Advertisement

އެސްޖީ އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ނުހޯދާ ބިލަށް ސަރުކާރުގެ ތާއީދެއް ނުކުރޭ

3 ޖޫން 2021 - 19:15 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް


އެސްޖީ އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ނުހޯދާ ބިލަށް ސަރުކާރުގެ ތާއީދެއް ނުކުރޭ

3 ޖޫން 2021 - 19:15 1

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ގެމަނަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސައީދު އަމިއްލައަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިންނެވެ.

ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި އުނިކޮށް އެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެ ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ހުޅުވާލައި، ސިޔާސީ މަސްލަހަތުން އެކަހެރިވެ، ވަކި ބަޔެއްގެ ނުފޫޒުން އެއްކިބާވެފައިވާ މީހަކު އެ މަގާމަށް އައްޔަނުކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ.

ލާމަރުކަޒީ ގާނޫނުގެ އިތުރުން، ސައީދު މިހާރު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް ވެސް އިސްލާހެއް ހުށަހަޅައިފަ އެވެ.

އެގޮތުން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ސިވިލް ސާވިސް ކޮމިޝަނުން އައްޔަނުކުރަންޖެހޭ ބައި، ސިވިލް ސާވިސްގެ ގާނޫނަށް ވެސް އިތުރުކުރަން ހިމަނައިފަ އެވެ.

އެ ދެ ބިލު ވެސް މިހާރު އޮތީ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.

ނަމަވެސް، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ އެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށެވެ.

އެގޮތުން، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި، ކައުންސިލްގެ ލަފާހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާހާ އެކު ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެ ކަންކުރުން. ކައުންސިލްގެ ލަފާ ހޯދުން،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކުގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވެސް ވިދާޅުވީ ކައުންސިލް ތަކުގެ ހިންގުން ހަރުދަނާކުރުމަށް، ސެކެޓްރީ ޖެނެރަލް އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެމަތިން ކަމަށް ގާނޫނަށް އިސްލާހު ގެނައީ މި ސަރުކާރުން ކަމަށެވެ.

"މި ސިޔާސަތަށް އެއްވެސް ބަދަލެއް ނާދޭ. މިހާރު ހުށަހެޅިފައި އެވާ ބިލް އަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން،" ހަމްދާން ވިދާޅުވި އެވެ.