Advertisement

އެންމެންގެ ކުރިމަތީގައި އެކުވެރިޔާ މަރުވި ހިތްދަތި މަންޒަރު!

6 ޖޫން 2021 - 12:24 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ޝުނާން: އޭނާގެ މަރުން އެކުވެރިން ތިބީ ޝޮކެއްގައި.


އެންމެންގެ ކުރިމަތީގައި އެކުވެރިޔާ މަރުވި ހިތްދަތި މަންޒަރު!

6 ޖޫން 2021 - 12:24 1

އެއްގަމުގައި މުހައްމަދު ހިޝާމް މަޑުކޮށްލައިގެން ހުރީ އޭނާގެ ތިން އެކުވެރިން ޖެޓް ސްކީ ދުއްވާ މަންޒަރު ބަލާށެވެ. ޕިކްނިކް އެ ދަތުރުގައި ދިޔަ އެހެން ޒުވާނުން ވެސް ތިބީ އެތަން ފޮޓޯ ނެގުމާއި ވީޑިއޯކުރުމުގަ އެވެ. ކުއްލިއަކަށް ފެނުނީ ޖެޓް ސްކީ އަނބުރާލި ވަގުތު ޝުނާން ޝަރީފް، 22 ވިއްސައިގެން ދިޔަ ތަނެވެ. އޭނާ ގޮސް ޖެހުނީ އުނދޯއްޔެއް އެލުވަން މޫދުގައި ޖަހާފައި ހުރި ދަނޑިއެއްގަ އެވެ.

ހަ ފޫޓު ދުރުގައި ހުރި ހިޝާމް ދުވެފައި ގޮސް މޫދުން ޝުނާން ނަގައިގެން އެއްގަމަށް އެރިއިރު ވިންދު ހުއްޓެވެ. އެކަމަކު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ދަނޑީގައި ބާރަށް ގޮސް ޖެހުނީ ޝުނާންގެ މޫނެވެ. ދަތްދޮޅިއަށް ގެއްލުންވެފައި ހުރި އިރު މެދު ދަތެއް ނެތެވެ.

"އެއްގަމަށް އެރުވި ފަހުން ދެ ފަހަރަކަށް ނޭވާލި. ދެން ހަރަކާތް ހުއްޓުނީ،" ހިޝާމް ބުންޏެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ. ރިޕޯޓްތަކުން އެނގުނު ގޮތުގައި ޝުނާންގެ ކަނދުރާ ބިނދި، މޭކަށިގަނޑަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެކުވެރިންގެ ޕިކްނިކް ދަތުރުގައި، ބަލަން ތިއްބައި ޝުނާން މަރުވުމުން އެ އެންމެންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. ދިހަވަރަކަށް މީހުން ބައިވެރިވި އެ ދަތުރު ރޭވުމުގައި ވެސް އިސްކޮށް އުޅުނީ ޝުނާނެވެ.

"ހިތަކަށް ވެސް ނާރާ މިހާ ހިތާމަވެރިކޮށް ނިމިދާނެ ކަަމަށް،" ހިޝާމް ބުންޏެވެ.

"އަދިވެސް ހީވަނީ ހަމަ އެ މަންޒަރު ފެންނަހެން. ކުރިން ވެސް މޫދުގައި ހޭނެތިވެފައި އޮތް މީހަކު ނަގައި އެއްގަމަށް އަރުވައި ސީޕީއާރު ދިނިން. ޝުނާން ނަގައިގެން އެރުވިއިރު ވެސް ހިތަށް އެރީ ރަނގަޅުވާނެއޭ."

ޝުނާން މޫދުގައި: ޖެޓް ސްކީ ދުއްވުމާއި ކެނޯ ދުއްވުމަކީ އެކުވެރިންނާ އެކު އޭނާ އާއްމުކޮށް ކޮށް އުޅޭ ކަމެއް.


ހިޝާމް ބުނި ގޮތުގައި އެކުވެރިޔާގެ މަރުން އެ ގްރޫޕާ އެކު މުޅި ރަށަށް ވެސް ވަނީ ހިތްދަތިކަން ވެރިވެފަ އެވެ. ޝުނާނަކީ ސްކޫލުގެ ޓީޗަރެއްގެ ދޮށީ ދަރިފުޅަށްވެފައި ރަށުގެ ގިނަ ބަޔަކާ ގުޅުން ރަނގަޅެވެ. ސްކޫލް ނިންމާފައި ރިސޯޓެއްގެ ވަޒީފާ އަދާކުރަން އުޅުނަސް މި ފަހުން މަސައްކަތް ކުރީ ރަށުގައި ޕޮލިސް ކޭޓަރިންގަ އެވެ.

ރައްޓެހިންނާ އެކު ޖެޓް ސްކީ އާއި ކެނޯ ދުއްވުމަކީ އާއްމުކޮށް ޝުނާނާއި އޭނާގެ އެކުވެރިން ކުރާ ކަމެކެވެ. ދަތުރު ރާވައި އިއްޔެ އެ މީހުން މޫދަށް ދިޔައީ މެންދުރެއްހާ އިރެވެ.

ޝުނާން ވިއްސައިގެން ދިޔައީ ޖެޓް ސްކީގައި އައްސާފައި ހުރި ފަން ބޯޑުގައި އިންދަ އެވެ. އޭނާއެކު އޭގައި އެހެން މީހަކު ވެސް އިނެވެ.

"ޖެޓް ސްކީ އަނބުރާލި ވަގުތު ފަން ބޯޑު ކަހާލައިގެން ދަނޑީގައި ޖެހިދާނެތީ އެއް ކުއްޖަކު ބިރުން ފުންމާލީ. ޝުނާނަށް އެ ވަގުތު ނުލިބި ވިއްސައިގެން ގޮސް އޭނަ ޖެހުނީ ދަނޑީގައި،" ފުނަދޫ ކައުންސިލަރަކު ވިދާޅުވި އެވެ.

ހިޝާމް ބުނިގޮތުގައި އެކުވެރިންގެ އެ ދަތުރުގައި ޝުނާން ގެއްލުމަކީ ހަނދާނުން ފޮހެނުލެވޭވަރުގެ ހިތްދަތި ކަމެކެވެ. އެ ގްރޫޕުގައި، އަބަދުވެސް އޭނާ ނެތުމުގެ ހިތާމަ އޮންނާނެ ކަމަށް ބުންޏެވެ.

"ވަރަށް ގާތްކޮށް އެންމެން ވެސް އުޅޭނީ. މިވީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި އެންމެ ތިބީ. އެކަކު ވެސް ހިތްވަރެއް ނެތް އަދި އެ ވާހަކަ ދައްކަން ވެސް"

ޕިކްނިކް ދަތުރުގައި، އެ ޒުވާނުން އިއްޔެ ރައްކާކުރަން ޖެހުނީ އެކުވެރިޔާ ކުއްލި ގޮތަށް ނިމިގެން ދިޔަ ގޮތެވެ.