Advertisement

ނަޝީދަށް މިހާރު އަމިއްލަފުޅަށް ތެދުވެވަޑައިގެންނެވޭ، ފަރުވާ އަށް ޖަރުމަނަށް

11 މޭ 2021 - 13:09 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ނަޝީދަށް މިހާރު އަމިއްލަފުޅަށް ތެދުވެވަޑައިގެންނެވޭ، ފަރުވާ އަށް ޖަރުމަނަށް

11 މޭ 2021 - 13:09 2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ހަށިކޮޅު ފޫއަޅުވާލި ރޭޒަ ފުއްތައް ނަގަން ކުރި ސާޖަރީތަކަށް ފަހު އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެ އެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރި އެވެ.

ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރި މައުލޫމާތުން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަން އެނގެ އެވެ.

ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ރޭ "އަދަދު"އަށް ވިދާޅުވީ ނަޝީދުގެ ރިކަވަރީ ރަނގަޅު ކަމަށެވެ. އަމިއްލަފުޅަށް ތެދުވެވަޑައިގެންނެވޭ ކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރުންނާ މަޝްވަރާކޮށް ނަޝީދު ފަރުވާއަށް ބޭރަށް ގެންދަން ތައްޔާރުވަމުން އައި ނަމަވެސް ސީދާ ތާރީހެއް އަދި ހަމައެއް ނުޖެހެ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ނަޝީދަށް ފަރުވާދެއްވި އެޑީކޭގެ ޑޮކްޓަރުންނަށް އާއިލާގެ ފުރިހަމަ އިތުބާރު އެބައޮތެވެ.

ހޭނައްތައިގެން ކުރި ސާޖަރީތަކަށް ފަހު ނަޝީދު ވެންޓިލޭޓަރުން ނެގީ މި ހަފުތާގަ އެވެ. އެހެންވިޔަސް ވަރަށް ރަނގަޅަށް މޮނިޓަކުރަން ޖެހޭ ކަަމަށާއި ނަޝީދު ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅޭ ޕްލޭނެއް އަދި ނެތް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފަ އެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ އެވެ.