Advertisement

ޔާސިރު އަރަފާތު ރާއްޖެ އަށް ކުރެއްވި ޒިޔާރަތް ފޮޓޯތަކުން

ރައީސް މައުމޫން (ކ) އާއި ޔާސިރު އަރަފާތު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި.


ޔާސިރު އަރަފާތު ރާއްޖެ އަށް ކުރެއްވި ޒިޔާރަތް ފޮޓޯތަކުން

މައުމޫން އަބްދުލްގައްޔޫމް 1978 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހާރިޖީ ގޮތުން ކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ، ފަލަސްތީނާ ގުޅުން ގާއިމްކުރެއްވުމެވެ. އެމަނިކުފާނުގެ ދައުވަތަކަށް، 1984 ވަނަ އަހަރު ފަަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ޗެއާމަން ޔާސިރު އަރަފާތު ރާއްޖެ ވަޑައިގަތުމަކީ، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭން ދުނިޔެ އަށް ދިން ވަރުގަދަ މެސެޖެކެވެ. އޭގެ ކުރިން އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ރާއްޖޭން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރުމުން އަރަބީންގެ ނުރުހުން ރާއްޖެ އަށް އޮތީ އަމާޒުވެފަ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު، 1984-1986 އަށް ރާއްޖޭން ވަނީ ޕީއެލްއޯއާ ގުޅިގެން މޯލްޑިވްސް އެއާވޭޒްގެ ނަމުގައި އެއާލައިނެއް އޮޕަރޭޓްކޮށްފަ އެވެ. އަދި ޕީއެލްއޯ އިން ރާއްޖޭގައި ރިޒޯޓެއް ވެސް ހިންގި އެވެ. އެއީ ގުުދުސް މިނިވަންކުރުމުގެ މަސައްކަތަށް ޕީއެލްއޯ އަށް ފަންޑު ހޯދައިދިނުމަށް ރާއްޖޭން ދިއްކޮށްލި އެހީގެ އަތެކެވެ.

އެ ކަންކަމުގެ މަޝްވަރާއަށާ އެކު، އަރަފާތު 1984 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު އޮތީ، މާލެ ވަޑައިގަތުމާ ހަމަަޔަށް ވަރަށް ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އާއްމުންނަށް އެނގިފައި އޮތީ ހަމައެކަނި ބޭރުގެ އިއްޒަތްތެރިއަކު ވަޑައިގަންނަވާ ކަމެވެ. އަރަފާތަށް މަރުހަބާ ދެންނެވުމަށް މާލޭގެ މަގުތަކުގައި ހަރުކުރި ފޮޓޯތައް ކުރެހީ އޭރުގެ މަޝްހޫރު ކުރެހުންތެރިންތަކެއް ސިފައިންގެ އަށް ގެންގޮސް އެތަނުގައި ބައިތިއްބައިގެންނެވެ. އަދި އަރަބި ބެނާތައް ތައްޔާރުކުރީ މައުހަދުގެ ދަރިވަރުން އެތަނުގައި ބަންދުވެގެން ތިބެގެންނެވެ. ފޮޓޯތަކާއި ގިޑިގެތައް އަދި ބެނާތައް ހަރުކުރީ އަރަފާތު ވަޑައިގަތް ދުވަހުގެ މެންދަމުގެ ވަގުތުގަ އެވެ. ހެނދުނު ވަންދެން ހުރީ ފޮތިއަޅައި ފޮރުވައިފަ އެވެ.

ސެމީ މިލިޓަރީ ޔުނިފޯމެއްގައި، ބޮލުގައި އަރަބީންގެ ފަގުޑިއެއް އަޅުއްވައިގެން އުނަގަނޑުގައި ފިސްތޯލައެއް ހަރުކޮށްގެން ހުންނެވި އަރަފާތު ޖެޓެއްގައި ރާއްޖެ ވަޑައިގަތުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މައުމޫނެވެ. އަރަފާތަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ދިވެހީން މަގުތަކަށް ނުކުތެވެ. އަދި އެ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި އޭނާ ދިވެހީންނާ ބައްދަލުކުރި އެވެ. އަރަފާތުގެ ހާޒިރުގައި، ފަލަސްތީނާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް ޝުއޫރުތައް އިބްރާހިމް ޝިހާބް ތަގުރީރަކުން އޮއްސާލެއްވި އެވެ. އަރަފާތުގެ އެ ދަތުރުފުޅުގައި ނޫސްވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އޭރު ބިނާކުރަމުން ދިޔަ އިސްލާމީ މަރުކަޒު ބައްލަވާލެއްވި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ފުރަތަމަ ހަތިޔާރު ހިއްޕެވި ނަމަވެސް ފަހުން އަރަފާތު ފާހަގަކުރެވުނީ އެ މައްސަލަ އަށް ސިޔާސީ ހައްލު ހޯއްދަވަން މަސައްކަތްކުރެއްވި ލީޑަރެއްގެ ގޮތުގަ އެވެ. ދެ ދައުލަތުގެ ހައްލަކަށް އެއްބަސްވެވަޑައިގެން، އެމެރިކާ މެދުވެރިކޮށް އިސްރާއީލާ އެކު މަޝްވަރާތައް ކުރެއްވި އެވެ. އެގޮތުން 1993 ވަނަ އަހަރުގެ އޮސްލޯ މަޝްވަރާތަކާ ގުޅިގެން އޭނާ އަށް ނޯބެލް ސުލްހައިގެ އިނާމް ވެސް ލިބިވަޑައިގަތެވެ. ނަމަވެސް އިސްރާއީލުން އެއްބަސްވުމާ ހިލާފުވުމުން، އަރަފާތުގެ މަސައްކަތް ފެނަށް ދިޔައީ އެވެ. އަދި ފަހުން އަރަފާތުގެ ފަތަހަ ޖަމާއަތުގެ މަގުބޫލުކަން ކުޑަވެ ހަމާސްގެ ތާއީދު ފަލަސްތީން އާއްމުންގެ މެދުގައި ބޮޑުވި އެވެ. އަރަފާތު އަވަހާރަވީ، ރާމަﷲ ގައި އިސްރާއީލުން އޭނާ ރަށު ބަންދުކުރައްވާފައިވަނިކޮށް 2004، ނޮވެމްބަރު 11 ގަ އެވެ.

