Advertisement

ދިގުވާހަކަ: އޮލިމްޕަސް

30 މޭ 2021 - 13:18 2

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

30 މޭ 2021 - 13:18 2

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

"ޝިމާ!"

ނަޖާހު ގޮވައިލުމުން އިވޭކަމަށް ވެސް ޝިމާނާ ނުހެދިއެވެ. ހިނގުން އިތުރަށް ހަލުއިކޮށްލީއެވެ.

"މަޑުކޮށްބަލަ ޝިމާ!" ޝިމާނާއާ އެއް ވަރަށް، ނަޖާހު ވެސް ހިނގައިގަތެވެ. "ޝިމާ! އަހަރެން ހަމަ އެންމެ ސުވާލެއް ކޮށްލަންވެގެންނޭ! މަޑުކޮށްބަލަ!"

ޝިމާނާގެ ފިޔަވަޅަކަށް މަޑުޖެހުމެެއް ނާދެއެވެ. އެެހެންނަަމަވެސް ދެ ލޮލަށް ކަރުނައިގެ ތެތްކަން ވެރިވާން ފެށިއެވެ.

"ޝިމާ! އަޅެ ޕްލީޒް! މަޑުކޮށްބަލަ!" ދޮރާށްޓާ އަަރައިހަމަވުމުން، ނަޖާހު ޝިމާނާގެ އަތުގައި ހިފެހެއްޓިއެވެ. ޝިމާނާ ވަގުތުން އަތް ފޮޅުވައިލިއެވެ. އެއާއެކު އަވަސްއަވަހަށް ދޮރާށި ހުޅުވާލައިފައި އެތެރެއަށް ވަދެ، ދޮރާށި ލެއްޕިއެވެ.

ކޮޓަރިއަށް ވަނުމާއެކު ޝިމާނާއަށް ރޮވިއްޖެއެވެ. އޭނާ ގޮސް ދަބަސް ބަހައްޓާފައި އެނދުމަތީގައި އިށީނދެ، ދެ ލޯ ފުހެލިއެވެ. ވަރަށް ބޮޑު ފިކުރެއްގައި އިންނަ ކަހަލަ ގޮތަކަށް ހުއްޓުން އަރާފައި އިންދާ، ދަބަސްތެރޭގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. އޭނާ ބަރު ފިޔަވަޅު ތަކެއްގައި ހިނގައިގަތެވެ. ހިތް ބުނީ ނަޖާހު ގުޅަނީކަމަށެވެ. އެހެންނަމަވެސް ފޯނު ނަގައި ބަލައިލިއިރު ފައިރޫޒެވެ.

ޝިމާނާ ކުޑަކޮށް ހަމަޖެހިލައިގެން ފޯނު ނެގިއެވެ. ފައިރޫޒަށް ކަމެއް ފާހަގަވެދާނެތީ، އަޑާއި ރާގުގައި އުފާވެރިކަމުގެ ކުލަ ޖައްސައިލެވޭތޯ މަސައްކަތްކުރިއެެވެ.

"ހަލޯ."

"ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި ގުޅީ." ފޯނު ނެގުމާއެކު ފައިރޫޒު ވާހަކަފެށިއެވެ. އޭނާގެ އަޑުގައި ހުރީ ދެ އީދުގެ އުފާވެރިކަމެވެ.

"ކޮން ޚަބަރެއް؟" ކިތަންމެ ވަރަކަށް ކުލަ ޖެއްސިޔަސް، ޝިމާނާގެ އަޑުގައި އުފާވެެރިކަމުގެ ރާހަތެއް ނެތެވެ.

"ހާދަ ގޮތަކަށް އަޑު ތި ހުރީ. ކަމެއް ގޯސްވީތަ އަނެއްކާ؟" ފައިރޫޒު ވަގުތުން ދެނެގެންފިއެެވެ.

"ނޫން!" ފަސްއަޅައި ފޮރުވޭތޯ ޝިމާނާ މަސައްކަތްފެށިއެވެ.

