15 މޭ 2021 - 13:12 0
2005 ވަނަ އަހަރު ޗެލްސީގެ ޓްރެއިނިންއެއްގެ ތެރެއިން ރޮޖާސް (ކ) އާއި މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
15 މޭ 2021 - 13:12 0
ފުޓްބޯޅަ ކެރިއަރުގައި މާ ބޮޑަށް ކުރިއަށްދެވޭ ގޮތެއް ނުވުމުން ޔޫރަޕްގެ ފުޓްބޯޅައިގެ އެކި ގައުމުތަކަށް ގޮސް ކޯޗިންގެ އެކި ފިލާވަޅުތަކާއި ޓެކްޓިކްސްތައް ދަސްކުރުުމުގައި ބްރެންޑަން ރޮޖާސް ގިނަ ދުވަސްތަކެއް ހޭދަކުރި އެވެ. ރެޑިންގެ ޔޫތު ޓީމުގައި މަސައްކަތް ކުރަމުން އަންނަނިކޮށް ޗެލްސީގެ ޔޫތު ސިސްޓަމް ހިންގުން ރޮޖާސްއާ ހަވާލުކުރަން 2004 ވަނަ އަހަރު ނިންމީ އޭރު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. އެ ޓީމުގައި ހަތަރު އަހަރު ވަންދެން ރޮޖާސް ކުރި މަސައްކަތުން ޗެލްސީގައި ޔޫތުގެ ރަނގަޅު ބިންގަލެއް އެޅި އެވެ.
ޗެލްސީ ދޫކޮށްލިތާ 16 ވަރަކަށް އަހަރު ފަހުން ރޮޖާސް މިރޭ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި އޭނާ މިހާރު ކޯޗުކޮށްދޭ ލެސްޓާ ސިޓީ ގޮވައިގެން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
"ޗެލްސީ އަށް އަހަރެން އަބަދު ވެސް ޝުކުރުވެރިވާނަން. އަހަރެންގެ އިހުތިރާމް އަބަދު ވެސް އެ ޓީމަށް އޮންނާނެ. މޮރީނިއޯ 2004 ގައި އަހަންނަށް ކުރި އިތުބާރަކީ ކޯޗިންގައި އަހަރެންގެ ކޮންފިޑެންސް އުފުލިގެންދިޔަ ސަބަބެއް. އަހަންނަށް މޮރީނިއޯ ކައިރިންނާއި ޗެލްސީގެ ސިސްޓަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވި. މި ހިސާބަށް އަހަރެން އައުމުގައި ޗެލްސީގެ އެ ފެށުން ވަރަށް ބޭނުންތެރި،" 2019 ވަނަ އަހަރު ރޮޖާސް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ޗެލްސީގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ރޮޖާސް.-- ފޮޓޯ: އޭއެފްޕީ
ހެޑް ކޯޗެއްގެ ގޮތުގައި ރޮޖާސް ފުރަތަމަ ފެނުނީ 2008 ވަނަ އަހަރު ވަޓްފޯޑް ބެންޗުންނެވެ. އެ ޓީމާ ހަވާލުވެ އެވްރެޖް ސްކޮޑަކާ އެކު ދެ ވަނަ ޑިވިޝަނުގައި އެ ޓީމު ބާއްވައިދިނެވެ. އޭގެ އެއް އަހަރު ފަހުން ރެޑިންގެ ކޯޗަކަށް ގޮސް ހަ މަސް ދުވަހު އެ ޓީމުގައި ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ އެ ކްލަބްގެ ވެރިންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.
ރޮޖާސް ޕްރިމިއާ ލީގަށް ފުރަތަމަ ނުކުތީ ވޭލްސްގެ ސްވަންސީ ސިޓީ ގޮވައިގެންނެވެ. އެ ގޮތުން 2010 ވަނަ އަހަރުގެ ޖުލައި މަހު ސްވަންސީއާ ހަވާލުވެ، އަހަރެއްގެ ތެރޭ އެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނީ ޕްލޭއޮފް ބުރު ކާމިޔާބު ކޮށްގެންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު މެޗުގެ ގޮތުގައި މަޝްހޫރުވެފައިވާ ޕްލޭއޮފް ފައިނަލުގައި ރޮޖާސް ކުރި ހޯދީ އޭނާ ކުރިން މަސައްކަތް ކުރި ރެޑިން އަތުންނެވެ.
