު، ބަދޫރާއަށް އިސްއުފުލައި ބަލައިލެވުނެވެ.

"ކޮބާ ޝިމާނާ؟" އިޤުބާލު ފުރަތަމަ ވެސް އެހީ ޝިމާނާގެ ވާހަކައެވެ.

"ފައިރޫޒާއެކު ބޭރަށް ގޮސްވީ."

"ގޯހެއް ހިނގައިފި." އިޤުބާލު އައިސް، ޖެހިގެން ހުރި ގޮނޑީގައި އިށީނދެ، ބަދޫރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ކޮން ގޯހެއް؟"

"އަހަރެން މި އައި މަގުމަތީގައި، ކުދީނާގޭ އީސައާ ދިމާވެގެން، ވަރަށް އެހެން ކަހަލަ ވާހަކައެއް ދައްކައިފި."

"ކީކޭ ކީ؟"

"އޭނަ ބުނީ ކޮންމެވެސް މީހަކު ޝިމާނާގެ އަތުގައި ހިފަހައްޓައިގެން، ކަމަކާ ވަރަށް އާދޭސްކޮށްކޮށްފަ ހިނގައްޖެޔޯ. އޭރު ޝިމާނާ އިނީ، ސައިކަލެއްގެ ފަހަތުގައޭ ވެސް ބުނި."

"ހަމަތެދެއް؟" ބަދޫރާގެ މޫނުމަތިން ވެސް ކަންބޮޑުވުމުގެ ކުލަވަރު ފެނިގެންދިޔައެވެ.

"އާނ! މަށަށް ހީވަނީ ފައިރޫޒުގެ ފަހަތުގައި އިންދާ، އެ ނަޖާހަށްގަންނައެތި އައިސް ޝިމާނާއާ ދިމާކުރީހެން."

"ސުބުޙާނަﷲ! ދެން ކިހިނެއް ހަދާނީ؟"

"ތިއޭ މަ ވެސް އަހަން މި އުޅޭ އެއްޗަކީ."

އިޤުބާލުގެ ދެމަފިރިންނެކޭ އެއް ފަދައިން، ފައިރޫޒުގެ ސައިކަލުގެ ފަހަތުގައި އިން ޝިމާނާގެ ހިތް ވެސް އޮތީ، ހާސްކަމެއްގެ ތެރޭގައި ތެޅިތެޅިއެވެ. ހެންވޭރުކޮޅުން ނައްޓާލިގޮތަށް، ފައިރޫޒު އެއްވެސް ވާހަކައެއް ނުދައްކައެވެ. ޝިމާނާ ތިން ހަތަރު ފަހަރު ވާހަކަ ދައްކަން މަސައްކަތްކޮށްފިއެވެ. އޭނާ އައިގޮތަށް އައިސް މަޑުކޮށްލީ، ޝިމާނާމެންގޭ ކައިރިއަށެވެ.

"ފައިބާ!" ފައިރޫޒުގެ އަޑުގައި ގާތްކަމެއް ނެތްތާނގައި ހުރީ، ހަރުކަށި އަމުރުވެރި ގޮތެކެވެ.

"އެއްޗެހި ގަންނާކަށް ނުދަމުތަ؟" ޝިމާނާއަށް އަހައިލެވުނެވެ. ސައިކަލުން ފައިބާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"މި ބުނީނު ފައިބާށޭ!" ފައިރޫޒުގެ ޖުމުލަ، ކުރިއަށްވުރެ ވެސް ހަރުކަށްޓެވެ.

ޝިމާނާއަށް އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އިރުކޮަޅަކު އިނދެފައި، މަޑުމަޑުން ސައިކަލުން ފައިބައި ފައިރޫޒާ ދިމާއަށް ބަަލައިލިއެވެ. އޭރު އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައިފިއެވެ.

"އެ ކަމުގެ ހަގީގަތް އޮޅުން ނުފިލުވައި، ކައިވެންޏަށް ގަންނާނެ އެއްވެސް އެއްޗެއް ނޯންނާނެ! ޝިމާނާ ތި ހެދީ ދޮގުކަން މަށަށް ސާބިތުވެއްޖިއްޔާ، މިހައި ހިސާބުން ދެ މީހުންގެ ގުޅުން އަބަދަށް ކެނޑުނީ. އަހަރެން އެ މީހަކު ހޯދައި، ތި ކަމެއް ހިނގާފަ އޮތްގޮތެއް އޮޅުން ފިލުވުމަށްފަހު ނޫނީ، ދެން މި ގޭދޮށަކަށް ނާންނާނަން! ނުވެސް ގުޅާނަން! ޝިމާނާ ވެސް މަށަށް ގުޅައިގެން ނުވާނެ!" ޝިމާނާއާ ދިމާއަށް ބަލައި ވެސް ނުލައި، ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު، ފައިރޫޒު ނައްޓާލައިފިއެވެ. (ނުނިމޭ)