Advertisement

ދިގުވާހަކަ: އޮލިމްޕަސް

2 ޖޫން 2021 - 13:02 0

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

2 ޖޫން 2021 - 13:02 0

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

"ކާކުތަ މާ ވަރަކަށް ގުޅީ؟" ގެއިން ނިކުތްގޮތަށް ފައިރޫޒު ސުވާލުކުރިއެވެ.

"އެ.... އެއީ.... އޮފީސް މީހެއް." ވަގުތު ޖެހުމުގެ ކުރިން ޖަވާބު ތައްޔާރުކޮށް ބަންދުކޮށްފައި ބޭއްވި ނަމަވެސް، ޖަވާބު ދެވުނީ އަޅައިގަންނަމުންނެވެ.

"ދެން...؟ ކީއްވެ ކަނޑައިލީ؟"

"އޮފީހަށް ދާށޭ ބުނަން އެ ގުޅަނީ. މި ރޭ ދެން އޮފީހަށް ދެވޭތަ؟" ފައިރޫޒުގެ އަތުގައި ހިފައިލަމުން، ޝިމާނާ ހިނިތުންވެލީ، ފައިރޫޒުގެ ހިތުގައި ޝައްކުގެ ކަންފުޅެއް ހުރި ނަމަވެސް ދޮވެ ސާފުކޮށްލެވޭތޯއެވެ.

"މާ ވަރަކަށް ގުޅާތީ، މަ ހީކުރީ އާ ފްރެންޑެއް ލިބުނީ ކަމަށް." މި ފަހަރު ފައިރޫޒުގެ އަޑުގައި ހުރީ ސަމާސާ ގޮތެކެވެ. ހިނިތުން ވެލަމުން އޭނާ ސައިކަލަށް އެރިއެވެ.

"ފައި ދައްކާ ވާހަކަ." ހިތް ތެޅެމުން ދިޔަ ނަމަވެސް، އެކަން އޮބަހައްޓަމުން ޝިމާނާ ވެސް ސައިކަލަށް އެރިއެވެ. ފައިރޫޒުގެ އުނަގަނޑުގައި ހިފަހައްޓައިލީ ލޯތްބާއެކުގައެވެ.

"އަނެއްކާ އެކަހަލަ ކަމެއް ނުކުރައްޗޭ!"

"ކޮށްފިއްޔާ...؟" ޝިމާނާ ބޭނުންވީ ވަކަރަށް ޖަހައިލާށެވެ. ހޭވުނު ހަޑި، ޒަމާނެއްގެ ކޮޅުން ވެސް ފައިރޫޒަށް އެނގިއްޖެ ނަމަ، ލައިގަންނާނީ ކޮން ކަހަލަ ތޫފާނަކާތޯ ކަށަވަރުކުރާށެވެ.

"ކޮށްފިއްޔާއޭ؟" ފައިރޫޒުގާތަށް ހިނިއައެވެ. "ނުކުރާނެއެއްނު!" ފައިރޫޒް ސައިކަލު ދުއްވާލިއެވެ.

އެ ރޭ ނިދަން އޮތް އިރުވެސް ޝިމާނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ފައިރޫޒާއެކު ބޭރުގައި އުޅެފައި، ދިހައެއް ވެސް ޖެހިފަހުން ގެއަށް އައިސް ފޯނު އޮންކޮށްލުމާއެކުހެން ނަޖާހު ގުޅަންފެށިއެވެ. ޖެހިޖެހިގެން ފަސް ހަ ފަަހަރު ގުޅިއެވެ. އެންމެފަހުން ބޮލަށް އުނދަގޫވެގެން ޝިމާނާ ފޯނު ނެގިއެވެ. ދެން ނުގުޅާށޭ ވެސް ބުންޏެވެ. އެހެންނަމަވެސް ހުއްޓެއް ނުލިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ރިންގާއި ވައިބުރޭޝަން ވެސް ކަނޑައިލާށެވެ.

ޖެހިގެން އައި ދުވަހު ވެސް ކަން ދިމާވީ އެ ގޮތަށެވެ. އޮފީހަށް ގޮސް މަސައްކަތްފެށިތަނާ އަނެއްކާ ވެސް ނަޖާހުގެ އުނދަގޫ ޖެހުނެވެ. އިރުއިރުކޮޅުން ގުޅަނީއެވެ. އެންމެ ފަހުން ބޮލަށް ތުރާވެގެން ޝިމާނާ ގުޅީ ފަރީހާއަށެވެ. ހަދާނޭ ގޮތެއްް ނޭނގިގެންނެވެ.

