Advertisement

ދިވެހިންގެ އެހީގައި ޣައްޒާގެ މައި ހޮސްޕިޓަލަށް ކަރަންޓު

18 މޭ 2021 - 19:16 1

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

ކުދިންތަކެއް މިއަދު ހަވީރު ފަލަސްތީނު ދިދައާއެކު ބެލްކަންޏެއްގައި: ދިވެހިންގެ އެހީގައި ޣައްޒާގެ ހޮސްޕިޓަލަށް ވަނީ ކަރަންޓު ފޯރުކޮށްދޭން ތެޔޮ ހަދިޔާކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ދިވެހިންގެ އެހީގައި ޣައްޒާގެ މައި ހޮސްޕިޓަލަށް ކަރަންޓު

18 މޭ 2021 - 19:16 1

ފަލަސްތީނުގެ ގާޒާގައި މިވަގުތު ހިދުމަތްދޭ އެންމެ މައި ހޮސްޕިޓަލް، "އަލް ޝިފާ" އަށް ދާން އޮންނަ މަގަށް އިޒްރޭލުން އިއްޔެ ބޮން އެޅުމާއެކު އެ ސަރަހައްދުން ކަރަންޓު ގޮސް، ހޮސްޕިޓަލުގެ މައި ޔުނިޓްތަކުގެ ހިނގުން ހުއްޓެމުން ދަނިކޮށް ރާއްޖެއިން ތެޔޮ ފޯރުކޮށްދީގެން އެ ހޮސްޕިޓަލަށް ކަރަންޓު ދީފި އެވެ.

އަލް-ޝިފާ ހޮސްޕިޓަލަށް ރާއްޖޭގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނީ ދަރުމައަށް މަސައްކަތްކުރާ "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން" އައިއޭސީ އިންނެވެ. މި ޖަމިއްޔާ އިން ވަނީ ހޮސްޕިޓަލުގެ ވަގުތީ ހިންގުމަށް ބޭނުންކުރަން 2547 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފަ އެވެ.

އައިއޭސީގެ ފަރާތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ޖަމިއްޔާގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރ، އަޒްހަދު ވިދާޅުވީ، ރޯދަމަހުގެ ފަހު ދިހަ ފެށުނު ހިސާބުން ފެށިގެން، އެ ޖަމިއްޔާ އަށް އާންމުންގެ ފަރާތުން ލިބެމުން އައި ފަންޑުގެ ބޮޑުބައެއް ގާޒާ އަށް އެހީ ފޯރުކޮށްދިނުމަށް އެލޮކޭޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން ރޯދަމަހާއެކު ފެށި "ލޯތްބާއެކު" ކެމްޕޭން، ހަ ރޯދަ ނިމެންދެން ކުރިއަށްގެންދަން ނިންމައި، ހާލުގައި ޖެހެމުންދާ އާއިލާ ތަކަށް ވަގުތީ އެހީ ފޯރުކޮށްދިނުމަށް އިތުރު ޕްރޮގްރާމްތަކެއް ރާވައި މިހާރު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"ހަ ރޯދަ އައި ފަހުން ފަލަސްތީނުގެ ކަންކަން ބޮޑަށް ގޯސްވެފައި ވަނީ. އެހެންކަމުން މިހާރު ލިބެމުންދާ ފަންޑުތައް ބޭނުންކުރަމުންދަނީ 'ހޮޓް މީލް' ބެހުމާއި، ފޫޑް ޕެކޭޖް ތައް ދިނުމާއި އެމެޖެންސީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް،" އަޒްހަދު ވިދާޅުވި އެވެ.

"އެހެންވީމަ، ދާއިމީ ހައްލަކަށް ނުވިޔަސް، ދިވެހިންގެ ފަރާތުން ހޮސްޕިޓަލަށް މިހާލަތުގައި މިވަރުގެ އެހީތެރިކަމެއް ފޯރުކޮށްދެވުނީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން ޝުކުރު އަދާކުރަން،"

އައިއޭސީއިން މިއަދު އެހީ ފޯރުކޮށްދިން އަލް ޝިފާ ހޮސްޕިޓަލަކީ ގާޒާގެ މިވަގުތު އެންމެ ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދެމުންގެންދާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލަކީ ގާޒާގައި އާއްމު ސިއްހީ ހިދުމަތްތަކުގެ 70 ޕަސެންޓު އަދި ސިއްހީ އެމެޖެންސީ ހިދުމަތްތަކުގެ 90 ޕަސެންޓު ފޯރުކޮށްދޭ ހޮސްޕިޓަލެވެ.

އޭނާ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ގާޒާއަށް އިޒްރޭލުން ބޮން އަޅަން ފެށި ފަހުން މިހާތަނަށް އެމަޖެންސީ އެހީގެ ގޮތުގައި 1500 އާއިލާއަށް އެހީ ފޯރުކޮށްދީ، ގެއިން ބޭރުގައި ކައްކައި ކެވޭނެ ގޮތް ނެތިފައި ތިބި 1300 އެއްހައި މީހުންނަށް ވަގުތީ ކެއުމުގެ ގޮތުގައި "ހޮޓްމީލް" ބަހާފައިވާ ކަމަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 90 އާއިލާއަކަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވެއެވެ.

ރޯދަ މަހާއެކު ފެށި "ލޯތްބާއެކު" ކެމްޕޭނުގެ ދަށުން މިހާތަނަށް 2100 އާއިލާ އަށް ކާބޯތަކެތީގެ ޕެކޭޖް ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިއޭސީގެ "ލޯތްބާއެކު" ކާބޯތަކެތި ޕެކޭޖަކީ އާއިލާއަކަށް މަސްދުވަހަށް ކެވޭ މިންވަރަށް ކާބޯތަކެތި ހިމެނޭގޮތަށް ތައްޔާރުކުރާ ޕެކޭޖް ތަކެކެވެ. އައިއޭސީ އިން މި ރޯދަ މަހު، ފަލަސްތީނުގެ އިތުރުން ފަގީރު 15 ގައުމެއްގައި "ލޯތްބާއެކު" ކެމްޕޭން ކުރިއަށް ގެންދިޔަ އެވެ. މިއީ އައިއޭސީ އިން މިކެމްޕޭން ހިންގާ ފަސް ވަނަ އަހަރެވެ.

އަޒްހަދު ވިދާޅުވީ، އައިއޭސީ އަށް މިހާރު ވެސް ޑޮނޭޝަންތައް ލިބެމުންދާއިރު އިތުރު ފަންޑު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، މިގޮތުން ލިބޭ ފަންޑުތަކުން ކުރާ ހަރަދުތައް ހާމަކަން ބޮޑު ގޮތެއްގައި މިހާރެކޭ އެއްގޮތަށް ވަރަށް ތަފްސީލުކޮށް ކުރިއަށް އޮތް ތަނުގައި ވެސް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭތާ ފަސް ވަނަ އަހަރު މި ހިނގަނީ. މިހާ ދުވަސް ވަންދެން މިވަރުގެ ބޮޑު ޑޮނޭޝަން ތަކެއް ލިބި، ގަވާއިދުން ޕްރޮގްރާމްތަކެއް ހިންގެނީ ޑޮނޭޓްކުރާ ފަރާތްތަކުގެ އިތުބާރު އޮތުމުން ކަމަށް ގަބޫލުކުރަން. އެކަމަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.