Advertisement

އިރާނުން އިޒްރޭލަށް އަމާޒުކޮށް ހަމަލާ ދީފި

14 އޭޕްރީލް 2024 - 06:28 0

އީރާނުން ދިން ބައެއް ހަމަލާތައް އިޒްރޭލުގެ ހުއްޓުވަނީ. -- ފޮޓޯ: ސީއެންއެން


އިރާނުން އިޒްރޭލަށް އަމާޒުކޮށް ހަމަލާ ދީފި

14 އޭޕްރީލް 2024 - 06:28 0

ހަމަލާ ދޭނެ ކަމަށް ދެމުން ދިޔަ އިންޒާރުތަކަށް ފަހު، އެންމެ ފަހުން އިރާނުން ޑްރޯން އާއި މިސައިލް ހަމަލާތަކެއް އިޒްރޭލަށް ފޮނުވާލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ގިނަ އަދަދެއްގެ މިސައިލުތަކެއް ރޭ އިރާނުން ފޮނުވައިލި ކަމަށާއި، ނަމަވެސް ގިނަ މިސައިލްތައް އިޒްރޭލުގެ ސަރަހައްދުން ބޭރުން ހުއްޓުވާފައިވާ ކަމަށެވެ. ބައެއް މިސައިލްތައް ވައްޓާލާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނީ އިޒްރޭލުން މަތިން ބާރުގަދަ ގޮވުންތައް އިވެމުން ދިޔަ ކަމަށާއި އެއީ އިރާނުގެ މިސައިލްތައް ހުއްޓުވައި ވައްޓާލާ އަޑު ކަމަށެވެ. އިޒްރޭލުގެ އެކި ސަރަހައްދުތަކުން ސައިރަންގެ އަޑު މެދުނުކެނޑި އިވެމުން ދިޔަ ކަަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް އީރާނާ ގާތްގަނޑަކަށް 1،100 މޭލު (1،800 ކިލޯމީޓަރު) ދުރުގައި އޮންނަ އިޒްރޭލަށް އަދި އެއްވެސް ޑްރޯންއެއް ފޯރާފައިވާ ކަމެއް ނޭނގެ އެވެ.

އދ. ގައި ހުންނަ އިރާނުގެ މިޝަން އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިޒްރޭލަށް ހަމަލާ ދިނީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަމިއްލަ ދިފާއުގައި ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދީފި ނަމަ، އެ ގައުމެއްގެ ދިފާއުގައި ރައްދު ހަމަލާ ދެވޭނެ ކަމަށެވެ.

އިރާނުން އިޒްރޭލަށް ހަމަލާ ދިނީ ސީރިއާގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް އޭޕްރީލް 1، 2024 ގައި ދިން ހަމަލާގެ ރައްދުގަ އެވެ.

އިޒްރޭލުން އިތުރު ގޯހެއް ހަދައިފި ނަމަ ދެން ދޭ ރައްދު މާ ވަރުގަދަވާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. މިއީ އިރާނާއި އިޒްރޭލާ ދެމެދުގެ މައްސަލައެއް ކަމަށާއި އެމެރިކާއިން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް އިރާނުން ބުނެފައިވެ އެވެ.

އިރާނުގެ ހަމަލާއާ ގުޅިގެން އިޒްރޭލާއި ލުބްނާން އަދި އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވާއިރު، ސީރިއާ އާއި އުރުދުން އިން ވަނީ އެގައުމުގެ ވައިގެ ދިފާއީ ބާރުތައް އެލާޓަށް ގެނެސްފަ އެވެ.

އުރުދުންއިން އިޒްރޭލަށް ވާގިވެރިވެއްޖެ ނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް އިރާނުން ދީފައިވެ އެވެ.

މިސައިލާއި ޑްރޯން ހަމަލާތަކުގެ ކުރިން އިޒްރޭލުގެ ބިލިއަނަރަކާ ގުޅުން އޮތް އާގު ބޯޓެއް ވެސް އިރާނު ސިފައިން ހިފެހެއްޓި އެވެ.