"އެކަމަކު ތި އަޑު މަގޭ ކަންފަތްދޮށުގައި އެބަ ބުނޭ ކަމެއް ގޯސްވެއްޖެއޭ." ކިތަންމެ ވަރަކަށް ފަސް އެޅިޔަސް، ފައިރޫޒުގެ ކަންފަތަކަށް ސިއްރެއް ނުވިއެވެ.

"ތީ ހީވާ ގޮތް. ހުރިހައި ކަމެއް ވެސް ވަރަށް ރަނގަޅު. ފައި އަންނާނެ ދުވަހަކަށް މި އިންތިޒާރުކުރަނީ."

"ތި ވާހަކަ ބުނާށޭ މި ގުޅީ. އިރާދަކުރެއްވިއްޔާ މާދަމާ މާލެ ދެވޭނެ!"

ފައިރޫޒުގެ އެ ޖުމުލައާއެކު، ޝިމާނާގެ މޭ ތެޅިގަތެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. އޭނާ ބުނަން ބޭނުންވަނީ އަދި ދުވަސްކޮޅަކު ފައިރޫޒް މާލެ ނައިސް މަޑުކޮށްލާށެވެ. ނަޖާހުގެ ކަންތައް ގޮތަކަށް ނިމެންދެނެވެ. އެހެންނަމަވެސް އެ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެކަހަލަ އެއްޗެއް ބުނެފިއްޔާ، ފައިރޫޒުގެ ހިތުގައި އެތައް ސުވާލެއް އެނބުރިގަންނާނެއެވެ.

"އެ ވަރުގެ އުފާވެރި ޚަބަރެއް ލިބުނީމާ ވެސް އުފަލެއް ނުވޭތަ؟" ޝިމާނާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލައިލަމުން ފަރީޙާ އެހިއެވެ. ފަރީހާއާއި ޝިމާނާ ތިބީ، ޝިމާނާގެ ކޮޓަރީގައެވެ.

"އުފާކުރެވޭތަ؟ ފައި އަންނަ އިރަށް ހުރިހާ ކަމެއް އޭނާއަށް އެނގޭނީ ކަންނޭނގެ! ހުވާ މިބުނީ ބޯ ފަޅައިގެންދާވަރުވޭ!"

"ހަމަޖެހިބަލަ! އަދި ތިވަރު ވާކަށް ނުވެއޭ."

"ފަރީހާއަކަށް ނޭނގޭނެ. ފައިއާއެކު ދަނިކޮށް ނަޖާހު އައިސް، މި ރޭ އެ އުޅުނުގޮތަށް އުޅެގެންފިއްޔާ، ކިހިނެއް މަ ހަދާނީ؟ ފައިއަށް ކޮން މޫނެއް ދައްކާނީ؟"

"ދެރަ ކަމެއް ދޯ ތި ލައިގަތީ؟" ފަރީހާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. "ނަޖާހުގާތު ރީތިކޮށް ބުނަންވީނު އެހެން ނޫޅޭށޭ! ވެދިޔަ ކަންތަކަށް މާފަށް ވެސް އެދެން މަށަށް ފެންނަނީ."

"އާނ! ދެން ތިހެން ކަންނޭނގެ ހަދަންވީ! އެކަމަކު ހިޔެއްނުވޭ އޭނަ ގަބޫލުކުރާނެހެނެއް!"

"އަޅެ ގުޅާފަ ބުނެބަލަ!" އެނދުމަތީގައި އޮތް ފޯނު ނަގައި، ޝިމާނާގެ އަތަށް ދެމުން ފަރީހާ ބުންޏެވެ.

އިރުކޮޅަކު ވިސްނައިލާން އިނދެފައި، ނަޖާހުގެ ނަންބަރަށް ޝިމާނާ ގުޅިއެވެ. ފޯނު އޮތީ ނިވާލައިފައެވެ. ދެ ފަހަރަށް، ތިން ފަހަރަށް ގުޅުމުން ވެސް ކިޔަނީ އެއް ބަނދިވަރެކެވެ.

"ނިވާލައިފައި." މޫނުމަތިން އުފުލުނު ފޫހިކަމުގެ ބިޔަ ރާޅާއެކު ޝިމާނާ ފޯނު ބޭއްވިއެވެ.

