ހުޅުދުއްފާރުގެ މަގެއްގައި އެ ރަށު ރައްޔިތުންތަކެއް: މިއަދު ކައުންސިލުތަކާ އާ ކައުންސިލަރުން ހަވާލުވާއިރު ކުރެވޭ އުއްމީދު ބޮޑު. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު، އެއް ވަގުތެއްގައި އާ ކައުންސިލަރުން މަގާމުގެ ހުވާކުރުމާ އެކު ނިޒާމުގެ މުޅީން އާ ބާބެއް ލިޔަން ފެށުމުގެ ފުރަތަމަ އަކުރު ވަނީ ފެވިގެން ގޮސްފަ އެވެ.
ޒަމާންތަކަކަށް ދިގުލާފައިވާ އުއްމީދުތަކެއް ހާސިލުވުމުގެ ފުރަތަމަ ފިޔަވަޅެވެ. ރަށުގެ ކުރިމަގުގެ މިސްރާބު ސީދާ އެ ރަށެއްގެ ރައްޔިތުންނަށް ކަނޑައެޅުމުގެ މިނިވަންކަމެވެ. ނާށިގަނޑު ހިފައިގެން މައި ސަރުކާރުގައި އާދޭސްކުރަމުން ހިންގަންޖެހޭ ހިނގުމަށް ނިމުމަކަށް އައުމުގެ ފެށުމެވެ. ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމަށް ހޫނު މަރުހަބާއަކާ އެކު އެވެ.
އެހެން ސަރުކާރުތަކުގައި ބިލާހެއްގެ ގޮތުގައި އޮތް ހުވަފެނެއްގައި ކުލަ ޖެހުމުގެ ހަގީގީ މަލަމަތި ފެންނަން ފެށީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.
މި ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތަށް، މައި ސަރުކާރުގެ އަތް ދަށުކޮށްފައި އޮތް ބާރުތަކުގެ ލަގަނު ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލީ ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދީފަ އެވެ.
މިގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓުގައި މައި ސަރުކާރުން ދެން އަތެއް ނުލާނެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.
މީގެ އިތުރުން، ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.
އެކަމަކު ކައުންސިލުތަކަށް ލިބޭ މާލީ މިނިވަންކަމުގެ ވާހަކަ އެތައް ހަފްލާއެއްގައި އެތައް ގޮތަކަށް އަޑުއިވިފައިވާއިރު، ދެން އުފެދޭ ސުވާލަކީ އެ ބުނާ މާލީ މިނިވަންކަމުގެ ދަށުން ކައުންސިލްތަކަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ހަގީގަތުގައި ކައުންސިލުތަކަށް ލިބޭ ސީދާ ބާރުތަކަކީ ކޮބާ ހެއްޔެވެ؟
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގައި، ހށ ގެ އަކުރުތައް ހުސްވެ، އަލުން ފަށައިގެން ތަރުތީބުން ގޮސް އ އާ ހަމައަށް ކައުންސިލުތަކަށް ލިއްބައިދޭ ބާރުތައް ބަޔާންކޮށްފައި އެބަ ހުއްޓެވެ.
މިގޮތުން، އެ މާއްދާގެ އެންމެ ފާހަގަކޮށްލެވޭ އަކުރަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަރައްގީގެ ހަރަކާތްތައް ހިންގުމަށާއި ދޭންޖެހޭ ކަރަންޓާއި ބޯފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކި ފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުއާމަލާތުކުރެވުމެވެ.
މި މާއްދާ އޮތް ގޮތުން ކަރަންޓާއި ބޯފެނާއި، ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ވިޔަފާރި އުސޫލުން އެކިފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ ބާރު ކައުންސިލުތަކަށް ލިބިގެންވެ އެވެ.
އޭގެ މާނައަކީ މިހާރު ރަށެއްގައި އެފަދަ އަސާސީ ހިދުމަތެއް ދެމުންދަނީ ސަރުކާރުގެ ކުންފުންޏެއް ނަމަވެސް، އެ ހިދުމަތް ކަމުނުދާ ނަމަ އެހެން ބަޔަކާ އެއްބަސްވުން ހަދައިގެން އެ މަސައްކަތް ހަވާލުކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ކައުންސިލުތަކަށް މިހާރު ލިބޭނެ އެވެ.
