Advertisement

އޮލިމްޕިކްސްގެ ފުރުސަތާ އެކު ރާއްޖޭގެ ބެޑްމިންޓަންގެ ބޮޑު ޓާގެޓެއް ހާސިލްވެއްޖެ

7 ޖޫން 2021 - 11:05 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ.-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން


އޮލިމްޕިކްސްގެ ފުރުސަތާ އެކު ރާއްޖޭގެ ބެޑްމިންޓަންގެ ބޮޑު ޓާގެޓެއް ހާސިލްވެއްޖެ

7 ޖޫން 2021 - 11:05 0

ދުރުރާސްތާ ޕްލޭންްތަކެއް ހަދައިގެން މީގެ ކުރިން ވެސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކަންތައްތަކެއް ހާސިލްކޮށްފި އެވެ. އެ ގޮތުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކުން ރަން މެޑަލް ހޯދައިފި އެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ހޯސްޓް ވެސް ކޮށްފި އެވެ. އަދި ބެޑްމިންޓަނުގެ ބައިނަލްއަގުވާމީ ރޮނގުން ނުފޫޒު ގަދަ އޮފީހެއް ރާއްޖެ އަށް ބަދަލުކުރުމުގައި ވެސް ކާމިޔާބު ހޯދައިފި އެވެ.

އެ ހުރިހާ ކަމަަކަށް އިތުރު ފުރިހަމަކަމެއް ގެނައީ އަންނަ މަހު ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސް އިން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައި ބެޑްމިންޓަނުން މީގެ ހަތް އަހަރު ކުރިން ހެދި ޕްލޭނެއް ކާމިޔާބުކޮށްދިނުމުންނެވެ. ނަބާ އަކީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާ އެވެ.

"މިއީ ވަރަށް ހާއްސަ ވަގުތެއް. އަހަރެމެން މި މަސައްކަތް 2013 ވަނަ އަހަރު ފެށީ. އެއީ އަންހެން އެތުލީޓަކު އޮލިމްޕިކްސްއާ ހަަމައަށް ގެންދަން. އަހަރެމެން އެކަން 2016 ވަނަ އަހަރު ރިއޯ އޮލިމްޕިކްސްގައި ވެސް ކުރެވޭތޯ ބެލިން،" ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިޔަކީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސް އިން ފުރުސަތު ލިބުނު މުހައްމަދު އަޖުފާން އެވެ. އަޖުފާނާއި ނަބާ އަށް ވެސް އޮލިމްޕިކުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ.

މިއީ ބީީއޭއެމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.

މޫސަ ވަނީ ނަބާ ހޯދި ކާމިޔާބަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ތާރީހީ ކަމެއް ހުރިހާ ދިވެހިންނަށް. ހާއްސަކޮށް އަހަރެމެން ގައުމުގެ ބެޑްމިންޓަން އާއިލާ އަށް. ނަބާ އެ ގެންދަނީ ދިވެހި ދިދަ ކުޅިވަރުގެ އެންމެ މަތީ ހަރުފަތުގައި ވާދަކުރަން. މިއީ ވަރަށް ބޮޑު ކާމިޔާބެއް. މިއީ ވަރަށް ބުރަ މަސައްކަތާއި ހިތްވަރުން ކުރެވުނު ކަންކަމުން ހާސިލްވި ކަމެއް. ނަބާ އަށް ކާމިޔާބަށް އެެދެން،" މޫސަ ވިދާޅުވި އެވެ.

ނަބާ ވަނީ އޭނާ އަށް މި ތާރީހީ ފުރުސަތު ހޯދައިދޭން ބީއޭއެމް އިން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި 14 މެޑަލް ހޯދާފައިވާ ނަބާގެ އެންމެ ބޮޑު ހުވަފެނަކީ އޮލިމްޕިކްސްގައި ވާދަކުުރުމެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން މި ފަހަރުގެ އޮލިމްޕިކްސް އަށް އަމާޒުކޮށް ފެށި ޓްރެއިނިން ޕްރޮގްރާމްގައި ނަބާ އާއި އޭނާގެ ދައްތަ އައިމިނަތު ނަބީހާ (ނަބީ) އެކުގައި ބައިވެރިވި އެވެ. ލަންޑަން އޮލިމްޕިކްސް 2012 އިން އަޖުފާނަށް ލިބުނު ފުރުސަތާއި މި ފަހަރު ނަބާ އަށް ލިބުނު ފުރުސަތުގައި ކުޑަ ތަފާތެއް އެބަހުއްޓެވެ. ނަބާ އަށް ފުރުސަތު ލިބުނުއިރު އިންޓަނޭޝަނަލް ރޭންކިން އާއި މުބާރާތްތަކުގައި ނެރެފައި ހުރި ނަތީޖާތަކަށް ވަރަށް ބޮޑަށް ބަލާފައިވެ އެވެ.

ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތަކުން ނަބާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓްތަކުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. ދެން ދުނިޔޭގެ ރޭންކިންގައި ނަބާގެ ކުރިއެރުމަށް ވަނީ ވަރަށް ބޮޑަށް ބަލައިފަ އެވެ.

މޫސަ ވަނީ ނަބާ އަށް މި ފުރުސަތު ހޯދައިދޭން ޖަޕާންގެ ފަރާތުން ލިބުނު އެހީތެރިކަމަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ދިން އެއްބާރުލުމަށާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތުން މިކަމުގައި ދެއްވި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.