Advertisement

މާބައިދޫގެ އިންތިހާބީ ޝަކުވާ ސާބިތެއް ނުވި

23 މޭ 2021 - 17:59 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހައިކޯޓު: މާބައިދޫގެ އިންތިހާބީ ޝަކުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


މާބައިދޫގެ އިންތިހާބީ ޝަކުވާ ސާބިތެއް ނުވި

23 މޭ 2021 - 17:59 0

ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި އިންތިހާބީ ޝަކުވާ ސާބިތު ނުވާ ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ހައިކޯޓުން ހަތް އިންތިހާބީ ޝަކުވާއެއް ބަލައިގަނެ، ޝަރީއަތް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން މާބައިދޫ މައްސަލައަކީ ގޮތް ކަނޑައެޅި އެންމެ ފަހު މައްސަލަ އެވެ.

މާބައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ވިސާމެވެ. އެންމެ ވޯޓެއްގެ ފަރަގާއެކު އިންތިހާބުން ބަލިވީ ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން އާދިލެވެ.

އާދިލް ހައިކޯޓަށް ހުށެހެޅީ ދެ ވޯޓު ފޮއްޓެއްގެ ނަތީޖާ ބާތިލް ކުރުމަށެވެ. ނަމަވެސް، ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވޯޓު ފޮށި ބަތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި ހުކުމާއެކު މާބައިދޫ ކައުންސިލްގެ ރައީސް ހުވާކުރުން މަޑުޖައްސާލަން އަންގާފައި އޮތް އޮތުން ވެސް ނުމުމަކަށް އައީ އެވެ.

އެއް ވޯޓުގެ ފަރަގެއް އޮތް ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް މިއަދު ހައިކޯޓުން އަމުރުކޮށްފައިވެ އެވެ.

ދެން ހައިކޯޓުން ބެލި އަނެއް ފަސް އިންތިހާބީ ޝަކުވާ ވެސް ނިންމީ ސާބިތުނުވާ ކަމަށެވެ. އެހެންކަމުން ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ކޮނޑޭ މައްސަލަ އެކަންޏެވެ.

ކޮނޑޭގެ ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްހަކީމެވެ. ދެވަނައަށް ގޮސްފައިވަނީ، އިންތިހާބީ ޝަކުވާ ހައިކޯޓަށް ހުށަހެޅި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ. ވޯޓުގެ ފަރަގަކީ އެންމެ ވޯޓެކެވެ.

ޝުއައިބަކީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.

ހައިކޯޓުން މިއަދު ނިންމާފައިވަނީ، އިންތިހާބީ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ، ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލު ކުރެވޭތީ، މައްސަލާގައި އެދިފައިވާ ގޮތަށް ވޯޓު އަލުން ގުނުމަށް އަމުރުކުރަން ޖެހޭ ކަމަށެވެ.