ސްވަންސީގައި ދެ އަހަރު ކުރި މަސައްކަތް ކާމިޔާބުވުމުން 2012 ވަނަ އަހަރު އިނގިރޭސި ގަދަބާރު ލިވަޕޫލުން ރޮޖާސްގެ ސޮއި ހޯދި އެވެ. އެ ޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ދިޔަ ނަމަވެސް އެކަމެއް ނުވި އެވެ. ރޮޖާސް ލިވަޕޫލުން ވަކިކުރީ 2015 ވަނަ އަހަރު އެވެ. ލިވަޕޫލުން ވަކިވެ ރޮޖާސް ވަނި 2016-2019 އަށް ސްކޮޓްލެންޑްގެ ސެލްޓިކްގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފަ އެވެ. އެ ޓީމާ އެކު ހަތް ތަށި އުފުލާލި އެވެ.
ސްކޮޓްލެންޑްގެ ފުޓްބޯޅައިގައި މާ ބޮޑު ޗެލެންޖެއް ނެތުމާ އެކު ރޮޖާސް އެދިއެދި ހުރީ ޕްރިމިއާ ލީގުގެ ރަނގަޅު ޕްރޮޖެކްޓަކުން ފުރުސަތަކަށެވެ. ނަސީބު ކަންދިމާކުރި ގޮތުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލެސްޓާގެ ހުށަހެޅުން ލިބުމާ އެކު ސެލްޓިކާ ވާހަކަ ދެއްކުމަށް ފަހު ވަގުތުން ލެސްޓާ އަށް ދާން ރޮޖާސް ނިންމި އެވެ.
ރޮޖާސް ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލެސްޓާއާ އެކު 2025 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ. އަދި އެ ކްލަބްގެ އާ ޓްރެއިނިން ސެންޓަރުގެ ބޭނުންހިފައި ހެރީ މެގުއާ މެންޗެސްޓާ ޔުނައިޓެޑަށް 85 މިލިއަން ޕައުންޑަށް ވިއްކާލައިގެން ލިބުނު ޓްރާންސްފާ ފީ އިން ރަނގަޅަށް ލެސްޓާ ޓީމަށް އިންވެސްޓްކޮށް އެ ކްލަބްގެ ވަރުގަދަކުރި އެވެ.
މިދިޔަ ސީޒަނުގައި ފަހު ވަގުތު ޗެމްޕިއަންސް ލީގުގެ ޖާގަ ލެސްޓާ އަށް ގެއްލުނުއިރު، މި ސީޒަންގައި ފަހު ދެ މެޗަށް ކުރިމަތިލާއިރު، ލެސްޓާ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެކަމަކު މި ވަގުތަށް ލެސްޓާ އަށް އެންމެ މުހިއްމީ މިރޭ އެފްއޭ ކަޕްގެ ފައިނަލުން މޮޅުވެ، އެ ކްލަބްގެ ތާރީހުގައި ފުރަަތަމަ ފަަހަރަށް އެ މުބާރާތުގެ ތަށި އުފުލާލުމެވެ.
"އަހަންނަށް އަބަދު ވެސް ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާނެ. އަމުދުން މިއީ ފައިނަލެއް ވީމަ އެކަން ވެސް އޮންނާނެ. މިއީ ލެސްޓާ އިން ކުރި މަސައްކަތުން އާދެވުނު ހިސާބެއް. މި ހިސާބަށް އައިސްފައި ދެން މާޔޫސްވެގެން އެނބުރި ދާން ކުޅުންތެރިން ބޭނުމެއް ނޫން،" މިރޭގެ ފައިނަލުގެ ކުރިން ރޮޖާސް ބުންޏެވެ.
"އިނގިރޭސި ފުޓްބޯޅައިގައި ތަށްޓެއް ލިބުން ވަރަށް ހާއްސަވާނެ"
ރޮޖާސްގެ ނަޒަރުގައި އިދިކޮޅަށް އޮތް ޗެލްސީ އަކީ މި ވަގުތު ޔޫރަޕްގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ޓީމެވެ. ޗެލްސީގެ ކޯޗަކަށް މި ސީޒަން ފެށިއިރު ހުރި ފްރޭންކް ލަމްޕާޑް ވަކިކޮށް ޖެނުއަރީ މަހު އެ ޓީމާ ހަވާލުވި ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.
ލަމްޕާޑާއި ޓުޗެލްގެ ތަފާތާ ބެހޭގޮތުން ރޮޖާސް ވަނީ ވާހަކަ ދައްކައިފަ އެވެ. ރޮޖާސް ބުނީ ޓުޗެލް އަށް އޮތް ހިތްހަމަޖެހުމަކީ އޭނާ ކުޅުވަން ބޭނުންވާ ސިސްޓަމަށް ޗެލްސީގެ ކުޅުންތެރިން އަހުލުވެރިވެފައި އޮތް މިންވަރު ރަނގަޅުވުން ކަމަށެވެ.