އަސާސީ ހިދުމަތްތައް އެކަންޏެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ވިދާޅުވާ ގޮތުގައި ކައުންސިލުތަކުގެ މެންޑޭޓު މިހާރު އެއަށް ވުރެ މާ ފުޅާ ވާނެ އެވެ.
އެގޮތުން، ފަސް މިލިއަން ވުރެ ދަށް ނަމަ، ރަށުގެ މަގާއި ބަނދަރާއި ފެރީ ޓާމިނަލް ހެދުމުން ފެށިގެން ރަށް ގިރުން ހުއްޓުވުމާއި ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރަން ކައުންސިލުތަކަށް ދެން މައި ސަރުކާރަށް ބަރޯސާވާން ނުޖެހޭނެކަން އަލީ ނިޔާޒް ފާހަގަކުރެއްވި އެވެ.
"ރަށެއްގައި ހިދުމަތެއް ދޭ ކުންފުންޏަކަށް ބަލާކަށް ނުޖެހޭނެ. ހަރަދު ކުޑަކޮށް ކުރެވޭނެ އެހެން ގޮތެއް އޮތިއްޔާ އެކަން ކައުންސިލުތަކަށް ކުރެވޭނެ. އަދި ކައުންސިލް ބައިވެރިވާ ގޮތަށް ވެސް އެކަން ކުރެވޭނެ،" އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަގީގީ ބޭނުމަކީ ރަށްރަށުގައި ދޭ ހިދުމަތްތައް ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން، ކަމަށާއި އެކަމުގައި އެންމެ ފައިދާ ހުރި ގޮތަކަށް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ކައުންސިލުތަކަށް ލިބިދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދޭނެ މަގު އިތުރަށް ފުޅާކޮށްދީފައިވުމަކީ ކައުންސިލުތަކުގެ މާލީ ފުދުންތެރިކަން އިތުރަށް ޔަގީންކަން ކުރުމަށް ގާނޫނުގެ ތެރެއިން ލާފައިވާ އިތުރު ފަށަލަ އެކެވެ.
އެ ގޮތުން ބަލާއިރު، އެފަދަ ވިޔަފާރިއެއް ދެ ރަށެއް ގުޅިގެން އުފައްދާ ކުންފުންޏަކުން ކުރުމުގެ ޖާގަ ލިބެ އެވެ. ނޫނީ މުޅި އަތޮޅުގެ ހުރިހާ ރަށްތަކެއް އެކުވެގެން އެކަން ކުރުމަށް ވެސް ހުރަހެއް ނެތެވެ.
އަދި ލިބޭ އާމްދަނީން ނުހިންގޭ މަޝްރޫއުތަކަށް، ޕްރޮޕޯޒަލް ހުށަހަޅައިގެން، ސަރުކާރުގެ ގެރެންޓީއާ އެކު ލޯނު ނެގުމުގެ ފުރުސަތު ވެސް މިހާރު އޮތީ ފަހިވެފަ އެވެ.
ނަމަވެސް، އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ރަށު ލެވެލްގައި ކުރެވޭ ކުދި ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ވިޔަފާރި ކުރުމުގެ ބަދަލުގައި ކައުންސިލުތަކުގެ މައިގަނޑު ބޭނުމަކަށްވާންޖެހޭނީ ރަށްރަށުގެ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ވިޔަފާރިތަކަށް ފެސިލިޓޭޓް ކޮށްދިނުން. މިސާލަކަށް ރަށުގެ ބިންތައް ފަދަ ތަންތަން ހެޔޮ އަގެއްގައި ވިޔަފާރިތަކަށް ދޫކުރުން. ވިޔަފާރިތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ރަށުގައި އިތުރު ވަޒީފާތައް އުފެދޭނެ މަގު ހޯދުން،" އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވެސް ފާހަގަކުރެއްވި ގޮތަށް ނިޒާމު މިހާރު ރާވާފައި އޮތީ، ފަރުދީ ލެވެލެއްގައި ނުވަތަ ކުދި ވިޔަފާރިތަކަށް އާއްމުކޮށް ނުކުރެވޭ ފަދަ ވިޔަފާރިތައް ސީދާ ކައުންސިލުން ކުރާ ގޮތަށެވެ.
ކަންމަތީ ފިހާރަ އާއި ގެސްޓުހައުސް ސީދާ ކައުންސިލުން ހިންގައިގެން ކުދި ވިޔަފާރިތަކާ ވާދަކުރުމަކީ އެއްވެސް މިންވަރަކަށް ހިތްވަރުދޭ ކަމެއް ނޫން ކަމަށް އަލީ ނިޔާޒް ފާހަގަކުރެއްވި އެވެ.