ތިރީގައި އެވަނީ އަރަފާތު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ބައެއް ފޮޓޯތަކެވެ. މި ފޮޓޯތައް ނަގައިފައިވަނީ ފޭސްބުކްގެ "ވޮނަދަނަ ރާއްޖެ" ޕޭޖުންނާއި ފޭސްބުކުގައި މުހައްމަދު ހަލީމް (ކެސްޓޯ) ހިއްސާކުރައްވާފައިވާ ކަލެކްޝަނުންނެވެ.

ޔާސިރު އަރަފާތު (ވ) އަށް ރައީސް މައުމޫން އެއާޕޯޓުން މަރުހަބާ ދަންނަވަނީ.


ޔާސިރު އަރަފާތު އަށް ދިވެހި އަސްކަރިއްޔާ އިން ގާޑް އޮފް އޮނާއެއް އަރުވާއިރު، ކައިރީގައި ސިފައިންގޭގެ އޮފިސަރު ކަރޯ އައްބާސް އިބްރާހިމް (ވ).


ރައީސް މައުމޫން (ކ) އާއި ޔާސިރު އަރަފާތު އެއާޕޯޓުގައި.


ރައީސް މައުމޫން (ކ) އަރާފަތު އަށް ބަންޑާރަ ނާއިބް އަދުނާން ހުސެއިން ތައާރަފްކޮށްދެއްވަނީ.


ރައީސް މައުމޫން (ކ) އާއި ޔާސިރު އަރަފާތު ނޫސްވެރިންނާ ވާހަކަދައްކަވަނީ.


ޔާސިރު އަރަފާތު އިސްލާމީ މަރުކަޒު ބައްލަވާލައްވާއިރު އަރިހުގައި ފޮރިން މިނިސްޓަރު ފަތުހުﷲ .


ޔާސިރު އަރަފާތު ގަލޮޅު ދަނޑަށް ވަޑައިގަތުމުން އިބްރާހިމް ޝިހާބު ސަލާމްކުރައްވަނީ.


ރައީސް މައުމޫން (ކ) އާއި ޔާސިރު އަރަފާތު ދަނޑަށް އެއްވެ ތިބި ދިވެހީންނާ އަތުގެ އިޝާރާތުން ސަލާމްކުރައްވާއިރު އަރިހުގައި އިބްރާހިމް ޝިހާބް (ކ) އާއި ޑރ. ޒާހިރު ހުސެއިން.


ޔާސިރު އަރަފާތު ތަގުރީރު ދެއްވަނީ.


ގަލޮޅު ދަނޑުގައި އޮތް އިވެންޓުގައި ރައީސް މައުމޫން ތަގުރީރުކުރައްވަނީ.


ޔާސިރު އަރަފާތު ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ.


ރާއްޖެ އާއި ފަލަސްތީނުގެ ރަސްމީ މަޝްވަރާތަކުގައި ޔާސިރު އަރަފާތު އާއި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. މައުމޫނުގެ އަރިހުގައި ހުންނެވީ ޑރ. ޒާހިރު ހުސެއިން.


ރައީސް މައުމޫން (ކ) އާއި ޔާސިރު އަރަފާތު ލައުންޖުގައި މަޑުކޮށްލައްވައިގެން.


ޔާސިރު އަރަފާތު (ވ) އާއި ރައީސް މައުމޫން މާލޭ ރަސްމީ ފާލަމުން އާއްމުންނާ އަތުގެ އިޝާރާތުން ސަލާމްކުރައްވަނީ.