28 މޭ 2021 - 21:13 0
އައްޒާމް އަލިފުޅު
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
28 މޭ 2021 - 21:13 0
ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށޭނެ ކަމުގެ އުއްމީދު ކުޑަވެފައިވާއިރު، ހަރަދު ސަލާމަތް ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ހަތަރު ކުޅުންތެރިން ދޫކޮށްލަން ނިންމާފައިވާ ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން ވިދާޅުވީ އޭނާގެ އަމިއްލަ ވިސްނުމުގައި ވާހަކަ ދައްކާނަމަ މިހާރު ބެލެވޭގޮތުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުނުވެ، ދިގުލައިދާނަމަ ވިސްނުމަކީ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ދެ ވަނަ ބުރާ ހަމައިން ނިންމާލުމަށް ކަމަށެވެ.
ލީގު ކުރުކޮށްލުމަށް ފަހު ދެން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުން އެއީ ވިސްނުމެއް ކަމަށާއި އެކަަމަކު ކޮންމެ ގޮތެއް ވެސް ނިންމާނީ ކްލަބްތަކާއި އެފްއޭއެމްގެ ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހު ކަމަށް ބައްސާމް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާތީ މި ވަގުުތު ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ވެސް އޮތީ ހުއްޓިފަ އެވެ.
ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިންނަކީ ކިރްގިސްތާންގެ ތިން ކުޅުންތެރިން ކަމަށްވާ ކީޕަރު ރުސްލާން އާމިރޯފާއި ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް އަދި މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފްގެ އިތުރުން ފޯވާޑް ޔޫކްރޭނުގެ ކީރްލޯ ސިލިޗް އެވެ. މި ހަތަރު ކުޅުންތެރިން އިއްޔެ ޕީސީއާރް ޓެސްޓް ހަދާފައިވާއިރު، މިރޭ އެނބުރި ގައުމަށް ފުރާނެ އެވެ.
ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން ޔުނައިޓެޑް ވިކްޓްރީގެ އަނަޓޯލީ ބޯޅަ ހިފައިގެންދުވަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ސާންތީ މިރޭ "އަދަދު" އަށް ބުނީ މިހާރު އޮތްގޮތުން ލީގު އަލުން ފެށުމުގެ ފުރުސަތު ވަރަށް ވެސް ކުޑަވެފައިވާއިރު، ބިދޭސީ ކުޅުންތެރިން ދޫކޮށްލަން ނިންމީ ކްލަބްގެ މާލީ ހާލަތާ މެދު ވެސް ވިސްނުމަށް ފަހު ކަމަށެވެ.
"99 ޕަސެންޓް ޔަގީން ކަމާ އެކު މިހާރު އެބަ އެނގޭ ލީގު އަލުން ދެން ނުފެށޭނެ ކަން. އެހެންވެ އެ ސަބަބާ ހުރެ ޔުނައިޓެޑް ވިކްޓްރީން ނިންމީ ލާރި ވެސް ސަލާމަތްކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިން ފޮނުވާލަން،" ސާންތީ ބުންޏެވެ.
ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޔުނައިޓެޑް ވިކްޓްރީގެ ފުރަތަަމަ އެގާރައިގައި ގަވާއިދުން ކުޅެނީ ޑިފެންޑަރު މަރަޓް އާއި މިޑްފީލްޑަރު އަނަޓޯލީ އެވެ. ސިލިޗާއި އާމިރޯފް ގިނައިން ހުރީ ފަހަކަށް އައިސް ބެންޗުގަ އެވެ. އެހެން ކަމުން ފުޓްބޯޅަ ސީޒަނުގައި އިތުރު މެޗުތަކެއް ކުޅޭ ގޮތަށް އެފްއޭއެމުން ނިންމި ކަމުގައި ވިޔަސް ޔުނައިޓެޑް ވިކްޓްރީ އަށް ބިދޭސީ ކުޅުންތެރިންނާ ނުލައި ވެސް ރަނގަޅު ނަތީޖާ ނެރެވޭނެ އެވެ.
ޔުނައިޓެޑް ވިކްޓްރީގައި މި ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުން އެ ޓީމުގެ ތިން ކުޅުންތެރިންނަށް ވަނީ މުޅިން އަލަށް ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ލިބިފަ އެވެ. އެއީ މި ފަހަރުގެ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ސްކޮޑުގައި ހިމެނުނު ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އާއި ޑިފެންޑަރު އަލީ ޝަމާލް އަބްދުﷲ (ޝަންމު) އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.
ލީގުގެ ދެ ވަނަ ބުރު ނިންމާލިއިރު، އެއް ވަނައިގައި އޮތް މާޒިޔާ ނަގާފައި އެންމެ ރަނގަޅު ފޯމެއްގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އެވެ. އެ ޓީމުން ލީގުގައި ފުރަތަމަ ކުޅުނު 11 މެޗު މޮޅެއް ނުލިބި ފަރުޖައްސާލަން ޖެހުނު ނަމަވެސް ދެ ވަނަ ބުރުގެ ފަހު ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް ވެލެންސިއާ އަތުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment