Advertisement

އެމްއެމްޕީއާރުސީގެ ހިޔާނާތް: ޑޮލަރުގެ ސައްހަ މުއާމަލާތް ހިންގިކަން ސާބިތުވި ކުންފުނިތަކެއް ސަލާމަތްވެއްޖެ

2 ޖޫން 2021 - 12:46 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު: ތަހުގީގުގައި، މައްސަލައެއް ފާހަގަނުވާ ފަރާތްތަކަށް އެކަން އެ ކޮމިޝަނުން އަންނަނީ އަންގަމުން. -- ފޮޓޯ/ އަދަދު


އެމްއެމްޕީއާރުސީގެ ހިޔާނާތް: ޑޮލަރުގެ ސައްހަ މުއާމަލާތް ހިންގިކަން ސާބިތުވި ކުންފުނިތަކެއް ސަލާމަތްވެއްޖެ

2 ޖޫން 2021 - 12:46 1

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތުހުމަތު އެޅިފައިވާ ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ މައްސަލަތައް ބަލައި ތުހުމަތުތައް ސާފުވާ ކުންފުނިތަކަށް އެކަން އަންގަން ފަށައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަން ރައީސް އަހްމަދު އަސްއަދު "އަދަދު"އަށް ވިދާޅުވީ އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތްތައް ހިންގާފައިވާ ބައެއް ކުންފުނިތަކުގެ މައްސަލަތަކުގެ ތަހުގީގުގައި މިހާރު ނިމިފައިވާ ކަމަށެވެ. އޭގެތެރެއިން ބައިވެރިވުމެއް ނެތް ކުންފުނިތަކަށް އެކަން އަންގަމުން އަންނަ ކަމަށާއި މިހާތަނަށް 12 ކުންފުންޏެއްގެ ތުހުމަތު ސާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ވަކިވަކި ފަރުދުންގެ ޑޮލަރުގެ މުއާމަލާތްތައް ވެސް ކުރިއަށް އެބަދޭ، ތަހުގީގު ނިމޭވަރަކުން އަންގަމުން އަންނަނީ،" އައްސަދު ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ މިހާތަނަށް ތަހުގީގު ނިމުނީ އެސްއޯއެފްއާ އެކު ހިންގީ ޑޮލަރުގެ ސައްހަ މުއާމަލާތްތަކެއް ކަމުގެ ހެކި ހުށަހަޅާފައި ހުރި ބައެއް ކުންފުނިތަކުގެ މައްސަލަ އެވެ. އެ ކުންފުނިތައް ސަލާމަތްވިޔަސް އެ މުއާމަލާތާ ގުޅޭ ގޮތުން އެސްއޯއެފްގެ މައްސަލަ ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ދައުލަތަށް ވަންނަން ޖެހޭ ފައިސާ އިން ޑޮލަރުގެ މުއާމަލާތް ހިންގި އެސްއޯއެފްއަކީ ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުންޏެވެ.

އެސްއޯއެފުން ޑޮލަރުގެ މުއާމަލާތްތައް ހިންގި ކުންފުނިތަކުގެ ތުހުމަތުތައް ސާފުވުމުން އެކަން އަންގާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިން އެކުލަވާލި ތަހުގީގު ރިޕޯޓުގައި، ޑޮލަރުގެ މުއާމަލާތް އެސްއޯއެފްއާ އެކު ހިންގި 155 މީހެއްގެ ނަން ހިމަނާފައި އޮތެވެ. އޭރު އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުހިނގައި އޮތް މައްސަލަތައް ނިންމަން، އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލައި ތަހުގީގު މިހާރު ހިނގަނީ ފުލުހުންނާއި އޭސީސީއާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ.

މި އިދާރާތަކުން މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުން 1.6 ބިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތަށް ވަނީ ގެއްލިފަ އެވެ. އެ ހިޔާނާތުގައި 37 ރަށާއި 12 ފަޅު ގާނޫނާ ހިލާފަށް ދޫކޮށްފައިވާ އިރު މި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ވަންނަން ޖެހޭ 76 މިލިއަން ޑޮލަރު އަމިއްލަ ކުންފުނިތަކަށް ޖަމާކޮށްފައިވެ އެވެ.

ހިޔާނާތުގެ ތަހުގީގު ލަސްވުމުގެ ފާޑުކިއުންތަކާ އެކު މަޖިލީހުން ވަނީ އެކަމުގެ މަންފާވި ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓެއް ހޯދައި އާއްމުކޮށްފަ އެވެ. އެ ލިސްޓުގައި 281 މީހުންގެ ނަން ހިމެނޭއިރު، ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް މަޖިލީހުގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.