Advertisement

ޔޫރޯގައި ނުކުޅެވޭނެ ކަމަށް ވެން ޑައިކް ބުނެފި

12 މޭ 2021 - 15:59 0

ލިވަޕޫލްގެ ޓްރެއިނިންއެއްގެ ތެރެއިން ވެން ޑައިކް.-- ފޮޓޯ: ލިވަޕޫލް


ޔޫރޯގައި ނުކުޅެވޭނެ ކަމަށް ވެން ޑައިކް ބުނެފި

12 މޭ 2021 - 15:59 0

ލިވަޕޫލް (މެއި 12) - ކަކުލަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ވެން ޑައިކް ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ. ވެން ޑައިކް, ޔޫރޯގައި ނުކުޅޭނެކަން އިއުލާނުކޮށްފައި މި ވަނީ އޭނާ ޔޫރޯގައި ކުޅުވުމާ މެދު ލިވަޕޫލާއި ނެދަލެންޑްސްގެ ދެމެދު ކޯޅުމެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެން ޑައިކް ބުނީ އެކި ގޮތްގޮތުން ވިސްނުމަށް ފަހު މިއީ އޭނާގެ ރިހެބިލިޓޭޝަނަށް ބޮޑަށް ފޯކަސް ކުރަން ޖެހޭ ވަގުތުކަން އެނގިފައިވާ ކަމަށާއި އެހެންވެ މި ފަހަރުގެ ޔޫރޯ އަށް ނުދާން ނިންމާފައިވާ ކަމަށެވެ.

"އަހަރެންގެ ފޯކަސް އަކަށް ވާނީ ލިވަޕޫލްގެ ޕްރީ ސީޒަނުގައި ބައިވެރިވާން ވާއިރަށް އަހަރެންގެ ރިހެބްގެ ފަހު މަރުހަލާތައް ވީ އެންމެ ފުރިހަމަ އަށް ގެންދިއުން. އެކަން ކުރަމުން މިހާރު ވެސް މި އަންނަނީ،" ވެން ޑައިކް ބުންޏެވެ.

ނެދަލެންޑްސްގެ މިހާރުގެ ކޯޗު ފްރޭންކް ޑި ބޮއާ ދާދި ފަހުން އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ ޔޫރޯގައި ވެން ޑައިކް ލައްވައި ކުޅުވަން ޕްރެޝަރެއް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ޔޫރޯ އަށް ދިއުމާއި ނުދިއުމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ ވެން ޑައިކް ކަމަށެވެ.

ޔޫރޯ އަށް ނުދާން ވެން ޑައިކް ނިންމުމުން އެންމެ ހިތްހަަމަޖެހޭނެ އެއް ފަރާތަކީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެވެ. ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެން ޑައިކް ޔޫރޯގައި ކުޅުމާ ބެހޭގޮތުން ކްލޮޕް ބުނީ އޭނާގެ ނަޒަރުގައި ވެން ޑައިކް ޔޫރޯގައި ކުޅުން އެއީ އެންމެ ބުއްދިވެރި ނިންމުމަށް ނުވާނެ ކަމަށެވެ.

ވެން ޑައިކް ކަކުލުގެ ލިގަމެންޓަށް އަނިޔާވީ އެވަޓަންގެ ޕިކްފޯޑް ކުރި ޓެކުލަކުން.-- ފޮޓޯ: ގެޓީއިމޭޖަސް


ސައުތެމްޓަން ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ 75 މިިލިއަން ޕައުންޑަށެވެ. މިއީ އޭރު ޑިފެންޑަރަކަށް ދުނިޔޭގެ ރެކޯޑް ފީ އެވެ.

ލިވަޕޫލާ އެކު ވެން ޑައިކް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ހޯދި އެވެ. މީގެ އިތުރުން ލިވަޕޫލްގައި ވެން ޑައިކް ދެއްކި ކުޅުމުގެ ސަބަބުން ޕްރިމިއާ ލީގާއި ޔޫރަޕްގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ވަނީ ލިބިފަ އެވެ. އަދި ފީފާ ބެސްޓް އެވޯޑާއި ބެލޮންޑިއޯ ގަދަ ތިނެއްގެ ތެރޭގައި ހިމެނުނެވެ.

މި ސީޒަނުގައި ވެން ޑައިކްގެ އަނިޔާގެ ސަބަބުން ލިވަޕޫލްގެ ނަތީޖާތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ވެން ޑައިކްގެ ކެޕްޓަންކަމުގެ ދަށުން ނެދަލެންޑަސް ވަނީ ދާދި ފަހުން ޔުއެފާ އިން ފެށި ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވީ އެވެ. ޔޫރޯގެ ކޮލިފައިން މެޗުތަކުގައި ވެސް ވެން ޑައިކް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންކަމުން ޔޫރޯގައި ވެން ޑައިކް ނެތި ކުޅުމަކީ ނެދަލެންޑްސް އަށް ލިބޭނެ ދެރަ އެކެވެ.