Advertisement

ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަވީ އެލިސަންގެ ސަބަބުން: ޓުޗެލް

18 މޭ 2021 - 13:15 0

އެލިސަން (ކ) އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ


ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަވީ އެލިސަންގެ ސަބަބުން: ޓުޗެލް

18 މޭ 2021 - 13:15 0

ލަންޑަން (މެއި 18) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭސް އިތުރަށް ފޯރިގަދަވެގެން ގޮސްފައިމިވަނީ އާދިއްތަ ދުވަހުގެރޭ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އެ ޓީމު މޮޅުކޮށްދޭން ފަހު ވަގުތު ޖެހި ގޯލުގެ ސަބަބުން ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލިވަޕޫލަށް ވެސްޓް ބްރޮމް އަތުން މޮޅެއް ނުހޯދުނު ނަމަ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރެއްގައި އޮތް ޗެލްސީ އަށް ގަދަ ހަތަރެއް ހޯދަން މާ ބޮޑު ޕްރެޝަރެއް ނެތެވެ. އެކަމަކު އެލިސަން އިތުރު ވަގުތުގެ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ލިވަޕޫލް ވަނީ ވެސްޓް ބްރޮމް ބަލިކޮށް ޗެލްސީއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ.

ލިވަޕޫލް ފަސް ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ސިޓީ ތިން ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓާ އެކު އެވެ. މިހާރު އޮތްގޮތުން ޗެލްސީ އާއި ލެސްޓާ އަދި ލިވަޕޫލަށް ވެސް ކުރިއަށް ހުރި މެޗުތަކުން މޮޅުވުން އޮތީ މަޖުބޫރުވެފަ އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް މީޑިއާ އަށް އިންޓަވިއުދެނީ.


ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުނީ ގަދަ ހަތަރެއްގެ ރޭސް އިތުރަށް ފޯރިގަދަވުމާ އެކު އެ މަގާމުތަކަށް ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ޕްރެޝަރު އެބައޮތް ކަމަށެވެ.

"އެއީ ވަރަށް މޮޅަށް އެލިސަން ބޮލުން ޖެހި ގޯލެއް. އެ ނަތީޖާގެ އަދި އެލިސަންގެ ސަބަބުން ގަދަ ހަތަރެއްގެ ރޭސް އިތުރަށް ފޯރިގަދަވެއްޖެ. އެކަމަކު އަދިވެސް އަމިއްލަ އަތުގައި ބާރު އެބައޮތް. އަހަރެމެންނަށް މި ވަރަށް ޕްރެޝަރު ބޮޑުވީ އާސެނަލް އަތުން ބަލިވީމަ. އެ ހިސާބުން ހަގީގަތުގައި ލިވަޕޫލަށް ފުރުސަތު ދެވުނީ. ލިވަޕޫލުން މިހާރު ޕްރެޝަރު ކުރާނެ،" ޓުޗެލް ބުންޏެވެ.

ޗެލްސީން ލެސްޓާއާ ދެކޮޅަށް މިރޭ ނުކުންނައިރު މީގެ ތިން ދުވަސް ކުރިން އެފްއޭ ކަޕް ފައިނަލުގައި ވަނީ ލެސްޓާ އަތުން 1-0 އިން ބަލިވެފަ އެވެ. ޓުޗެލް ބުނީ ލެސްޓާ އަތުން ބަދަލުހިފުމުގެ ރޫހެއް އޭނާގެ ނެތް ކަމަށާއި ބޭނުންވަނީ މި މެޗުގެ މުހިއްމުކަން ދެެނެގަނެގެން މޮޅެއް ހޯދުން ކަމަށެވެ.

"ކުޅުންތެރިން ވިސްނާގޮތް ތަފާތުވާނެ. ބޮޑު މެޗަކުން އަހަރެމެން ލެސްޓާ އަތުން ބަލިވީ. އެހެންވީމަ އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަދި އަމުުދުން އަންނަ ސީޒަނުގައި އަހަރެމެން ޗެމްޕިއަންސް ލީގު ކުޅެން ލީގުގެ ތެރެއިން ފުރުސަތު ހޯދާނަމަ މި މެޗުގެ މުހިއްމުކަން ކުޅުންތެރިންނަށް އެނގެންޖެހޭނެ،" ޓުޗެލް ބުންޏެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ވެސް ވަނީ ބަދަލުހިފުމުގެ ރޫހެއް ޗެލްސީގެ އޮންނާނެތޯ އެހުމުން އެއީ އެކަން ވާނެ ގޮތް ކަމަށް ނުދެކޭ ކަމަށް ބުނެފަ އެވެ. ޗެލްސީ އާއި ލެސްޓާ އަށް އެއްވަރަށް މި މެޗުގެ މުހިއްމުކަން ބޮޑުކަން ރޮޖާސް ފާހަގަކުރި އެވެ.

ޗެލްސީން ލެސްޓާއާ ދެކޮޅަށް އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުން މޮޅެއް ނުލިބި އެވެ. ހަތަރު މެޗުން އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ލެސްޓާ އިން އެ ޓީމު ދަނޑުގައި 2-0 އިން ޗެލްސީ ބަލިކުރި މެޗަކީ އެ ޓީމުގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑްގެ ފަހު މެޗެވެ.

ޗެލްސީ އާއި ލެސްޓާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:15 ގަ އެވެ.