"މިއީ ލަމްޕާޑްގެ ކޯޗިން ކެރިއަރުގެ ކުރީކޮޅު. އެކަމަކު ވެސް އޭނަ އެ ދިޔައީ ޗެލްސީގައި ވަރަށް ރަނގަޅު ސްކޮޑެއް ތައްޔާރުކޮށްފައި. ދެން ޓުޗެލް އަކީ ދެ ގައުމެއްގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ކޯޗިން ތަޖުރިބާކޮށްފައި ހުރި މީހެއް. އޭނަ އަށް އަމިއްލަ ފިލޯޒަފީ އެނގިގެން މަސައްކުރެވޭނެ،" ރޮޖާސް ކިޔައިދިނެވެ.
"މިސާލަކަށް 3-4-3 ފޯމޭޝަނަށް ކުޅެން ބޭނުން ވިޔަސް އެކަން ކުރެވޭނެ. ނޫނީ 3-5-2 އަށް ކުޅެން ބޭނުން ވިޔަސް އެކަން ކުރެވޭނެ. އަމުދުން މިއީ ޗެލްސީގައި މިހާރު ތިބި ބައެއް ކުޅުންތެރިން ކުޅެފައި އޮތް ސިސްޓަމެއް،"
މިއީ 2000 ވަނަ އަހަރު ލީގު ކަޕް ފައިނަލުގައި ކުޅުނު ފަހުން ލެސްޓާ އިން ކަޕް މުބާރާތެއްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕް ފައިނަލެއްގައި ކުުޅުނީ 1969 ވަނަ އަހަރު އެވެ. އެހެންކަމުން މިއީ 52 އަަހަރު ތެރޭ އެ ޓީމުން އެފްއޭ ކަޕް ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
ޗެލްސީގެ މެޗެއްގެ ތެރެއިން ޓުޗެލް އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީގެ ކޯޗު ޓުޗެލް ބުނީ ލެސްޓާ އަކީ މި ވަގުތު ލީގުގައި އޮތް މަގާމަށް ބަލާއިރު ވެސް ދަށް ޓީމެކޭ ނުބުނެވޭނެ ކަމަށެވެ. އަދި މި ވަގުތަކީ ޗެލްސީން މި ސީޒަނުގައި ހޯދި ކުރިއެރުންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ނަތީޖާ ނެރެންވީ ވަގުތު ކަމަށް ޓުޗެލް ބުންޏެވެ.
"އަހަރެމެން ހޯދަމުން އައި ކުރިއެރުމުގެ ވާހަކަތައް އެއީ ކުރީގެ ކަމެއް. ސީޒަނުގައި ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗަކީ ޔަގީނުން ވެސް ފައިނަލް. ދެން އޮތް އަނެއް ދެ މެޗަކީ ވެސް ނަތީޖާ ނެރުމަށް ބަލާއިރު ފައިނަލް. އެހެންވީމަ ކުރިއެރުން ސާބިތުކޮށްދީ ނަތީޖާ ނެރެންވީ ވަގުތު މިއީ،" ޓުޗެލް ބުންޏެވެ.
އެފްއޭ ކަޕް ފައިނަލުގައި މިރޭ ކުޅުމަށް ފަހު އަންގާރަ ދުވަހުގެރޭ ޕްރިމިއާ ލީގުގައި ވެސް ލެސްޓާ އާއި ޗެލްސީ ކުޅެން ޖެހޭ މެޗެއް އެބައޮތެވެ. ތަށި ހޯދަން މިރޭގެ ފައިނަލް މުހިއްމުވާއިރު، ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ނިންމަން ޕްރިމިއާ ލީގުގެ މެޗު ވެސް ދެ ޓީމަށް ވަރަށް މުހިއްމެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީން މި މަހު 29 ވަަނަ ދުވަހު ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެފްއޭ ކަޕް ފައިނަލުން ޗެލްސީ ފުރުސަތު ހޯދީ ސެމީގައި ސިޓީ ކަޓުވާލައިފަ އެވެ.
ފައިނަލަށް ނުކުންނައިރު ޓުޗެލް އަށް އޮތް ހިތްހަމަޖެހުމަކީ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި މަޓެއޯ ކޮވަސިޗް ފިޓްވުމެވެ. ލެސްޓާ އިން އެ ޓީމުގެ މުހިއްމު ޑިފެންޑަރު ޖޯނީ އެވަންސް ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ.
ޗެލްސީ އާއި ލެސްޓާ ކުޅޭ އެފްއޭ ކަޕް ފައިނަލް ފަށާނީ މިރޭ ރާއްޖެ ގަޑިން 9:15 ގަ އެވެ.
Comment