ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

"ދަރިފުޅު މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟" ޝިމާނާ ކޮޓަރިން ނިކުތްތަން ފެނިފައި، އިޤުބާލަށް އަހައިލެވުނެވެ.

"އާނ!"

Advertisement

"އޭނަ ބޮލުގައި ރިއްސާތީ އޮތީ." ބަދޫރާ ސަބަބު ބުނެދިނެވެ.

"މިހާރު ރަނގަޅު؟" އިޤުބާލު ބަލައިލީ، ޝިމާނާއާ ދިމާއަށެވެ. ޝިމާނާ ބޯ ޖަހައިލިއެވެ.

"ދެން އާދޭ ސައިބޯން! މިހާރު އެހެރަ ދިހައެއް ޖަހަނީ."

ސައިތަށްޓެއް ގިރާލައިގެން އައިސް، ޝިމާނާ މޭޒުގެ އަނެއް ފަރާތުގައި އިށީންނިއެވެ. ދުން އަރަމުން ދިޔަ ސައިތަށްޓަށް ނަޒަރުހުއްޓާލައިގެން އިން އިރު، އޭނާގެ ހިތް ވެސް އޮތީ އުދާސްގަނޑެއްގެ ތެރޭގައެވެ. ކުށެއް ނެތް މީހަކަށް ބޮޑު އަނިޔާއެއް ދެވުނީތީ، އަދިވެސް އެކަމާ ވިސްނެނީއެވެ. ނަޖާހު ކުރާނެ ހިތާމައާއި ރޯނެ ރުއިން ޝިމާނާއަށް އެނގެއެވެ. އޭނާދެކެ ނަޖާހު ވާ ލޯބި ވަޒަންކުރެވެއެވެ. އެކަމަކު އެއީ އޭނާއަށް ކުރިއަށް ދެވޭން އޮތް މަގެއް ނޫނެވެ. އެ މަގުން އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އެޅޭކަށް ނެތެވެ. ފައިރޫޒަކީ އޭނާގެ ހަށިގަނޑުގެ އެއް ބަޔެވެ. ހަށިގަނޑުގެ އެއް ބަޔާއެކު ދިރިއެއް ނުހުރެވޭނެއެވެ. އެ ރޭ، އެ ޑްރާމާ ނުކުޅެވުނު ނަމައެވެ. އަތުގައި ފައިސާ ނެތި، އައިޝާމެން ފިލްމަށް ގެންދަން ވަޢުދު ނުވެވުނު ނަމައެވެ.

"ދަރިފުޅާ! ދެން އެ ކަމާ ނުވިސްނާ! މިހާރު އެކަން އެ ނިމުނީ."

ޝިމާނާ އިންގޮތުން، އޭނާގެ ސިކުނޑި ކަމުން ގެންދަނީ، ރޭ ހިނގައިދިޔަ ކަންތައްގަނޑުކަން އިޤުބާލަށް އެނގެއެވެ. އެ ކަމަކާ އިޤުބާލު އެއްވެސް ވަރަކަށް ނުވިސްނައެވެ. އޭނާ ކަންބޮޑުވަނީ އެންމެ ކަމަކާއެވެ. ފައިރޫޒަށް މިއިން ކަމެއް އެނގިފައި އޮވެދާނެތީއެވެ. ކޮންމެ މަޤުޞަދެއްގައި ކުރި ކަމެއްކަމަށް ވިޔަސް، ޝިމާނާއަށް އެ ވަނީ އަޅާން ނުވާނެ ފިޔަވަޅެއް އެޅިފައެވެ. އެ ކަން ފައިރޫޒަށް އެނގިއްޖެއްޔާ، ހިތްހަމައެއް ނުޖެހޭނެއެވެ. ނުރުހުމާއެކު ޝަކުވާ ކުރާނެއެވެ.

"އެއިން އެއްވެސް ކަމެއް ފައިރޫޒަށް އެނގޭނެތަ؟" އިރުކޮޅަކު އިނދެފައި އިޤުބާލަށް އަހައިލެވުނެވެ.

"ނޫން!" ޝިމާނާ ބޯ ހަލުވައިލިއެވެ.

"އެހެންވިއްޔާ ދެން ހިތްހަމަޖައްސައިލާ! ފައިރޫޒް އެނބުރި އަންނައިރު، ދަރިފުޅު އިންނާންވާނީ ހަމަޖެހިފަ. އޭނާއާ ކުރިމަތިލާންވާނީ އުފާވެރި މޫނަކާއެކު! ނަމަނަމަ ޝައްކެއްވާ ކަހަލަ ގޮތަކަށް އިނގިއްޔެއް ވެސް ހަލުވައިނުލާތީ! ބައްޕަމެންގެ ދިރިއުޅުމުގެ ހުރިހައި އުއްމީދެއް ގުޅިފައިވާ މީހަކީ، ފައިރޫޒްކަން ހަނދާން ބަހައްޓާތި!"

ބައްޕަގެ އެ ވާހަކަތަކަށް، ޝިމާނާ އެއްޗެއް ނުބުނެއެވެ. އޭނާއަކަށް އެ ވާހަކަތައް މުޅިއަކުން ގޯހެއް ވެސް ނޫނެވެ. އެހެންނަމަވެސް ހިތަށް ހަމަ އުނދަގޫވަނީއެވެ. މީހަކަށް ދެރައެއް ދީފައި، އުފަލުގައި ނޫޅެވޭނެއޭ ބުނެ އުޅޭތީ، ހިތް ބިރުގަންނަނީއެވެ. މި ކަންތައްގަނޑުގެ ބަނޑުން، ނުބައެއް އުފަންވެ، ހެދިބޮޑުވާން ފަށައިފާނެއޭ ހިތް ބުނަނީއެވެ.

އިރުގެ ރަންދޯދިތައް މަރުވެ، ހަނާވަމުން ދާ ހިތްދަތި ހަވީރުގެ ވަގުތެވެ. ދުނިޔެއާ ވަކިވާން ޖެހޭތީ، މާޔޫސްކަމާއެކު އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން ނަޖާހުގެ ދެ ލޯ ހުރީ ރަތްވެ ފާރުވެފައެވެ. އެހެން އިންއިރު، ފޯނުގެ ކީބޯޑުމަތީގައި އޭނާގެ އިނގިލިތައް ހަރަކާތްކުރަމުން ދެއެވެ. ހިތުގައި ބިންވަޅުނެގިފައިވާ އަދަދުތައް މަތީގައެވެ. އޭނާ އިރުއިރުކޮޅުން، އެ ނަންބަރަށް ގުޅައިލައެވެ. ކޮންމެ ފަހަރަކު ވެސް ހިތް ބުނަނީ، މި ފަހަރު ނަގާނޭ ކަމަށެވެ. އެހެންނަމަވެސް ނަގާނެ މީހަކު ނުވެ ފޯނު ކެނޑެނީއެވެ. އެ ފަދަ ކޮންމެ ފަހަރަކު، އޭނާގެ ލޮލުން ކަރުނަ ހިލިގަނެއެވެ. ހިތަށް ވެރިވެފައި ވާ މާޔޫސްކަމުން، މޫނުމަތި އިތުރަށް އަންދާލައެވެ.

އިރުއޮއްސި ހަތެއް ޖަހައިފިއެވެ. މަޣުރިބު ނަމާދު ފާއިތުވެ ހިނގައްޖެއެވެ. އަށެއް ވެސް ޖަހައިފިއެވެ. ނަޖާހުގެ ޚިޔާލަކު، ފިކުރަކު، ޝިމާނާ ނޫން ކަމެއް ނެތެވެ. އޭނާގެ މަންޒިލަކީ، ހަމަ އެ ސަރަޙައްދެވެ. މާލޭގެ ހުޅަނގު ފަރާތު ތޮށިމައްޗެވެ. ބައިވެރިއަކީ ކަރުނައެވެ. އެހެން އިންދާ، އޭނާގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ.

"މި ރޭ ވެސް ނާންނަނީތަ؟" ނަޖާހު ފޯނު ނެގުމާއެކު، އެ ކޮޅުން ސުވާލުކުރިއެވެ. ގުޅީ އޮލިމްޕަހުންނެވެ. ޑިއުޓީއަށް ނުގޮސްގެންނެވެ.

"ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މި އުޅެނީ. އިރާދަކުރެއްވިއްޔާ މާދަމާ ރޭ ދާނަން."

"މި ރޭ އަލީ ވެސް ނާދޭ. ހައުސް ފުލް ރެއެއް. ނަޖާހު ނައްޔާ ވަރަށް ބާރުބޮޑުވާނެ!"

"އެކަމަކުވެސް މި ރެއަކު ނުދެވޭނެ! ވަރަށް ބޮޑަށް ބޮލުގަ ރިހޭތީ މި އުޅެނީ."

އެތައް ވަރަކަށް ވާހަކަ ދައްކައިގެން ވެސް، ނަޖާހު ދާން އެއްބަސް ނުވުމުން، އެ ކޮޅުން ފޯނު ކަނޑައިލީއެވެ. ފޯނު ބޭއްވިގޮތަށް އަނެެއްކާވެސް ނަޖާހަށް ގުޅައިލެވުނީ ޝިމާނާއަށެވެ. ކެނޑެންދެން އިން އިރު ވެސް، ޝިމާނާ ފޯނެއް ނުނެގިއެވެ. ހިތަށް އެރިއެވެ. ޝިމާނާ ހާދަހައި ހިތް އަރެވެ. ހާދަހައި ރަޙުމުކުޑައެވެ. އޭނާގެ ހިތް ބުނަނީ، މިއީ ޝިމާނާ އޭނާއަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާގެ އަތުގައި ހިފައިގެން، އެތައް ހިސާބު މައްޗަކަށް އަރާފައި، ވާނޭގޮތެއް ވާން ދޫކޮށްލީއެވެ. ވެއްޓި މަރުވިޔަސް ހެޔޮކަމަށެވެ. ނަޖާހުގެ ދެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ.

ޖެހިގެން އައި ރޭ ނަޖާހު އޮލިމްޕަހަށް ދިޔައެވެ. ކަމާލަށް ނަޖާހު ފެނުމާއެކު، އޭނާގެ ހާލަތު ރަނގަޅު ނޫންކަން ދެނެގަތެވެ. އޭނާ ހުރި ގޮތް ފެނިފައެވެ. މޫނުމަތީން ފެންދަމާލައިފައި ހުރުމުންނެވެ. ދެ ލޯ ވަޅުވަދެ، ހަށިގަނޑު އަނަރޫފަވެފައި ހުރުމުންނެވެ.

"ކިހިނެއް ވެފަ ތިހިރީ؟" ހައިރާންކަމާއެކު ކަމާލަށް ސުވާލު ކުރެވުނެވެ.

"ބަލިކޮށް މި އުޅެނީ."

"ކިހިނެއް ވަނީ؟"

"ވާހައި ގޮތްތަކެއް ބުނާކަށް ވެސް ނޭނގޭ." ނަޖާހަށް ދޫކޮށްެލެވުނީ ފުން ނޭވާއެކެވެ.

"ތި އުޅެވެނީ ވިސްނަން ނުވާ ކަހަލަ ކަމަކާ ވިސްނަން ފަށައިގެން. ހަމަ ޔަގީން! ހިނގާ ދާން ކޮފީއެއް ބޯލަން! އޭރުން ތިކަން ހަމަ ޖެހިދާނެ. މަ އަންނާނަން ފާޚާނާއަށް ވަދެލާފަ."

"ދީބަލަ ފޯނު!" ކަމާލު ހިނގައިގަތުމުން ނަޖާހު ބުންޏެވެ.

އިތުރު ސުވާލެއް ނެތި، ޖީބުގައި އޮތް ފޯނު ނަގައި ނަޖާހު އަތަށް ދީފައި، ކަމާލު ދިޔައީ ފާޚާނާއާ ދިމާއަށެވެ. ނަޖާހު އަވަސްއަވަހަށް، އެ ނަންބަރަކަށް ޓަކައި އޭނާ ފިދާވާ ނަންބަރަށް ގުޅައިލިއެވެ. ދެތިން ރިންގާއެކު ޝިމާނާ ފޯނު ނެގިއެވެ.

"ހަލޯ!"

ޝިމާނާގެ އަޑު ޖެހުމާއެކު، ނަޖާހުގެ ހިތަށް ފިނިކަން ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް އިހުސާސްކުރެވުނެވެ. އެ އަޑަށް އޭނާގެ ކަންފަތް އިންތިޒާރުކުރާތާ ހާދަ އިރެއް ވެއްޖެއެވެ.

"ޝިމާ!" ނަޖާހުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެއްކަމަކު ދިރުން ހުއްޓެވެ. "ތި އަޑު ޖެހުނީމާ ވެސް ހާދަ ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖޭ!"

ޝިމާނާ އަނގައަކުން ނުބުނެއެވެ. ނަޖާހުގެ ކަންފަތަށް އިވެމުން ދަނީ ޝިމާނާގެ ނޭވާގެ އަޑެވެ.

"އެނގިއްޖެ ދޯ މީ ކާކުކަން؟ މީ ނަޖާހު. ވާހަކައެއް އަހާލަންވެގެން..."

ނަޖާހު ވާހަކަ ދައްކަންފެށުމާއެކު، ޝިމާނާ ފޯނު ކަނޑާލައިފިއެވެ. ނަޖާހު އަވަސް އަވަހަށް، އެ ނަންބަރަށް ޑައިލްކޮށްލިއެވެ. ނުނެގިއެވެ. ފަސް ހަ ފަހަރު ގުޅުމުން ވެސް ނުނެގިއެެވެ. ކަމާލު އައި އިރު ވެސް، ނަޖާހު އިނީ އެ ކަމުގައެވެ. ކަމާލަށް އެ ކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް އަޅައެއް ނުލައެވެ. އެނގޭކަމަށް ވެސް ނުހަދައެވެ. ކޮފީއެއް ބޯލަން ހިނގާށޭ ކިޔައިފައި، ނަޖާހު ގޮވައިގެން ހިނގައިގަތީއެވެ.

މެންދުރުފަހުގެ ވަގުތެވެ. ނަޖާހު އޮތީ އޭނާގެ އުދާސް ކޮޓަރީގައެވެ. މާޔޫސްވެފައި ވާ ސިކުނޑިއަކާއެކު ނިތްމަތީގައި އަތް ބާއްވާލައިގެން، ޝިމާނާގެ ޚިޔާލުތަކުގެ ތެރޭގައެވެ. އަސުރުން އިރުތިރިވިފަހުން ތެދުވެ ފެންވަރާލައިގެން ނިކުމެ ބަލިކަށި ހިނގުމެއްގައި، ހިނގައިގަތީ ޝިމާނާމެންގެއާ ދިމާއަށެވެ.

އުއްމީދު ގެއްލިފައި ހުރި އާވާރާއެއް ފަދައިން، ޝިމާނާމެންގޭ ކައިރީގައި ކުރުކާލިކަނޑައިލަ ކަނޑައިލަ ނަޖާހަށް ހުރެވުނީ ކިހައި އިރަކުކަމެއް ނޭނގެއެވެ. އޭނާގެ ފޫހިވުމެއް ނެތް އިންތިޒާރު ގުޅިފައިވަނީ ޝިމާނާއާއެވެ. ޝިމާނާ ގެއިން ނިކުންނާނޭ ވަގުތަކަށެވެ. ނުވަތަ ބޭރުން އެނބުރި އަންނާނޭ ވަގުތަކަށެވެ.

އިރުއޮއްސުމާ ދާދި ކައިރިވެފައި ހުއްޓާ، މަގުކޮޅުން ޝިމާނާގެ ރީތި ސޫރަ ދައްކާލައިފިއެވެ. ނަޖާހުގެ ކަޅި އެ ދިމާއަށް ހުއްޓުނުގޮތަށް، އެހެން ދިމާއަކަށް ފަޅި ސިކުންތަކަށް ވެސް ކަސިޔާރުނުވިއެވެ. ޝިމާނާއަށް ނަޖާހު ފެނުނީ، ގެއާ ވަރަށް ކައިރިވިފަހުންނެވެ. ހުއްޓުން އަރާފައި ހުރި ނަޖާހު ފެނުމާއެކު، ޝިމާނާ ސިހުނެވެ. އަވަސްއަވަހަށް ފިޔަވަޅު ހަލުއި ކޮށްލިއެވެ. ބޭނުންވަނީ ނަޖާހު އެއްޗެއް ބުނުމުގެ ކުރީން ގެއަށް ވަންނާށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރީން ނަޖާހު އައިސް ޝިމާނާއާ އަރައި ހަމަކޮށްފިއެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox