Advertisement

މަޖިލީހުގެ މިހާރުގެ 16 މެމްބަރަކަށް 146 މިލިއަން ރުފިޔާ، އާޒިމާއެކު އެމްޑީޕީގެ ހަތަރު މެމްބަރުން

12 މޭ 2021 - 19:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ނަވާރަ ވަނަ މަޖިލީހުގެ 16 މެމްބަރުން. -ގްރެފިކްސް: އަބްދުﷲ ޝަފީއު/ އަދަދު


މަޖިލީހުގެ މިހާރުގެ 16 މެމްބަރަކަށް 146 މިލިއަން ރުފިޔާ، އާޒިމާއެކު އެމްޑީޕީގެ ހަތަރު މެމްބަރުން

12 މޭ 2021 - 19:05 0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް އެކުލަވާލި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި 16 މެމްބަރުންގެ ނަންތައް މިއަދު ހާމަވެއްޖެ އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓާއެކު މުޅި ލިސްޓް މިއަދު އާއްމުކޮށްފަ އެވެ.

މިއީ، މި ލިސްޓް ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.

ހިޔާނާތުން މަންފާވި ލިސްޓެއް އޮތް ކަން ހާމަކުރީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ އެވެ.

އޭރު އާއްމުކުރި ލިސްޓުގައި މިހާރު މަޖިލީހުގެ 16 މެމްބަރުންނާއި ކުރީގެ މަޖިލީހުގެ 44 މެމްބަރުން ތިބި ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ ކުރީގެ އަދި މިހާރު މެމްބަރުންނާއެކު ލިސްޓުގައި ހިމެނޭ ނަންތައް އާއްމުކުރަން އާއްމުންގެ ތެރެއިން ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް ގާތްގާނޑާކަށް ދެ އަހަރު ފަހުން އާއްމުކޮށްފައިވާ ލިސްޓުގައި މިހާރުގެ މެމްބަރުންގެ ތެރޭގައި އޭރުގެ ސަރުކާރުގެ ވަޒީރުންގެ އިތުރުން އިސް މަގާމު ތަކުގައި ތިއްބެވުމަށްފަހު މަޖިލީހަށް ހޮވުނު މެމްބަރުން ވެސް ހިމެނެ އެވެ.

މަޖިލީހުން އާއްމުކުރި ލިސްޓުގެ އިތުރުން އެ ލިސްޓުގައި ތިބި މީހުންނަށް ލިބުނުކަމަށް ތުހުމަތު ކުރެވޭ ފައިސާގެ މިންވަރު "އަދަދު"އަށް ވަނީ އެނގިފަ އެވެ.

ދެ މެމްބަރަކު ފިޔަވައި އިދިކޮޅު އެއްކޮށް ލިސްޓުގައި

ނަވާރަ ވަނަ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ޖުމްލަ ނުވަ މެމްބަރުން ތިއްބަވާއިރު، އެ ލިސްޓުގައި ނަން ހިމެނިފައިނުވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އެކަންޏެވެ.

  1. އަހުމަދު ސަލީމް - އޭދަފުށި ދާއިރާ (26.57 މިލިއަން ރުފިޔާ)
  2. އަހުމަދު ޝިޔާމް - ނައިފަރު ދާއިރާ (1 މިލިއަން ރުފިޔާ)
  3. އަހުމަދު ތޯރިގު - މަހިބަދޫ ދައިރާ (4.7 މިލިއަން ރުފިޔާ)
  4. ހުސެއިން މުހައްމަދި ލަތީފް - ފަރެސްމާތޮޑާ ދާއިރާ (1.8 މިލިއަން ރުފިޔާ)
  5. މުހައްމަދު ޣައްސާން މައުމޫން - ގުރައިދޫ ދާއިރާ (2.5 މިލިއަން ރުފިޔާ)
  6. މުހައްމަދު ސައީދު - މާވަށު ދާއިރާ (8.31 މިލިއަން ރުފިޔާ)
  7. އިބްރާހިމް ރިޒާ - ގުރައިދޫ ދާއިރާ (1.5 މިލިއަން ރުފިޔާ)

މިހާރުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ މައިނޯރިޓީ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމަށް 26.57 މިލިއަން ރުފިޔާ އެ ހިޔާނާތުގެ ފައިސާގެ ތެރެއިން ލިބުނު ކަމަށް ތުހުމަތު ކުރެވެ އެވެ.

ދެން އެންމެ ގިނައިން ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ލިސްޓުގައި ނަން އޮތީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށެވެ. އޭނާއަށް 8.31 މިލިއަން ރުފިޔާއަށް ލިބުނު އިރު، އަހުމަދު ތޯރިގު (ޓޮމް) އަށް 4.7 މިލިއަން ރުފިޔާ ލިބުނުކަމަށް ތުހުމަތު ކުރެވެ އެވެ.

