20 މޭ 2021 - 16:23 0
ނާޒިމް ހަސަން
ހައިކޯޓު: ދެ ރަށުގެ އިންތިހާބީ ޝަކުވާގެ މައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
20 މޭ 2021 - 16:23 0
ތ. ކަނޑޫދޫ އާއި ހއ. ފިއްލަދޫގެ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާ ވެސް ސާބިތު ނުވާ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.
ކަނޑޫދޫ އިންތިހާބަށް ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެ ރަށު ކައުންސިލަށް މެންބަރުންނަށް ހޮވުމަށް ބޭއްވި އިންތިހާބަކީ ގާނޫނު އަސާސީއާ ހިލާފަށް ހާއްސަކޮށް، 171 ވަނަ މާއްދާއާ ހިލާފުވާ ގޮތަށް ކުރިއަށް ދިޔަ އިންތިހާބެއް ކަމަށެވެ.
ނަމަވެސް، މިއަދު ހައިކޯޓުން އިއްވި ހުކުމްގައި ބުނީ އެފަދަ ކަމެއް ސާބިތު ނުވާ ކަމަށެވެ.
"އިންތިހާބުގެ ނަތީޖާއަށް ނޭދެވޭ އަސަރެއް ފޯރާ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ކަމެއް ޝަރީއަތަށް ސާބިތެއް ނުވޭ،" ހުކުމްގައި ބުންޏެވެ.
އެހެންވެ، އެ ރަށުގެ ވޯޓު އަލުން ބޭއްވުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކުރި އެވެ. މި މައްސަލަ ނިމެންދެން ކަނޑޫދޫ ކައުންސިލްގެ މެންބަރުން ހުވާ ކުރުން ވެސް އޮތީ މަޑުޖައްސާފަ އެވެ.
ފިއްލަދޫ އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތީ، ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑީޑޭޓުންގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް، އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރި އެވެ.
މި މައްސަލަ ނިމެންދެން ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ވެސް އޮތީ މަޑުޖައްސާލާފަ އެވެ.
ތިން ރަށެއްގެ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާތައް އެ ކޯޓުން މިރޭ ބޭރުކޮށްލައިފި އެވެ.
މީގެކުރިން، ތުލުސްދޫ، ށ. ބިލެއްފަހި އަދި ލ. މާވަށުގެ އިންތިހާބީ ޝަކުވާ ވެސް ސާބިތު ނުވާ ކަމަށް ހައިކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
އަދިވެސް ހައިކޯޓުގައި ނިމެނޭ ދެ އިންތިހާބީ ޝަކުވާއެއް އެބަ އޮތެވެ. ގއ. ކޮނޑޭ އާއި ލ. މާބައިދޫގެ ކައުންސިލްގެ ރައީސުންގެ އިންތިހާބާ ގުޅޭ ޝަކުވާއެކެވެ. އެ މައްސަލަ ނިމެންދެން ރައީސުން ހުވާ ކުރުން ވެސް ވަނީ މަޑުޖައްސާފަ އެވެ.
ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ. ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ގިނަ ޝަކުވާތައް އެ ކޮމިޝަނުން ބަލައިގެންފައެއް ނުވާއިރު، އިންތިހާބުވި އާ ކައުންސިލަރުން މިހާރު ވަނީ ހުވާކޮށްފަ އެވެ.
Comment