Advertisement

އިޒްރޭލަށް ހަމަލާދިނީ ރައްދުގައި، މައްސަލަ ގޯސްކުރާކަށް ނޫން: އިރާން

14 އޭޕްރީލް 2024 - 11:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލުން -- ފޮޓޯ؛ ރޮއިޓާސް


އިޒްރޭލަށް ހަމަލާދިނީ ރައްދުގައި، މައްސަލަ ގޯސްކުރާކަށް ނޫން: އިރާން

14 އޭޕްރީލް 2024 - 11:18 0

އިޒްރޭލަށް ހަމަލާދިނީ މައްސަލަ ގޯސް ކުރަން ނޫން ކަމަށް އިރާނުން ބުނެފި އެވެ.

އިރާނުން ޔޫއެން ސެކިއުރިޓީ ކައުންސިލްއަށް ފޮނުވި ސިޓީއެއްގައި ބުނީ އިޒްރޭލަށް ހަމަލާތައް ދިނީ އިޒްރޭލުން ސީރިއާގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ރައްދުގައި ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އިރާނުން އެ ގައުމަށް ހަމަލާދޭން ރޭ އެކި ވަސީލަތްތައް ބޭނުންކޮށްގެން 300 ހަމަލާ ފޮނުވި ކަމަށާއި، އޭގެ ތެރެއިން 99 ޕަސަންޓް ހުއްޓުވާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިރާނުން ވަނީ އިޒްރޭލަށް ހަމަލާދޭން 185 ޑްރޯން، 110 ސާފޭސް ޓު ސާފޭސް މިސައިލް އަދި 36 ކްރޫޒް މިސައިލް ފޮނުވާލައިފަ އެވެ.

އިރާނުން އިޒްރޭލަށް ހަމަލާދޭން ފެށުމުން ރޭ އިރާގާއި، ލުބުނާން އަދި ސޫރިއާއިން ވެސް ވަނީ އިޒްރޭލަށް ހަމަލާތަކެއް ދީފަ އެވެ.

އިރާނުން ދިން ހަމަލާގެ ރައްދުގައި އިޒްރޭލުން ހަމަލާދޭން ތައްޔާރު ވަމުން އަންނައިރު، އެމެރިކާއިން ވަނީ އިރާނަށް ދޭ ހަމަލާއެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެެވެ.

އިރާނުން ދިން ހަމަލާތައް ބައެއް ގައުމުތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އަދި މެދުއިރުމަތީ ގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރޭ އިޒްރޭލާއި އިރާން ހިމެނޭ ގޮތަށް މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދު ކޮށްފަ އެވެ. ނަމަވެސް އިޒްރޭލާއި ޖޯޑަން އަދި އެހެނިހެން ގައުމުތަކުން މިއަދު ވަނީ އަނބުރާ ވައިގެ ސަރަހައްދު ހުޅުވާލާފަ އެވެ.