Advertisement

ދިވެހިން ދެމި ތިބޭނީ ފަލަސްތީނާ އެކު

18 މޭ 2021 - 11:38 0

ފަލަސްތީނުގެ ދިފާއުގައި ދިވެހި ޒުވާނުން ބޭއްވި ސައިކަލް ބުރެއްގެ ތެރެއިން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ދިވެހިން ދެމި ތިބޭނީ ފަލަސްތީނާ އެކު

18 މޭ 2021 - 11:38 0

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ފަލަސްތީނުގެ ބިމަކީ، ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުން އެބިމެއްގައި ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވި މާތް ބިމެކެވެ. ﷲ ގެ ރިސާލާތުތައް އެބިމަކަށް ބާވާލެއްވުނު ބަރަކާތްތެރި ބިމެކެވެ. އެއީ ޝާމްކަރައިގެ ހިތްކަމުގައިވާ ބައިތުލްމަގުދިސްގައި ބިމެވެ. ބައިތުލްމަގުދިސްގައި އެވަނީ މުސްލިމުންގެ އެންމެ މާތް އެއް މިސްކިތްކަމުގައިވާ އަލްމަސްޖިދުލްއަގުސާ އެވެ. އެއީ އިސްލާމީ އުންމަތުގެ ފުރަތަމަ ގިބުލަ އެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އިސްރާއާއި މިއުރާޖުގެ މަތިވެރި ދަތުރުފުޅުގެ މަންޒިލެވެ. އިތުރު އެކަލޭގެފާނު ވަނީ އެންމެހާ ނަބީބޭކަލުންނާ އެކު އަލްމަސްޖިދުލްއަގުސާގައި ނަމާދު ކުރައްވައިފަ އެވެ. އެއީ މަތިވެރިވެގެންވާ މުއުޖިޒާތެކެވެ. ކީރިތި ގުރުއާނުގެ އަލްއިސްރާއު ސޫރަތުގެ އެއް ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެ އެވެ.

(އެކަލާނގެ ހުސްطاهر ވަންތަކަމާ އެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ އެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކަ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ.)

ކީރިތި ޤުރުއާނުގެ އެތައް މަޤާމެއްގައި ބައިތުލްމަޤުދިސްގެ ވާހަކަ ބަޔާންކުރައްވާފައިވެ އެވެ.

އާދެ! ނިމި ދިޔަ ރަމަޟާން މަހުން ފެށިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ އަލްގުދުސްގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ. ޝައިޚު ޖައްރާހުގެ އަވަށުން އެތަނުގެ އަސްލު ރައްޔިތުން ނެރެމުންނެވެ. އަދި އަލްމަސްޖިދުލްއަގުސާގެ ޙުރުމަތް ކަނޑައި، އެތަނުގެ ގޯތި ތެރޭގައި އަލިފާން ޖަހައި އެކަމުގެ މައްޗަށް އުފާކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ ހާލަތު ހަނގުރާމައިގެ ހާލަތަށްވަނީ ބަދަލުވެފަ އެވެ. އަދި ޣައްޒާ އަކީ އިޒްރޭލުގެ އަސްކަރިއްޔާގެ އަމާޒަކަށްވެ ހަމަނުޖެހުންދަނީ ބޮޑުވަމުނެވެ. އެތައް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ދަނީ ހަނގުރާމައިގެ ސަބަބުން މަރުވަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ މުގައްދަސާތްތަކަށް އަމާޒުކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ އިންސާފަށް ލޯބިކުރާ އެންމެހާ ރައްޔިތުންދަކީ އަޑު އުފުލަމުންނެވެ. ވަކިން ހާއްސަކޮށް އިސްލާމީ އުންމަތުގެ އެންމެހާ އަފްރާދުންނަކީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ފަލަސްތީނުގެ ތާރީހުގައި މިހައްސާސް ދަނޑިވަޅުގައި ހަނދާންކޮށްލަންޖެހޭ ހަގީގަތަކީ، ފަލަސްތީނަކީ ދިވެހިންގެ ހިތްތަކުގައި ވެސް އެގައުމަކާ މެދު، ނުހަނު މަތިވެރި ލޯތްބެއް އޮންނަ ގައުމެއްކަމެވެ. އެފަދަ މަތިވެރި ލޯތްބެއް ދިވެހިންގެ ހިތްތަކުގައި އުފެދިފައި އޮންނަކީ ސަބަބުތަކެއް ނެތިއެއްނޫނެވެ. އިސްލާމީ އުންމަތުގެ އެންމެހާ އަފްރާދުން ފަދައިން، ދިވެހިންގެ ހިތްތަކުގައި ވެސް އަލްމަސްޖިދުލްއަގުސާއާއި އަލްގުދުސަށް، މުޅި ފަލަސްތީނަށް އުފެދިފައި އޮންނަ އިހުތިރާމާއި ލޯބީގެ ހަގީގަތަކީ އިސްލާމީ އަގީދާ އާއި އުހުއްވަތްތެރިކަމެވެ. ފަލަސްތީނުގެ ރައްޔިތުންނާއި އަލްއަގުސާ މިސްކިތައް ދެރަ އެއްވެސް ގޮތެއްވުމަށް ދިވެހިން ނޭދޭނެ އެވެ. ދިވެހިން ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އަލްއަގުސާ މިސްކިތާއެކުގަ އެވެ. ފަލަސްތީނާ ދެކޮޅަށް ދެވޭ ކޮންމެ އަނިޔާވެރި އަމަލަކާ ދިވެހިން ދެކޮޅުވާނެ އެވެ. އިސްލާމީ މުގައްދަސް މިސްކިތްތަކުގެ ހުރުމަތްތެރިކަން ނަގާލުމާ ދެކޮޅުވާނެ އެވެ. ދިވެހި ރައްޔިތުން ވަނީ މާޒީގައި ވެސް މިކަމުގައި ނަމޫނާ ދައްކަވާފަ އެވެ. ދިވެހިން ތިބޭނީ ފަލަސްތީނާއެކުގަ އެވެ.

އެޑިޓަރުގެ ނޯޓް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ދިވެހިރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމް ވެސް ފުރުއްވާފައިވެ އެވެ. މީގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ވެސް ކުރެއްވި އެވެ.