Advertisement

ބައެއް ރަށްރަަށަށް ވަރަށް ބޮޑަށް އުދަ އަރައިފި

26 މޭ 2021 - 17:17 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މަޑުއްވަރީއަށް އުދަ އަރާފައި: އެ ރަށުގެ ދެބައިކޮށްފަ އެއް ބައި ވަނީ އަސަރުކޮށްފައި


ބައެއް ރަށްރަަށަށް ވަރަށް ބޮޑަށް އުދަ އަރައިފި

26 މޭ 2021 - 17:17 0

ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ދުވަސްވަރު އެކި ރަށްރަށަށް އުދަ އަރަމުންދާއިރު މިއަދު ވަނީ ބައެއް ރަށްރަށަށް އަދާޔާ ހިލާފަށް އުދަ އަރާފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މ. މަޑުއްވަރީ އާއި ދ. މާއެނބުދޫ އަދި ކ. ދިއްފުއްޓަށެވެ.

މަޑުއްވަރީ ކައުންސިލްގެ މެންބަރު އިބްރާހިމް ނިޝާމް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި މަޑުއްވަރީއަށް އިއްޔެ އަދާޔާ ހިލާފަށް އުދަ އަރަމުންދާތީ އެކަން ކަމާބެހޭ އިދާރާތައް އެންގި އެވެ. އެގޮތަށް އަންގާފައިވަނިކޮށް މިއަދު ވަނީ މަޑުއްވަރީއަށް ހުރިހާ ދިމާލަކުން ވަރަށް ބޮޑަށް އުދަ އަރާފައި ކަމަށް ނިޝާމް ވިދާޅުވި އެވެ.

"އިއްޔެއަށް ވުރެ ދެ ގުނައަށް މިއަދު އުދަ އަރަމުން ދަނީ، ރަށުގެ އެކި ދިމާލުން ދެ ފޫޓު ތިން ފޫޓާ ހަމައަށް ރަށު ތެރެއަށް އުދަ އަރާފައިވޭ،" ނިޝާމް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ރަށުގެ ދެބައިކޮށްފަ އެއް ބަޔަށް އުދައިގެ އަސަރު ވަނީ ކޮށްފައި،"

ނިޝާމް ވިދާޅުވި ގޮތުގައި، ގޭގެ ގޯތި ތެރެއާއި އޮފީސްތަކުގެ ގޯތި ތެރޭގައި ވެސް ލޮނުގަނޑު އެބަ އޮތެވެ. ނަމަވެސް، ގޭގޭގެ ތެރެއަށް ލޮނުގަނޑު ވަނަ ނުދީ، ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

"ގޭގޭގައި ހުރި ގަސްގަހަށް ވެސް ލޮނުގެ އަަސަރު ވަނީ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިރުވައިގައި މަޑުއްވަރީއަށް އާންމުކޮށް އުދަ އެރި ނަމަވެސް، މިއަދު އުދަ އަރަމުންދާ ގޮތަށް ރަށުގެ ހުރިހާ ދިމާއަކުން މީގެކުރިން އުދަ އަރައިފައެއް ނުވެ އެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ މޫސުމީ ބަދަލުތަކާއި އަތޮޅުގެ ގުދުރަތީ މާހައުލަށް ގެންނަމުންދާ ބަދަލުތަކެވެ.

އެކި ސަރަހައްދުތަކުން ބިން ހިއްކަމުން ދިޔުން ސަބަބެއް ކަމަށް ވެދާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

ނިޝާމް ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންނަށް ދާއިމީ ހައްލެއް މިކަމުގައި ހޯދައިދޭންޖެހެ އެވެ. އެގޮތުން އޮތް ދާއިމީ ހައްލަކީ ބަނދަރުގައި ބޮޑުހިލަ ޖަހައިގެން ތަރައްގީ ކުރުމާއި ރަށް ވަށައިގެން ރިވެޓްމެންޓް ޖެހުމެވެ.

އުދައިގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވާ މާއެނބޫދޫ ކައުންސިލުން ބުނި ގޮތުގައި މޫސުން ގޯސްވެ، ރަށަށް ވަރަށް ބޮޑަށް ވަނީ އުދަ އަރާފަ އެވެ. އިއްޔެއަށް ވުރެ ބޮޑަށް މިއަދު އުދަ އަރައި ރަށުތެރެއަށް ފެންގަނޑު ފެތުރިފައިވާ ކަމަށް އެ ކައުންސިލުން ވެސް ބުންޏެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި އުދަ އަރާ ދިއްފުށީގެ ހާލަތު މިއަދު ވަރަށް ގޯހެވެ. ދިއްފުއްޓަށް އުދަ އެރުމުގެ މައްސަލަ ހައްލު ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް އަވަހަށް ފެށުމަށް އެދޭ ކަމަށް ވިދާޅުވި އެވެ.

އުދަ އަރާ ގެއްލުންވަމުންދާ ރަށުރަށުގައި ސިފައިން ހަރަކާތްތެރިވަމުންދާއިރު، އެ ރަށްރަށުގެ ހާލަތު މޮނީޓާކުރަމުންދާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ވަނީ ނެރެފަ އެވެ. އެ އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކަނޑުތައް ގަދަވެ، ވައިބާރުވެ އަދި އުދަވެސް އަރާނެ އެވެ.