26 މޭ 2021 - 07:45 5
ނާޒިމް ހަސަން
ބަޝީރު: އަތޮޅު ރައީސްގެ ގޮނޑި ހޫނުވެ، ހައިކޯޓާ ހަމައަށް ވަނީ ގޮސްފައި.
26 މޭ 2021 - 07:45 5
އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ ތާއިދާ އެކު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކަނޑައެޅި، ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު(ބައްޓޭ) އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމުގައި ދިމާވި މައްސަލައަކާ ހެދި އެ ގޮނޑި އޭނާ އަށް ގެއްލިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ދައްކާ ގޮތުގައި އެ ގޮނޑި ކާމިޔާބުވީ ވާދަވެރި ޕާޓީ، ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ނިމާލަށެވެ. އެކަމަކު މިއީ ކޮމިޝަންގެ ސައްހަ ނިންމުމެއް ނޫން ކަމަށް ވިދާޅުވެ މި މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވަން ބަޝީރު ވަނީ ނިންމަވައިފަ އެވެ.
ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އަތޮޅު ކައުންސިލްގެ ރައީސުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ އެއް ބޭފުޅަކު އެލްޖީއޭ ބޯޑުގައި އިންނަވަން ޖެހެ އެވެ. މި ގޮނޑިއަށް އެމްޑީޕީގެ އަތޮޅު ކައުންސިލަރުން ބޭނުންވީ ބަޝީރު ހޮވާށެވެ. އިދިކޮޅު ޕީޕީއެމްއިން ނިންމީ، އެ މަގާމަށް ނިމާލް ގެންނާށެވެ.
އެކަކަށް ވުރެން ގިނައިން އެ ގޮނޑިއަށް ވާދަކުރެއްވުމުން އިންތިހާބެއް ބާއްވަން ޖެހޭތީވެ އިލެކްޝަންސުން ކުރިމަތިލާން ހުޅުވާމުން ބަޝީރާއި ނިމާލް ވެސް ފޯމު ހުށަހެޅުއްވި އެވެ. އެކަމަކު ކޮމިޝަނުން ނިންމީ، ބަޝީރު ފޯމް ހުށަހެޅުއްވީ ވަގުތު ހަމަވި ފަހުން ކަމަށެވެ.
ބަޝީރު ވަނީ އެކަމުގައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޯމު ހުށަހެޅުއްވީ ގަޑި ޖެހުމުގެ ކުރިންނެވެ. އެކަމުގެ ހެކި ދައްކަވަން ފޯމް ހުށަހެޅުއްވި އީމެއިލްގެ ސްކްރީންޝޮޓެއް ވެސް ވަނީ ސޯޝަލްމީޑިއާގައި އާއްމުކުރައްވައިފަ އެވެ.
އޭގައިވާ ގޮތުން އިލެކްޝަންސަށް ބަޝީރު ފޯމު ހުށަހެޅުއްވީ 13:59ގަ އެވެ. އިލެކްޝަން ކޮމިޝަނުން ފޯމު ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 14:00 އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ބަޝީރުގެ ފޯމު އެ ކޮމިޝަނަށް ލިބުނީ ހަތަރު މިނެޓު ލަހުން 14:04ގަ އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގަޑި ޖެހުނު ފަހުން ހުށަހެޅި ފޯމްތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ މަގާމަށް ވާދަކުރާ އިތުރު މީހަކު ނެތުމުން، ނިމާލު އޮޓޯއިން އިންތިހާބުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެ ނިންމުމާމެދު ހިތްހަމަނުޖެހި، އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ބަޝީރު ވިދާޅުވި އެވެ. އިލެކްޝަން ކޮމިޝަނުން ނިންމާ މިފަދަ އިންތިހާބާ ގުޅޭ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެވެ.
އެލްޖީއޭގެ އަތޮޅު ރައީސުންގެ ގޮނޑީގެ މައްސަލަ ހޫނުވެފައިވާއިރު ބޯޑަށް ރަށު ކައުންސިލަރުންގެ މެންބަރުންގެ ތެރެއިންނާއި ސިޓީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ވެސް މެންބަރަކު އިންތިހާބު ކުރާނެ އެވެ. އެގޮތުން ރަށުގެ ކައުންސިލަރުގެ ގޮނޑިއަށް އަށް މެންބަރަކު ކުރިމަތިލައްވާފަ އެވެ. ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން ދެ މެންބަރަކު ކުރިމަތިލައްވާފައިވެ އެވެ.
33.33%
0.00%
0.00%
66.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބައްޓެ
almost 4 years ago
ތިކަމުގަ ގޯސް ހަދާފައިވަނީ ބައްޓެ! 2 ޖަހާއިރަށް ގަޑިޖެހެންޏަ 1:59 އެއްނޫން ފޮނުވާނީ އެޕްލިކޭޝަން، އެހެންވީމަ މިއޮތީ އެނގިފަ މީނާ ނ.އަތޮޅު ހިންގާނެގޮތް، ހުރިހާކަމެއްވެސް ކުރާނީ ފޫކޮޅުގަ ރޯވީމަ.
މަނަދޫ މީހާ
almost 4 years ago
މެއިލް ފޮނުވަން 13:59 ވަރަށް ޒިންމާދާރު ކަމެއް ނެތް. ބައްޓޭ ކަމަކީ ގަރާރު ނެރުން. އެކަމަކު އަދި މިހުރީ ބައްޓޭ ފަހަތުގައި. ކުށް ތަކުރާރު ނުކުރާނެ ކަމަށް ހީކުރަން
މަކީނާ
almost 4 years ago
ބަޝީރު ސިޓީ ހިފައިގެން ރަށުން ފުރަން ބޯޓަށް އެރި ގަޑިއެއް ނޫން ބަލާނީކީ..ސޯޝަލް މީޑިއާގަ މިހާ މުހިއްމު މީހަކަށް މިވަރު އެގޭނެކަމށް ހީކުރަން..މިކަމަށް އިތުރަށް ހިފުމަކީ މަނިކުފާޏު ބޭޒާރުވުން.
މިރުސޯދު
almost 4 years ago
އީމެއިލް އަކީ އެކި ސިސްޓަމްތަކުން ތެރެއިންލާފަ ރިލޭވާ އެއްޗެއް. ..ޑިލޭ އުޅޭނެ..މީގަ ޝަރީފުގެ ބަސް...އިލެޗްޝަން އަށް ލިބުނުގަޑި މީގަ މާނަކުރަންޖެހޭނީ...
އަހަންމަދާ
almost 4 years ago
މީގެން ވެސް ދޭހަ ވަނީ ނ. އަތޮޅު ދާނީ ފަހަތަށް ކަމަށް ބަޝީރަށް އެހާ ވަގުތު ލިބުން އިރު އެ ފޯމް އީމެއިލް ކޮށްލެވުނީ 13:59 ގައެވެ. މީ ކުޑަ އެހެންމަވެސް މުޅި ނ. ރައްޔިތުން ވިސްނަންޖެހޭވަރު މުހިންމު ކަމެއް. ކަމަށް މީހަކު ތައްޔާރުވެ ފަރުވާތެރިވާންޖެހޭ ވަރު ވިސްނަންޖެހޭނެއެވެ. ބަޝީރު ފަރުވާ ކުޑައީއެވެ.
Comment