އެމްޑީޕީގެ ވަރުގަދަ ނަންތަކެއް

އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ މެމްބަރުން ތަކެއް ލިސްޓުގައި އޮތް ކަމަށް ތުހުމަތުކުރެވުނުއިރު، މިއަދު އާއްމުކުރި ލިސްޓުގައި އެ ޕާޓީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ތިން މެމްބަރުންނާއެކު ޖުމްލަ ހަތަރު މެމްބަރުން ހިމެނުނެވެ.

މިގޮތުން، މިހާރުގެ އެމްޑީޕީ ޕީގީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފާހަގަކޮށްލެވެ އެވެ.

އެ މެމްބަރުންނަށް ލިބުނު ފައިސާގެ އަދަދުތަކަށް ބަލާއިރު، އިބްރާހިމް ޝަރީފަށް ސިއްސައިގެންދާވަރުގެ އަދަދެއް ލިބުނުކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާއަށް 88.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ދެން ތިއްބެވި އަލީ އާޒިމަށް އެއް މިލިއަން ރުފިޔާ ލިބުނު އިރު، އީސަ އަށް ބައި ލައްކަ ރުފިޔާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ކަމަށް އެނގިފައިވެ އެވެ.

އޭގެ އިތުރުން، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ ނަން ވެސް ލިސްޓުގައި ހިމަނާފައިވާއިރު، އޭނާއަށް ތިން ލައްކައެއްހާ ރުފިޔާ ލިބުނުކަމަށް ތުހުމަތު ކުރެވެ އެވެ.

ޖޭޕީ އާއި އެމްޑީއޭ ވެސް

މަޖިލިސް ތަމްސީލުކުރާ އެހެން ޕާޓީތަކަށް ބަލާއިރު، ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ވެސް އެ ލިސްޓުގައި ހިމެނިފައިވެ އެވެ.

މިގޮތުން، ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވުމަށްފަހު ޖޭޕީގެ ޓިކެޓުގައި ދަނގެތި ދާއިރާއަށް އިންތިހާބުވި އަހުމަދު ނާޒިމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހިމެނެ އެވެ.

ނާޒިމަށް 5.9 މިލިއަން ރުފިޔާ ލިބުނުއިރު، އަލީ ހުސެއިންއަށް ހިޔާނާތުގެ ފައިސާގެ ތެރެއިން ބައި ލައްކަ ރުފިޔާ ލިބުނުކަމަށް ތުހުމަތުކުރެވެ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިޔުޓީ ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ނަން ވެސް ލިސްޓުގައި އެބަ އޮތެވެ. އޭނާއަށް ލިބުނު ކަމަށް ތުހުމަތު ކުރެވެނީ އެއް މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، މިވަގުތު މަޖިލީހުގައި މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ނަން ވެސް ހިމެނެ އެވެ.

އަބްދުލް މުހްސިން އަކީ ކުރީގެ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރެވެ. އޭރު އޭނާއަށް 330،000 ލިބުނުކަމަށް ތުހުމަތުކުރާ ކަމަށް އެނގިފައިވެ އެވެ.

ސުޕްރީމް ކޯޓު މެދުވެރިކޮށް ގޮނޑި ގެއްލުވާލި މެމްބަރުންގެ ތެރޭގައި ސައުދު ހިމެނިވަޑައިގަންނަވާއިރު އޭނާއަށް ދެ މިލިއަން ރުފިޔާ ލިބުނުކަމަށް ތުހުމަތު ކުރެ އެވެ.

އެއާއެކު، މިހާރު މަޖިލީހުގައި ތިބި 16 މެމްބަރުންނަށް ޖުމްލަ 146.5 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިއަދު އާއްމުކުރި ލިސްޓަށް ބަލާއިރު، މި މެމްބަރުންގެ ތަހުގީގު ހުރި އެކި މަރުހަލާތަކުގަ އެވެ.

މިގޮތުން، ބައެއް ތަހުގީގުތައް ކުރިއަށްދާއިރު، އަނެއް ބައި މެމްބަރުންގެ ތަހުގީގު އަދި އޮތީ މައުލޫމާތު އެއްކުރާ މަރުހަލާގަ އެވެ.

އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ތަހުގީގު އަވަސް ކުރާނެ

ބޮޑު ހިޔާނާތުގެ ލިސްޓު ދިރާސާ ކޮމިޓީގެ ސަބް ކޮމިޓީން ރޭ މަޝްވަރާކުރުމަށްފަހު އަށް ހުށަހެޅުމަކާ އެކު އެކުވާލި ރިޕޯޓު ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓް އާންމުކުރުން ހިމަނާފައިވާއިރު، އެކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ.

ސަބް ކޮމިޓީގެ ރިޕޯޓާ ގުޅޭ ގޮތުން ޖޮއިންޓް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށް ފަހު، އެ ރިޕޯޓް އޮތް ގޮތަށް ފާސްކުރަން ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ.

ލިސްޓްގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.