"އެހެންތަ؟ އެހެންވިއްޔާ ހިނގާ ބޭރަށް ނިކުމެލަން! ރަނގަޅު ޚިޔާލެއް ވެސް އަތުވެދާނެ." ޝިމާނާ މާ ބޮޑަށް ފިކުރުބޮޑުވެފައި އިނުމުން، ފަރީހާ ބޭނުންވީ އޭނާ ގޮވައިގެން ވައިގެ ތެރެއަށް ނިކުމެލާށެވެ.

ޖެހިގެން އައި ދުވަހެވެ. ފައިރޫޒު އަންނަނީ ކޮން ދުވަހަކުތޯ މިއަދު ވެސް ޝިމާނާގެ ގާތުގައި އިޤުބާލު އަހައިލިއެވެ. އޭނާ މިހާރު ހުންނަނީ ފައިރޫޒު ނައިސްގެން ކެތްމަދުވެފައެވެ. އޭނާ ބޭނުންވަނީ ފައިރޫޒު އައުމާއެކު ގެއަށް ގެންނާށެވެ. ބައްދަލުކޮށް ގުޅުން ބަދަހިކުރާށެވެ. ލަސްނުކޮށް ކައިވެނީގެ ކަންކަން ވެސް ހަމަޖައްސާށެވެ. ނަޖާހުގެ ކަންތައްގަނޑު އެނގުމުގެ ކުރިން، ނުމޮހޭ ފަދަ ބާރު ގޮށަކުން، އެ ދެ ކުދީންގެ ފަސްބައި ބަނދެލާށެވެ. މީހެއްގެ ފުށުން ހީއަކަށް ނަމަވެސް ނަޖާހުގެ ކަންތައް އެނގިގެން، ފައިރޫޒާއި ޝިމާނާގެ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެތީއެވެ.

ފައިރޫޒު އަންނަ ވާހަކަ ބުނުމާއެކު، އިޤުބާލަށް ފުންމައިގެން ތެދުވެވުނީ، އިޚުތިޔާރެއް ނެތިއެވެ. ހަމަ ތެދެއްހޭ އަހައިލެވުނުއިރު، ކޮލުގައި ހުރި ދަތްތައް ވެސް ފެނުނެވެ. ފައިރޫޒު އައުން ޝިމާނާއަށް ފަންޏަކަށް ވިޔަސް، އިޤުބާލަށް ވީ ފޮންޏަކަށެވެ.

އޮފީސް ނިންމާފައި ޝިމާނާއަށް ގެއަށް އާދެވުނީ ތިނެއް ވެސް ޖެހިފަހުންނެވެ. ކައިގެން އައިސް ކޮޓަރިއަށް ވަންތަނާ ފައިރޫޒު ގުޅައިފިއެވެ. އޭނާ މާލެއަށް އެރިގޮތަށް، ގެއަށް ވެސް ނުގޮސް، ފުރަތަމަ ވެސް ގުޅީ ޝިމާނާއަށެވެ. މާލެ އާދެވުނުކަމުގެ އުފާވެރި ޚަބަރު ދޭށެވެ. އެ ޚަބަރާއެކު ޝިމާނާގެ މޭ ތެޅިގަތެވެ. އެހެންނަމަވެސް ފައިރޫޒު އުފާވެފައި ހުރިވަރުން، އެ އުފަލުގައި އޭނާ ވެސް ބައިވެރިވިއެވެ. އަދި ބައްޕަގެ ދައުވަތެއް އޮތް ވާހަކަ ބުންޏެވެ.

އިރާކޮޅުގެ ވަގުތެވެ. އިޤުބާލުގެ ދެމަފިރިންނާއި ޝިމާނާ ތިބީ ގޭ ސިޓިންރޫމުގައެވެ. އެހެން ދުވަސްދުވަހަށް ވުރެ ވެސް. މި ރޭ ގޭތެރޭގެ ސާފުތާހިތުކަމާއި ތަރުތީބުކަން ބޮޑެވެ. އިޤުބާލުގެ ދެމަފިރިން ވެސް ތިބީ ރީތިވެލައިގެންނެވެ.

އިރުކޮޅަކުން ޝިމާނާގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. ޝިމާނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.

"ހަލޯ!.... އާނ! މި ނިކުންނަނީ."

