Advertisement

ނަފާ ބޮޑު ދަނޑުވެރިކަން ހޯދަން މިނިސްޓަރު ދަނޑުވެރި ރަށްރަށަށް

8 އޮގަސްޓު 2021 - 15:31 1

އަމަން ހަލީމް

އަމަން ހަލީމް

އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ށ. މަޑިދޫގައި: މިނިސްޓަރުގެ ދަތުރުތަކުގައި މަޑިދޫ ހިމެނޭ ގޮތަށް ދަނޑުވެރިކަން ކުރާ ފަސް ރަށަކަށް ޒިޔާރަތްކުރެއްވި. -- ފޮޓޯ: ޓްވިޓާ/ޑރހުސެއިންހަސަން


ނަފާ ބޮޑު ދަނޑުވެރިކަން ހޯދަން މިނިސްޓަރު ދަނޑުވެރި ރަށްރަށަށް

8 އޮގަސްޓު 2021 - 15:31 1

ރާއްޖޭގައި ސިނާއީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަންނަން އުތުރުގެ ތިން އަތޮޅެއްގައި ހުރި ދަނޑުވެރިކަން ކުރާ ރަށްތަކަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ޒިޔާރަތްކުރައްވައިފި އެވެ.

ދަނޑުވެރިކަން ކުރާ ރަށްރަރަށް ކުރި ދަތުރުތަކާ ޑރ. ހުސެއިން "އަދަދު"އަށް ވިދާޅުވީ، މި ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ސިނާއީ ފެންވަރުގައި ދަނޑުވެރިކަން ކުރަން އެންމެ މަންފާ ބޮޑީ ކޮން ގޮތަކަށް ދަނޑު ހައްދައިގެންތޯ ދެނެގަތުން ކަމަށެވެ.

އެގޮތުން ދަނޑުވެރިކަމުގެ ނަފާ ބޮޑީ ބިމުގައި ދަނޑުވެރިކަން ކޮށްގެންތޯ ނުވަތަ ގްރީން ހައުސްގައި ދަނޑުވެރިކަން ކޮށްގެންތޯ ދެނެގަންނަން ބޭނުންވާ މައުލޫމާތު އެއްކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަތުރުގައި އެގްރިކަލްޗާ މިނިސްޓަރު ވަޑައިގެންނެވީ ށ. ނ. އަދި ރ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ރަށްތަކުގެ ތެރެއިން ށ. މަޑިދޫ، ނ. ވަވަތި، ނ. މާފުނަފަރު އަދި ނ. ފެލިވަރުގެ އިތުރުން ރ. ފައިނަށެވެ. މީގެ ތެރެއިން ރ. ފައިނު ފިޔަވާ ދެން ހުރި ރަށްތަކަކީ ދަނޑުވެރިކަން ކުރަން ދިގު މުއްދަތަށް ވަރުވާއަށް ދޫކޮށްފައި ހުރި ރަށްރަށެވެ.

ޑރ. ހުސެއިން ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަވީ، ދަނޑުވެރިކަން ކުރަން އެކަށީގެންވާ ވަރުގެ އިންވެސްޓްމަންޓް ފައިސާ ލިބޭނެ ގޮތްތަކެއް ނެތުމެވެ. އަދި އުއްމީދަކީ މިހާރު ކުރެވޭ މަސައްކަތުން މިކަމަށް ވެސް އެކަށީގެންވާ ވަރުގެ ހައްލެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަނޑުވެރިކަން ކުރަން ދޫކޮށްފައި ހުރި ރަށްތަކުން ނަތީޖާ ނުނެރެވޭ މައްސަލަ ގުޅެނީ ފައިސާއާ. ރަށްރަށާއި ބިންތައް އެކަނި ދިނަސް މިކަން ނުކުރެވެނީ ލާޖް ސްކޭލްގައި މިކަން ކުރަން އެކަށީގެންވާ ވަރަށް ފައިސާ ނުލިބޭތީ," ޑރ. ހުސެއިން ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ ހާލަތު ދެނެގަންނަން ކުރާ ދަތުރުތަކުގެ ތެރެއިން މިނިސްޓަރު ދެން ވަޑައިގަންނަވާނީ ދެކުނުގެ ދަނޑުވެރިކަން ކުރާ ރަށްރަށެވެ. އެގޮތުން މި މަހުގެ ފަހުކޮޅު ހުވަދު އަތޮޅުގެ ދަނޑުވެރިކަން ކުރާ ބައެއް ރަށްތަކަށް ދަތުރުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.