"ނަގާފަ ބުނެބަލަ ނުގުޅާށޭ! އުނދަގޫވެޔޭ."

"ބުނެފީމޭ."

"ކީކޭ ބުނީ؟"

"އެއްވެސް އެއްޗެއް ނުބުނޭ! ދެން ނޭނގެ ހަދާނެ ގޮތެއް. އޮފީހުގެ ކަމެއް ވެސް ނުކުރެވިގެން މި އުޅެނީ." ޝިމާނާގެ އަޑު ބާރުވިއެވެ.

"ޝިމާނާ!" ފަރީހާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"އަނެއްކާ މިހާރު ވެސް އެބަ ގުޅާ!"

"އެހެން ނަންބަރެއް ނަގަންވީނު." ފަރީހާ ވިސްނައިލާފައި ޚިޔާލެއް ދިނެވެ.

"އޭރުން ފައި ކީކޭބާ ބުނާނީ؟"

"ބުނޭ އެ ނަންބަރު ގެންގުޅޭތާ ގިނަ ދުވަސްވީމާ ފޫހިވެގެން ބަދަލުކޮށްލީއޭ."

"ތިހެން ވިއްޔާ މަށާ އިނދެފައި ވެސް, ދުވަސްކޮޅެއްވާއިރަށް ފޫހިވެގެން އެހެން މީހަކު ހޯދާނެތާ!" ޝިމާނާގެ އެ ޖަވާބާއެކު ފައިރޫޒު ސަމާސާކޮށްލިއެވެ.

ސިމާނާއާއި ފައިރޫޒު އޮއިސިސްގެ ހަމަހިމޭން މާޙައުލުގައި، ލޯބީގެ ދުނިޔެއަކަށް ގެނބިފައި ތިބިއިރު، ނަޖާހުގެ ހިތުގެ މާޔޫސްކަން ވަނީ ކޮޅުންލައިފައެވެ. އޭނާ މަސްވެެރިންގެ ޕާކުގައި އިނދެ، ޝިމާނާއަށް ގުޅޭތޯ އެތައް މަސައްކަތެއް ކުރުމަށްފަހު އެތަނުން ތެދުވެގެން ހިނގައިތީ ދެ ލޮލުން ކަރުނަ ފުހެމުންނެވެ. މަންމަ މާލެއަށް އަންނަ ދުވަސް އައިސް ޖެހެނީއެވެ. މި ހާލުގައި ބަލި މަންމަ ގޮވައިގެން އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަތަކު ފައިސާއެއް ނެތެވެ. ހަށްޓަކު ވަރެއް ނެތެވެ.

"ފަސް ސަތޭކަ ރުފިޔާ ކީއްކުރަން؟ އެއް ހާސް ރުފިޔާ ވެސް ދީފާނަން. އެކަމަކު ނަޖާހު އެބަޖެހޭ އަހަރެން ބުނާ ކަމެއް ވެސް ކުރަން" މަންމަ ޑޮކްޓަރަށް ދައްކަން، ފަސް ސަތޭކަ ރުފިޔާ ދޭން ބުނުމުން ކަމާލު ބުންޏެވެ.

"ހޫނ!" ނަޖާހު ބޯ ޖަހައިލިއެވެ.

"ފުރަތަމަ ކަމަކީ ޝިމާނާގެ ފިކުރުތަކާ ދުރަށް ދިޔުމަށް ޓަކައި މަސައްކަތްކުރުން. ތިގޮތަށް މަސްވެރިންގެ ޕާކުން ޖުމުހޫރީ މައިދާނުން ހިނގިޔަކަސް ކަމަކު ނުދާނެ. ގަވާއިދުން ފަސް ވަގުތު މިސްކިތަށް އަރަންފަށަންވީ. ނަމާދުކޮށްގެން ﷲއަށް ހިތް ނިޔަތް ޚާލިސްކޮށްގެން ދުޢާކޮށްބަލަ! ބޭނުންވާ ކަންކަމަށް އެދިގެން ދުޢާ ކުރުމަށްވުރެ ރަނގަޅު އެއްވެސް ފަރުވާއެއް ނޯންނާނެ! ދެވަނަ ކަމަކީ ބަރާބަރަށް ވަޒީފާއަށް ނިކުތުން."

"ބަލާނަން." ނަޖާހު އަނެއްކާ ވެސް ބޯ ޖަހައިލިއެވެ.

"ބަލާނަމޭ ބުންޏަކަސް ކަމަކު ނުދާނެ! މި ރެއިން ފެށިގެން އެންމެ ނަމާދެއް ވެސް ވައްޓާނުލައި މަތިން ފައިސާ މި ދެނީ." ޖީބުން ވޮލެޓް ނަގަމުން ނަޖާހުގެ މޫނަށް ކަމާލު ބަލައިލިއެވެ. "މި ފައިސާ އަނބުރައި ދޭކަށް ނުޖެހޭނެ!" ފަސް ސަތޭކަ ރުފިޔާގެ ދެ ނޫޓު ނަޖާހުގެ އަތަށް ކަމާލު ދިނެވެ.

ކަމާލު ދެއްކި ވާހަކަތަކަށް ނަޖާހު ވަރަށް ފުންކޮށް ވިސްނިއެވެ. ޙަޤީޤަތުގައި އޭނާއަށް އުޅެވެނީ އެންމެ ރަނގަޅަށް ނޫންކަން، މި ރޭ އޭނާއަށް ފުރަތަމަ ފަހަރަށް ޤަބޫލުކުރެވުނެވެ. މީހަކަށް އުނދަގުލެއް ތުރާލެއް ނުކުރި ނަމަވެސް، ކުރަންޖެހޭ ވަރަށް މުހިންމުކަމެއް އޭނާއަށް ވަނީ ދޫކޮށްލެވިފައެވެ. ހުކުރު ދުވަހުގެ ހުކުރު ނަމާދުގައި ނޫނީ، އޭނާއަށް ސަޖިދައެއް ނުޖެހެއެވެ.

އެ ރޭ ނަޖާހު ގެއަށް ގޮސް ފެންވަރައިގެން އެރީ މިސްކިތަށެވެ. އިޝާނަމާދުކޮށްލައިގެން މިސްކިތުގައި ބައިގަޑިއެއްހައި އިރު މަޑުކޮށްލިއެވެ. ހިތަށް ހަމަޖެހުން ދެއްވުން އެދި ދުޢާކޮށްލައި މުސްޙަފު ނަގައިގެން، ވައްޟުޙާއިން ދަށުގެ ސޫރަތްތައް ކިޔަވައިލިއެވެ.

މިސްކިތުން ފޭބިއިރު ނަޖާހުގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ކުރިން ހުރި މާޔޫސްކަމާއި ނުތަނަވަސްކަމަށް ކޮންމެވެސް މިންވަރެއްގެ ފަރުވާއެެއް ލިބިފައެވެ. އެހެން ރޭރޭ އެތައް އިރަކު އޮވެ، އެތައް ފުރޮޅުމަކަށްފަހު ނޫނީ ނުނިދޭ ނަޖާހަށް، މި ރޭ ވަރަށް ފަސޭހައިން ނިދިއްޖެ ވެސް މެއެވެ.

ޝިމާނާއާއި ފައިރޫޒުގެ ކައިވެނީގެ ތާރީޚު ކަނޑައެޅިއްޖެއެވެ. ދެ ފަރާތުގެ އާއިލާގެ ރުހުމާއެކުގައެވެ. އެހެންކަމުން އެ ދެ ކުދީންގެ ހިތުގައި ޖަހަމުން ދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހަމަހިމޭން ވިންދުތަކެވެ. އެތައް ދުވަހަކު ރުޅިކޮށް އުޅުނު ހިނިތުންވުން މިހާރު ޝިމާނާގެ ތުންފަތް މައްޗަށް ބަހާރުގެ އުފާވެރިކަން ގެނެސްދީފިއެވެ. އޮފީހުގައި ނެގިމަޑުވެފައި އިން އިނުމަށް ނިމުން އަތުވެއްޖެއެވެ. ނަންބަރު ބަދަލުކުރުން ވެގެންދިޔައީ، ނަޖާހުގެ އުނދަގުލުން ވެސް މިންޖުވި ކަމަކަށެވެ. ހުރިހައި ޝުކުރެއް ފަރީހާއަށެވެ.

"ތި ޝުކުރަށްވުރެ، އަޑުގައި ތިހިރަ އުފާވެރިކަމުން މަށަށް ލިބުނު ހިތްހަމަޖެހުން މާ ބޮޑުވެއްޖެ." ޝިމާނާ ޝުކުރުއަދާކުރުމުން، ފަރީހާ ސަމާސާކޮށްލީ ޙަޤީޤަތް ހާމަކުރަމުންނެވެ.

އެއަށްފަހު ވިއްސަކަށް މިނެޓަށް ދިގުދެމިގެން ދިޔަ ފޯނުކޯލުގައި ދެކެވުނީ ޝިމާނާގެ ކައިވެނީގެ ވާހަކަތަކެވެ. ޕާޓީގެ ވާހަކައާއި ކައިވެނީގެ ހެދުމުގެ ވާހަކައެވެ. ފައިރޫޒްމެންގޭގައި، އެ ދެމަފިރިންނަށް ތައްޔާރުކުރާ ކޮޓަރީގެ ވާހަކައާއި ފައިރޫޒުގެ އާއިލާގެ މީހުންގެ ހެޔޮކަމުގެ ވާހަކައެވެ. ފާއިތުވާ ކޮންމެ ސިކުންތަކު، ޝިމާނާ އައީ، ފިޔަވަޅަކަށްފަހު ފިޔަވަޅަކުން އުހަށް އަރަމުންނެވެ. އުފާވެރިކަމުގެ ބަލިކަށި ސިޑިންނެވެ. ވެއްޓި އިނދަޖެހިދާނޭކަމުގެ ޚިޔާލެއް ފިކުރެއް ނެތިއެވެ.

ނަޖާހު ހުރީ މާލޭގެ އުތުރުފަރާތު ބަނދަރުމަތީގައެވެ. މެންދުރުނަމާދުން ފައިބައިގެން، ކައިރީގައި ހުރި ހޮޓަލަށް ވަދެ، އާދައިގެ ބަތަކާއި ގަރުދިޔައެއް ނަގައިގެން ކައި ނިމުނު އިރު ދޭއްޖަހައި ބޮޑުވެއްޖެއެވެ. ރަށު ދޯނި ލަފާނޭކަމަށް ބުނެފައި އޮތީ، ތިނެއްޖަހައި އެހައިކަންހައި އިރުއެވެ. އެހެންކަމުން ލޯކަލްމާރުކޭޓާ ދިމާ ހިޔަލުގައި މަޑުކޮށްލައިގެން އޭނާ ހުރީ، ކޮޅުކޮޅަށް ހިނގާ މީހުންނާއި ދުއްވާތަކެތީން ރަކަރަކައަޅާފައިވާ މާޙައުލުގައި، އެކި މީސްމީހުންގެ އެކި މަސައްކަތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ.

މާ ގިނައިރު އެ ގޮތުގައި ހުންނާކަށް ނަޖާހަކަށް ނުޖެހުނެވެ. އުތުރުފަރާތު ކަނޑިންމައިން ދޯނި ވަދެގެން އަންނަތަން ފެނިއްޖެއެވެ. މަންމައާ ބައްދަލުނުވާތާ ހަތަރުވަރަކަށް މަސް ވެއްޖެއެވެ. އެހެންކަމުން ނަޖާހު ހުރީ މަންމަ ދެކިލާހިތުން ކެތްމަދުވެފައެވެ. މަންމައާ ވަކިން މާލޭގައި އޭނާ ދިރިއުޅެނީ، މާލޭގެ ދިރިއުޅުން ފަސޭހަވެގެނެއް ނޫނެވެ. ކިޔެވިފައި ނެތުމުން، އަދާކުރާނެ ވަޒީފާއެއް ރަށުން ނުލިބުނީމައެވެ. ފައިސާ ހޯދައިގެން ނޫނީ އުޅެވެން ނެތީމައެވެ.

ދޯނި ކައިރިކުރުމާއެކު ނަޖާހު އަވަސް އަވަހަށް ދޯންޏަށް އެރިއެވެ. ހައްތާވެސް ދަންނަ ރައްޓެހިންނެވެ. ދުރުތާ ތިމާގެ މީހުންނެވެ. ފިޔަވަޅަށް މަޑުވެސް ޖައްސައިލުމެއް ނެތި، އޭނާ ދިޔައީ ހިޔާގަނޑުގެ ތެރޭގައި އިން މަންމަގެ ގާތަށެވެ. މަންމަގެ ގައިގައި އޭނާ ބައްދާލައި ފިރުމައިލީ، ލޯތްބާއި ކުލުނުން ފުރިފައިވާ އަތަކުންނެވެ. އެހައިތަނުން އޭނާ އަވަސްވެގަތީ މަންމަ ބާލައި ގެއަށް ގެންދިޔުމުގެ ކަންކަމައިގެންނެވެ.

މަންމަ ގެނެސް ކޮޓަރިއަށް ވައްދާފައި، ނަޖާހު ދިޔައީ މަންމައަށް ކައިއެއްޗެއް ގަންނާށެވެ. މަންމައަށް ކެވޭކަހަލަ އެއްޗެއް ގަނެގެން އައިއިރު، މަންމަ އިނީ ފެންވަރައިގެންނެވެ.

"މަންމާ! އަވަހަށް ހިނގާ ކާން ދޯ! މި ރޭ ވާނެ ޑޮކްޓަރަށް ދައްކަން ދާން ވެސް." ނަޖާހު އައިސް މަންގެ ގާތުގައި އިށީނދެ، މަންމަގެ ބުރަކަށީގައި ފިރުމައިލިއެވެ.

"މި ކޮޓަރި ހާދަ ހޫނޭ ދޯ!"

"އިރުކޮަޅަކުން ފިނިވާން ފަށާނެ! ފުރަތަމަ ހިނގާ އޮރެންޖެއް ކައިލަން!" ގެނައި އޮރެންޖު ކޮތަޅުން ނަޖާހު އޮރެންޖެއް ނެގިއެވެ.

އޮރެންޖު މަށާލައިގެން އައިސް މަންމަގެ ގާތުގައި ނަޖާހު އިށީނދެ، ހުތަކުން ހުތަކުން މަންމައަށް ދޭންފެށިއެވެ.

"މީރު؟" ނަޖާހު އަހައިލިއެވެ. "ރަށުން މި ކަހަލަ އެއްޗެއް ވެސް ނުލިބޭ ދޯ!"

"އާނ! ދަރިފުޅު ކައިގެން ތި އުޅެނީ؟"

"އާނ! މާ ގިނައިން ވެސް މިއަދު ކެވިގެން މި އުޅެނީ." ނަޖާހު ހިނިތުންވެލިއެވެ.

"އެ މަންޖެ ގޮވައިގެން ދޯ މި ރޭ ޑޮކްޓަރަށް ދައްކަން ދާނީ؟"

އިރުކޮޅަކު އިނދެފައި މަންމަ ބުނި އެއްޗަކުން، ނަޖާހުގެ ހަރަކާތަށް ވަގުތުން ހުއްޓުން އަރައިފިއެވެ. މަންމަ އެ ބުނީ ޝިމާނާގެ ވާހަކައެވެ. އޭނާއަށް އޮތީ އެއް ދުވަހަކު ޝިމާނާގެ ވާހަކަ މަންމަގާތުގައި ބުނެވިފައެވެ. މީހަކާ އިންނަން އުޅޭ ވާހަކައެވެ. މަންމަ މާލެ އައިހާ އަވަހަކަށް ބައްދަލުކުރުވާނެ ވާހަކައެވެ. އެ ވާހަކަ އޭނާ ދެއްކީ، ޝިމާނާއާ ގުޅުން އޮތް ދުވަސްވަރުއެެވެ.

"ދަރިފުޅު ކީއްވެ އެއްޗެއް ނުބުނީ؟" މަންމަގެ ސުވާލުން އޭނާ ސިހުނެވެ.

"އެބަ އަންނަން އަތް ދޮވެލައިގެން." ނަޖާހަށް ގޮސް ފާހާނާއަށް ވަދެވުނީ ހަމަ ކިރިއާއެވެ. ރޮވިއްޖެއެވެ. މަންމަގެ އެ ޖުމުލައާއެކު، އޭނާގެ ހިތުގައި ލެވިފައިވާ ޒަޚަމްތަކުގައި ވޭން އަޅަންފެށީއެވެ. އެ ފިކުރުތަކާ ދުރުގައި އުޅުމަށް ނިޔަތްގަނެ، އެ ކަމަށް މަސައްކަތް ފަށައިގެން އުޅެނިކޮށް، މަންމަގެ އެ ވާހަކައާ ގުޅިގެން ހިތްވަރު ބަލިވެއްޖެއެވެ.

ނަޖާހު ފާހާނާއިން ނިކުތީ ހިތަށް ކޮންމެވެސްވަރެއްގެ ލުޔެއް ދީގެންނެވެ. ހިތުގައި އުފެދުނު އުދާސްތަކުން މިންވަރެއް، ކަރުނައާ ހަވާލުކޮށް ބޭރުކޮށްލައިގެންނެވެ.

"އެ މަންޖެ އުޅެނީ އޮފީހެއްގައިތަ؟" ނަޖާހު ނިކުތުމާއެކު އަނެއްކާ ވެސް މަންމަ ފެށީ ޝިމާނާގެ ވާހަކައެވެ.

"އާނ!" މަންމައާ ދިމާއަށް ބަލައިވެސްނުލައި، ވަރަށް ކުރުކޮށް ނަޖާހު ޖަވާބުދިނެވެ.

"ހަނދާންކޮށް އެ މަންޖެ މި ރޭ ގެންނާތި! މަންމަ މި އިންނަނީ އެ މަންޖެ ވަރަށް ދެކިލާހިތްވެފައި."

މަންމަގެ އެ ބުނުމަށް ޖަވާބެއް ދޭހައި ހިތްވަރެއް ނަޖާހަކަށް ނުލިބުނެވެ. އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ ބޯ ޖަހައިލުމެވެ. މަންމައަށް ސިއްރުން ދެ ލޯ ފޮހެލަމުންނެވެ.

އިރުގެ ހޫނު ދޯދިތަކުގެ އާވި މަޑުމަވުން އައި ވަރަކަށް، ދުވަހުގެ ނިމުން އަންނަނީ ކައިރިވަމުންނެވެ. ކައިވެނީގެ ކަންކަމަށް ވަގުތު ހުސްކުރަމުން އަންނަ ޝިމާނާ ތައްޔާރުވަމުން އައީ ފައިރޫޒު އަންނާންވާއިރަށް ތައްޔާރުވެލައިގެން ނިކުންނާށެވެ. ގަންނާން ހުރި ބައެއް އެއްޗެހި ގަންނާން ދާށެވެ.

ޝިމާނާ ނިކުތްއިރު ފައިރޫޒު އިނީ ދޮރާށިދޮށުގައެވެ. ފައިރޫޒު ފެނުމާއެކު ޝިމާނާ ހިނިތުންވެލިއެވެ. ޝިމާނާގެ ރީތި މޫނު ފެނުމުން ފައިރޫޒުގެ ހިތަށް އަބަދުވެސް ފިނިކަން ލިބެއެވެ. ފައިރޫޒު އެންމެ އުފާވަނީ، ޝިމާނާ ކަހަލަ ރީތި ކުއްޖަކު އޭނާގެ އަނތްބަކަށް ވާތީއެވެ. އޭނާގެ އެކުވެރިން ވެސް އޭނާއާ ދިމާއަށް އެ ބަސް ބުނެއެވެ. އެހައި ރީތި ކުއްޖަކު ހޯދީ ކިހިނެއް ހެއްޔެވެ؟ ޝިމާނާއަށް ވެސް ފައިރޫޒުގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކުރެވެއެވެ.

މަގަށް ނިކުމެ ސައިކަލަށް އެރުމަށް ޓަކައި ހިނގައިގަތް ވަގުތު، ޝިމާނާގެ ލޮލުގައި އަޅައިގަތީ، މަގުގެ އަނެއްކޮޅުން އެ ދިމާއަށް ހިނގާފައި އަންނަ ނަޖާހެވެ. ނަޖާހުގެ ސޫރަ ފެނުމާއެކު، ޝިމާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މޭ ތެޅިގަތީ ވަރަށް ބާރަށެވެ. ނަސީބަކުން އަދި އޭނާ ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާ މި ހިސާބަށް އަންނާންވާއިރަށް އެ މީހުންނަށް، މާ ރަނގަޅަށް ވެސް ދެވޭނެއެވެ.

"އަވަހަށް ނައްޓާލާ!" ސައިކަލަށް އެރިގޮތަށް ޝިމާނާ އަވަސް އަވަހަށް ބުންޏެވެ.

ފައިރޫޒް ސައިކަލުގެ ހަރު ނައްޓާލުމަށްފަހު އިސްޓާޓްކޮށްލިއެވެ. ހަމަ އެ ވަގުތު ފައިރޫޒުގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ.

"އިހަށް ނައްޓާލާ! ފަހުން ވެސް ފޯނު ނެގިދާނެ!"

"ބައްޕައޭ މި ގުޅަނީ." ޝިމާނާއަށް ފޯނު ދައްކާލަމުން ފައިރޫޒު ފޯނު ކަންފަތުގައި ޖައްސައިލިއެވެ. "ހަލޯ!"

ބިރުން ވިރިވިރި އިން ޝިމާނާއަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ. އޭރު ނަޖާހު އެ މީހުންނާ ވަރަށް ގާތަށް އަތުވެއްޖެއެވެ. (ނުނިމޭ)