18 ސެޕްޓެންބަރު 2023 - 09:14 0
މަރިޔަމް އަފާ ނިޒާމް
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
18 ސެޕްޓެންބަރު 2023 - 09:14 0
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2015 ވަނަ އަހަރު އިއުލާނު ކުރި މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި، އެކަމަށްޓަކައި ހަދާފައިވާ ގާނޫނު ތަންފީޒުކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ށ. ފުނަދޫއަށް ވަޑައިގައިން ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތުގެ ތެރެއިން ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަރަށް މުހިއްމު ގާނޫނެއް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އެފަދަ ޒޯނެއް ރާއްޖޭގައި ތަރައްގީކުރުމަށް ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
"އެ ގާނޫނުގެ ދަށުން [އެސްއީޒެޑް ގާނޫނުގެ ދަށުން] އިންވެސްޓްމެންޓްތައް އަދި ނުގެނެވި ރާއްޖޭގަ މިއޮތީ. އެ ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބައޮތް އެކަން ކުރެވޭނެ ގޮތް. އެހެންވީމަ އަޅުގަނޑުމެންގެ މެނިފެސްޓޯގަ ހިމަނާފަ އޮންނާނެ މި ދެންނެވި އެސްއީޒެޑް ގާނޫނު ތަންފީޒުކުރާ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށެވެ. އަދި އެފަދަ ޒޯނުތައް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައަޅާނީ "ސްޓްރެޓެޖިކް" ކޮށް ޕްލޭން ކުރުމަށްފަހު ކަމުގައި ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެސްއީޒެޑް މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ފ. ހިމިތި އަދި އެ ރަށާއި ގުޅިފައިވާ ފަޅުގަ އެވެ. އެގޮތުން ސައުދީ ސަރުކާރާއި ގުޅިގެން އެ މަޝްރޫއު ހިންގުމަށް މަޝްވަރާތައް ކުރެވުނެވެ. އަދި މި މަޝްރޫއުއަށް ހާއްސަ "ބޯޑް އޮފް އިންވެސްޓްމަންޓް" އެއް އުފެއްދެވި އެވެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަކީ އެ ބޯޑުގެ މެމްބަރެކެވެ. އެ މަޝްރޫއު ހުއްޓުނީ އެކަމަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހުމުގެ ސަބަބުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment