29 މޭ 2021 - 21:20 0
ބްރެންޓްފޯޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
29 މޭ 2021 - 21:20 0
ލަންޑަން (މެއި 29) - ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން މިރޭ ސްވަންސީ ސިޓީ 2-0 އިން ބަލިކޮށް، ބްރެންޓްފޯޑުން އެ ކްލަބްގެ ތާރީހުގައި އަލަށް އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޕްލޭއޮފް ފައިނަލުގައި ބްރެންޓްފޯޑް ބަލިވީ 2-1 އިން ފުލަމް އަތުންނެވެ. މިރޭ ސްވަންސީ އަތުން ހޯދި މޮޅާ އެކު ބްރެންޓްފޯޑް މި ވަނީ 74 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިފަ އެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަން ޕްރިމިއާ ލީގަށް 1992 ވަނަ އަހަރު ރީބްރޭންޑް ކުރި ފަހުން ބްރެންޓްފޯޑް ލީގުގައި އަދި ނުކުޅެ އެވެ.
ބްރެންޓްފޯޑުން ޕްރިމިއާ ލީގަށް ޕްރޮމޯޓްމިވީ ޕްލޭއޮފްގައި ކުޅުނު 10 ވަނަ ފަހަރު ފައިނަލުން މޮޅުވެގެންނެވެ. މީގެ ކުރިން ފައިނަލުން ހަތަރު ފަހަރު ބަލިވިއިރު، ފަސް ފަހަރު ސެމީން ވަނީ ކަޓައިފަ އެވެ. މިރޭގެ މޮޅާ އެކު އެއް އަހަރު ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުން ބަލިވެފައި ޖެހިގެން އައި އަހަރު ޗެމްޕިއަންކަން ހޯދި ފަސް ޓީމު ތެރޭގައި ބްރެންޓްފޯޑް މި ވަނީ ހިމެނިފަ އެވެ. މީގެ ކުރިން އެކަން ހާސިލްކުރީ ލެސްޓާ ސިޓީ، ކްރިސްޓަލް ޕެލަސް، އެސްޓަން ވިލާ އަދި ވެސްޓް ހޭމް ޔުނައިޓެޑް އެވެ.
ޕްލޭއޮފް ފައިނަލް މެޗުން މޮޅުވުމާ އެކު ބްރެންޓްފޯޑަށް ގާތްގަނޑަކަށް 178 މިލިއަން ޕައުންޑް (252 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އާންމު ގޮތެއްގައި ޕްލޭއޮފުން މޮޅުވާ ޓީމެއްގެ އާމްދަނީ އުޅެނީ 170 މިލިއަން ޑޮލަރާއި 260 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
ފުޓްބޯޅަ އެހެން މެޗުތަކަށް ވުރެ މި މެޗުގެ އަގު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ.
ބްރެންޓްފޯޑް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.
އަންނަ އަހަރުގެ ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްގެ އިތުރުން ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވެގެން ގޮސް ވާދަކުރާނީ ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަން ނޯވިޗް ސިޓީ އާއި ރަނަރަޕަށް ދިޔަ ވަޓްފޯޑް އެވެ. މި ދެ ޓީމު ޕްރިމިއާ ލީގަށް މި އައީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
މި ފަހަރުގެ ޕްލޭއޮފް ފައިނަލުން ބްރެންޓްފޯޑް ފުރުސަތު ހޯދީ ސެމީގައި ބޯންމައުތު ކަޓުވާލައިފަ އެވެ. ސްވަންސީ ސިޓީ މޮޅުވީ ސެމީގައި ބާންސްލީ އަތުންނެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި ބްރެންޓްފޯޑުން ވަނީ ފުރަތަމަ 20 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. ބްރެންޓްފޯޑުން ލީޑުނެގީ މި ފަހަރު އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީ ދެ ވަނަ ޑިވިޝަނުގެ އެންމެ ގިނަ ގޯލު ވެސް ކާމިޔާބުކުރި އިވާން ޓޯނޭ ވައްދާލި ޕެނަލްޓީންނެވެ. އޭގެ 10 މިނިޓް ފަހުން އެމިލިއާނޯ މޮރްކޮންޑޭސް ވަނީ ބްރެންޓްފޯޑްގެ ލީޑުފުޅާކޮށްދީފަ އެވެ.
ސްވަންސީން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 65 ވަނަ މިނިޓްގައި އެ ޓީމުގެ ޖޭ ފުލްޓަން އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
Comment