Advertisement

270 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހުޅުމާލޭގައި އަޅަނީ

26 މޭ 2021 - 11:06 0

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

ކޮވިޑް ސާމްޕަލް ސެންޓަރު: އާ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


270 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހުޅުމާލޭގައި އަޅަނީ

26 މޭ 2021 - 11:06 0

ކޮވިޑްގެ ހާލަތަ ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ފަރުވާ ދިނުމަށް ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި އަލަށް ގާއިމް ކުރަން ނިންމާފައިވަނީ 270 އެނދުގެ ފެސިލިޓީއެކެވެ.

ހުޅުމާލޭގައި މިވަގުތު ވެސް ކޮވިޑަށް ފަރުވާ ދިނުމަށް 276 އެނދުގެ ފެސިލިޓީއެއް ހުރެ އެވެ. މި ފެސިލިޓީގައި އައިސީޔޫގެ 11 އެނދާއި 18 ވެންޓިލޭޓަރު އެނދު ހުރެ އެވެ. ނަމަވެސް، ބަލީޖެހޭ މީހުން އިންތިހާއަށް ގިނަވުމާ ގުޅިގެން އެ ފެސިލިޓީގެ އެނދުތައް ވަނީ ފުރެން ކައިރިވެފަ އެވެ.

ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ހުޅުމާލޭގައި މި ވަގުތު ފަރުވާ ދިނުމަށް ހުރި ފެސިލިޓީގައި ބައެއް ދަތި އެބަ ހުރި ކަމަށާއި، އެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ފެސިލިޓީގައި މިވަގުތު 116 ނަރުހުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވެ އެވެ. އޭގެ ތެރެއިން ކޮންމެ 10 ބަލި މީހަކަށް ނަރުހެއް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ 20 ބަލި މީހަކަށް ޑޮކްޓަރެއް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަސީލަތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް ވަރަށް މަދު ކަމަށާއި އެހެންވެ، ނަރުސްކަން ކިޔަވާ 144 ދަރިވަރަކު ހިދުމަތަށް ނެރުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"އޭގެ ތެރެއިން ބައެއް ކުރިން އެތަނުގައި މަސައްކަތް ކުރަން އެއްބަސްވެފައި ވަނީ، އޭގެ ތެރެއިން 14 ކުދިން މަސައްކަތަށް މިއަދު ނިކުންނާނެ، އަދި އިތުރު 15 ކުދިން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިކުންނާނެ،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް، ހުޅުމާލެ މެޑިކަލް ފެސިލީޓީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޓެންޑެންސްގެ ގޮތުގައި 62 މީހަކު ހަރަކްތެރިވެ އެވެ. އަދި 31 މީހުންނާއެކު، ކޯލް ސެންޓަރެއް ވެސް ވަނީ ގާއިމް ކުރެވިފަ އެވެ.

"އެއީ އެތާ ތިބޭ ބަލި މީހުންގެ އާއިލާތަކުން ކުރާ ފޯނުތަކަށް ޖަވާބުދީ، ބެލިނިވެރިކަމުގައި ތިބި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ބަލިމީހުންނަށް ސޯޝަލް ކެއާ ދިނުމަށް ޖެންޑާ މިނިސްޓްރީގެ 20 މުވައްޒަފުން ވެސް ހަރަކާތްތެރިވަމުންދެ އެވެ.

ކޮވިޑް އިންތިހާއަށް ފެތުރެމުންދާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އެވެ.