"އައީތަ؟" ޝިމާނާ ފޯނު ބޭއްވުމާއެކު އިޤުބާލަށް އަހައިލެވުނެވެ.

ބޯ ޖަހައިލަމުން ބޭރަށް ނިކުތުމަށް ޓަކައި، ޝިމާނާ ހިނގައިގަތެވެ. އެއާއެކު އިޤުބާލު ތެދުވެ، ފައިރޫޒަށް ޚާއްޞަކޮށްފައި ހުރި ގޮނޑި އަތުން ފޮހެލައި ރީތިކޮށްލާފައި އައިސް، ކުރިން ވެސް އިންތަނުގައި އިށީނދެ ހަމަޖެހިލިއެވެ.

ގިނަ އިރެއް ނުވެ، ދޮރޯށި ހުޅުވިއްޖެއެވެ. ޝިމާނާގެ ފަހަތުން އައިސް ސިޓީންރޫމަށް ވަނީ، އޭނާގެ ލޯބިވެރިޔާ ފައިރޫޒެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ހިމަތޮޅި ޒުވާނެކެވެ. ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށައި، އެއްފަރާތަށް ފުނާއަޅާފައެވެ. ދެ ބުމަ ވަރުގަދައެވެ. ތުނބުޅި މަތިމަސް ހުރީ "ޓްރިމް" ކޮށްފައެވެ. މޫނުމަތީގެ ހަންގަނޑު އަނދާފައި ހުރި ނަމަވެސް، ހަން އަލި މޫނެކެވެ. ހުދު އަތްދިގު ގަމީހަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައި ފައިރޫޒު ފެންނަނީ ވަރަށް ސްމާޓްކޮށެވެ.

ފައިރޫޒް ވަނުމާއެކު، އިޤުބާލު ތެދުވިއެވެ. އިޤުބާލު ތެދުވިތަން ފެނިފައި، ބަދޫރާ ވެސް ތެދުވިއެވެ. ފުރަތަމަ ފައިރޫޒު ފެނުމާއެކު ވެސް އިޤުބާލުގެ ހިތުގައި ފައިރޫޒަށް ޓަކައި ޚާއްޞަ ޤަދަރެއް ދެވުނެވެ. ހިނިތުންވެފައި ހުރެ، ޝިމާނާ ދެއްކި ގޮނޑީގައި ފައިރޫޒު އިށީންއިރު، ގޭތެރޭގައި ވަނީ "މާކް ޖޭކޮބްސް"ގެ މީރު ވަސް ހިފާފައެވެ.

"މީ ބައްޕަ. މީ މަންމަ." މަންމައާއި ބައްޕަ ތަޢާރަފުކޮށްދިނުމުގެ ގޮތުން ޝިމާނާ މަންމައާއި ބައްޕައަށް އިޝާރާތްކޮށްލިއެވެ. ފައިރޫޒު ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.

"ފައިރޫޒުގެ ވާހަކަ އަބަދުވެސް ބައްޕަމެންނަށް އިވޭ. ދުވަހަކު ފެންނަގޮތެއް ނުވޭ! އެހެންވެ ބައްޕަ ބޭނުންވީ ހަމަ ބައްދަލުކޮށްލަން. ކިހިނެއް ދަރިފުޅުގެ ހާލު؟"

"އަލްހަމްދުލިﷲ! ރަނގަޅު. ވިއްސަކަށް ދުވަހު ރާއްޖެތެރޭގައި އުޅެލާފައި މި އައީ."

"އޮފީސް ދަތުރެއްގައި ދޯ؟"

"ލައްބަ!"

"ބައްޕަ ވަރަށް އުފާވޭ ފައިރޫޒް ކަހަލަ ކުއްޖަކު ޝިމާނާއަަށް ލިބުނީމަ."

"އަޅުގަނޑު ވެސް ވަރަށް އުފާވޭ ޝިމާނާ ކަހަލަ ރަނގަޅު ކުއްޖަކު އަޅުގަނޑަށް ލިބުނީމަ." ޝިމާނާއާ ދިމާއަށް ބަލައިލަމުން، ފައިރޫޒް ހިނިތުންވެލިއެވެ. ޝިމާނާގެ މޫނުމަތިން އުފާވެރިކަމާއި ލަދުވެތިކަން ފެނުނެވެ.

"ބައްޕައަށް ފެންނަނީ، ގިނަ ދުވަސް ނުކޮށް، ދެ ކުދީންގެ ކައިވެނީގެ ކަންތައް ނިންމަން."

"އަޅުގަނޑު ވެސް ބޭނުންވާގޮަތަކީ ތީ. މަންމަމެން ވެސް ބޭނުމެއް ނުވޭ ލަސްކުރާކަށް."

"އެހެންތަ؟ މާ ރަނގަޅަކަށްނު ތި ވީ." އިޤުބާލަށް ލިބުނު އުފާވެރިކަން މޫނުމަތީން ފެނިގެން ދިޔައެވެ. "ބަދޫރާ ދޭ ފައިރޫޒަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަން."

ބައްޕަގެ ވާހަކަތަކާއި ފައިރޫޒުގެ މޫނުމަތީން ފެންނަން ހުރި އުފާވެރިކަމާއެކު ވެސް، ޝިމާނާގެ ހިތް އޮތީ ފިތިފިތިއެވެ. އޭނާގެ ހިތަށް ސިފަވަމުން ދަނީ، ނަޖާހާއެކު ކުޅެވުނު، މާނައެއް ނެތް ބިރުވެރި ޑްރާމާގެ މަންޒަރުތަކެވެ. އެ ކަން ނުކުރެވުނު ނަމަ، މި ރޭ އޭނާ ވެސް އިންނާނީ ކިހައި އުފަލުން ހެއްޔެވެ؟ ކިހައި ހިތްހަމަޖެހިފައި ހެއްޔެވެ؟ އެހެންނަމަވެސް އެޅުނު އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުން، އިންނާން ޖެހިފައި އެ ވަނީ ކުށްވެރިއަކަށްވެ، އަމިއްލަ ނަފުސު ހުރަގޭގައި ގައިދު ކޮށްގެންނެވެ.

މި ކަހަލަ ފިކުރެއްގައި ޝިމާނާ އިންއިރު، ފައިރޫޒާއި ބައްޕަގެ މައުޟޫޢެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އިނދެވުނީ އެެހެން ދުނިޔެއެއްގައެވެ. އޭނާ ހަމަބިމަށް ބޭލީ، އަތުގައި އޮތް ފޯނުގެ ރިންގުގެ އަޑެވެ. ތެޅިގެންފައި، ފޯނަށް ބަލައިލެވުނެވެ. ނަންބަރު ފެނުމާއެކު ގައިން ހީބިހި ނަގައިގަތެވެ. މޭ ތެޅިގަތެވެ. އަވަސް އަވަހަށް ފޯނު ކަނޑައިލެވުނެވެ. އިޤުބާލާ ވާހަކަ ދައްކަން އިން ފައިރޫޒަށް ޝިމާނާއާ ދިމާއަށް ބަލައިލެވުނީ، ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ޝިމާނާ އެ ކޯލު ވެސް ކަނޑައިލަނީއެވެ. ތިންވަނަ ފަހަރު ވެސް ނަޖާހު ގުޅިއެވެ. އެހައިތަނުން ފައިރޫޒަށް ނޭނގޭގޮތަށް ޝިމާނާ ފޯނު ނިވައިލިއެވެ. އޭރު އޭނާގެ މޫނުމަތީން ހާސްކަމާއި ކަންބޮޑުވުން ފެންނާން ހުއްޓެވެ. އުފުލެމުން ދިޔަ ދާ ތިކިތައް، މޫނުމަތީގެ ނުތަނަވަސްކަން އިތުރުކުރުވިއެވެ. ނަޖާހުދެކެ ރުޅިއާދެވުނީ އިންތިހާއަށެވެ. ޔަޤީނެވެ. ފައިރޫޒުގެ ސުވާލާ ކުރިމަތިލާން މި ރޭ ޖެހޭނެއެވެ. ފުރަތަމަ ދުވަހާއެކު މުސީބާތް އައިސް ލައިގަތީއެވެ. (ނުނިމޭ)