ވިޔަފާރިކުރުމާއި މާލީ މިނިވަންކަމާއެކު ރަށުގެ ތަރައްގީ ގެންދަން ބޭނުންވާ މިސްރާބު ކަނޑައެޅުމުގެ ބާރުތަކާ އެކު، ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމުގެ ޒިންމާ ވެސް ކައުންސިލުތަކުގެ ކޮނޑުގައި މިހާރު ވަނީ އެޅިފަ އެވެ.
ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ހާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، އެފަދަ ފަރާތްތަކުގެ ހާލު ގަވައިދުން ބެލުމަކީ އެ ރަށެއްގެ ކައުންސިލެއްގެ ޒިންމާ އެކެވެ.
މާކުރަތުގެ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭނެ މަރުކަޒު ހިންގުމާއި ގެވެށި އަނިޔާ ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.
އެކަން އަލީ ނިޔާޒް ވެސް ފާހަގަކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖެންޑާ މިނިސްޓްރީގެ އިހުތިސާސްގެ ދަށުން އަތޮޅު ތެރޭގައި ތިބި އެހީއަށް ބޭނުންވާ ފަރާތްތަކާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެނެގަނެ، ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ.
ނަމަވެސް، އެ ޒިންމާ ކައުންސިލުތަކާ ހަވާލުކުރުމުން، ޒަމާނުއްސުރެ ހައްލުނުވެ އޮތް އަނިޔާގެ މައްސަލަތައް މަދުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ހަމަ އެ އުސޫލުން ބަލާއިރު، މިހާރު ގާނޫނު އެކުލަވާލާފައިވާ ގޮތުން، ރާއްޖޭގައި ދެން އެންމެ ބޮޑު ބިދޭސީންގެ މައްސަލަ ވެސް ހައްލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އަލީ ނިޔާޒް ފާހަގަ ކުރެއްވި އެވެ.
އެއީ އަތޮޅު ތެރޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރު އެކުލަވާލައި، ބަލަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ގައުމީ އިދާރާއާ ގުޅިގެން އެޅުމުގެ ޒިންމާ މިހާރު ކައުންސިލުތަކާ ހަވާލުކޮށްފައިވާތީ އެވެ.
އަލީ ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަށް ކައުންސިލުތަކަށް ވަރަށް ފުޅާ ދައުރެއް އަދާ ކުރެވޭނެ އެވެ.
"ވޯކް ޕާމިޓުގެ ކަންކަން އަސްލު އޮންނަނީ ވަރަށް ހަރުކަށިކޮށް. ވަކި މަސައްކަތެއް ކުރުމަށް ޕާމިޓު ދޫކުރަނީ. އެކަމަކު އެ ޕާމިޓުގެ ދަށުން އަތޮޅު ތެރެއަށް ގޮސް ކުރަނީ ކޮން މަސައްކަތެއް ކަން ބެލޭނެ ގޮތެއް ނޯވޭ،" އަލީ ނިޔާޒް ވިދާޅުވި އެވެ.
ނަމަވެސް، މިހާރު އެ ރަށެއްގައި މަސައްކަތް ކުރާ ބިދޭސީން ކައުންސިލުތަކަށް ފަަސޭހައިން މޮނިޓާ ކުރެވޭނެ ކަމަށާއި، ގަވައިދާ ހިލާފަށް އަތޮޅު ތެރޭގައި ފިލައިގެން މަސައްކަތް ކުރުމަށް ފުރުސަތު ހަނިވެގެންދާނެކަމަށް އިތުރަށް ވިދާޅުވި އެވެ.
ކައުންސިލުތަކަށް ލިބިދޭ ބާރުތައް ގޮސް ގުޅެނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ހެދުމާއި މާލީ ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާއާ އެވެ.
އެ ޕްލޭންތައް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި މައި ސަރުކާރަށް ހުށަހަޅަންޖެހޭއިރު، ގައުމީ ތަރައްގީގެ ޕްލޭނާ ފުށުނާރާ ގޮތަށް ތައްޔާރުކުރުމުގެ ގާބިލުކަން ކައުންސިލުތަކުގައި ހުންނާނެތޯ ކުރެވޭ ސުވާލުތައް ގިނަ އެވެ.
އަދި ހާއްސަކޮށް ކައުންސިލުތަކުން ކުރާ ހަރަދުތަކާއި ލިބޭ އާމްދަނީގެ އިތުރުން ހިންގާނެ މަޝްރޫއުތައް ބެލެހެއްޓި، ފާރަވެރިވެވޭނެ ނިޒާމަކާމެދު އޮތް ކަންބޮޑުވުންތައް ވެސް ބޮޑެވެ.
އޭގެ ހައްލަކީ ގާނޫނުގެ ތެރެއިން ވަރަށް ފުޅާ ވިސްނުމެއްގެ އަތޮޅު ކައުންސިލުތަކުގެ އެކުލެވުމަށް ގެނެވުނު ބަދަލުކަން އަލީ ނިޔާޒް ވެސް ފާހަގަ ކުރެއްވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތަށް މި ފަހަރު އަތޮޅު ކައުންސިލަށް އިންތިހާބުކޮށްފައިވަނީ ރައީސް އެކަންޏެވެ. ދެން ނައިބު ރައީސް ހިމެނޭ ގޮތަށް ބާކީ ތިބޭ ކައުންސިލަރުން ތަމްސީލުކުރަނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކެވެ.
އޭގެ ވިސްނުމަކީ އަތޮޅު ކައުންސިލުތަކުން ރަށު ކައުންސިލުތަކަށް އެހީވެދޭން ބާރު އެޅުމެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ އަތޮޅު ކައުންސިލުތައް ވެގެންދާނީ ރިސޯސް ސެންޓަރުތަކެއްގެ ގޮތުގަ އެވެ.
އަލީ ނިޔާޒް ވެސް ވިދާޅުވި ފަދައިން، ކޮންމެ ރަށެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ބަދަލުގައި، އަތޮޅު ކައުންސިލުތަކުގައި އެ ގާބިލުކަން އުފައްދައި، އޭގެ ދަށުން ރަށު ކައުންސިލުތަކަށް އެ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
ކޮންމެ ރަށެއްގައި ޕްލޭނަރަކާއި އޮޑިޓަރުން ފަދަ ފަންނީ މީހުން ނުބޭތިއްބިދާނެ. އެކަމަކު ކޮންމެ އަތޮޅަކަށް އެފަދަ މީހުން ހޯދޭނެ. އުފައްދަން ވެސް ފަސޭހަވާނެ. ދެން އަތޮޅު ކައުންސިލުތަކަށް އެ މީހުން ލައިގެން ރަށްރަށުގައި ކުރާ މަސައްކަތްތަކަށް އެހީތެރިވެދީގެން ކުރިއަށް ގެންދެވޭނެ،" އަލީ ނިޔާޒް ވިދާޅުވި އެވެ.
މިއަދު އާ ކައުންސިލަރުން ހުވާކުރާއިރު، އެ މީހުންނަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިހާރު ވެސް ދަނީ ކުރަމުންނެވެ.
އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އެލްޖީއޭގެ މުހިއްމު ދައުރާއެކު ދެ ތިން އަހަރުގެ ތެރޭގައި ފަންނީ ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ އުއްމީދެވެ.
އަދި އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތްތަކުގެ ރިޕޯޓެއް ކޮންމެ އަހަރަކު އެކުލަވާލައި މަޖިލީހަށް ހުށަހަޅަންޖެހޭއިރު، އެ ރިޕޯޓަށް ބަލައި ކައުންސިލްތަކުގެ މަސައްކަތްތަކަށް މަގުފަހިކޮށްދޭން ގާނޫނަށް ގެންނަންޖެހޭ އިތުރު ބަދަލެއް ހުރި ނަމަ، އެކަން މަޖިލީހުން ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އަލީ ނިޔާޒް ވެސް ވިދާޅުވި ފަދައިން، މިއީ އަދި ފެށުމެކެވެ. މުޅި ލާމަރުކަޒީ ނިޒާމު ފުރިހަމަވާން އަދި ގިނަ އަހަރުތަކެއް ނަގާނެ އެވެ.
ބޭނުންވަނީ އެއް ނިޔަތެއްގައި، އެއް އަމާޒަކަށް އެންމެން މަސައްކަތް ކުރުމެވެ.
ލިބިފައިވާ ގިނަ ބާރުތަކަށް ވުރެ މަތިވެފައިވާ ބުރަ ބޮޑު ޒިންމާ، މިއަދު ކުރި ހުވާގެ މަތީގައި އެންމެ ފުރިހަމައަކަށް އަދާކުރުމެވެ.
Comment