Advertisement

އޭޕްރީލް އަދި މެއި މަހު، މަޖިލިސް މުސާރަ ނުނަގަން ނަޝީދު ނިންމައިފި

1 އޭޕްރީލް 2024 - 14:11 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު: މި ދެ މަހު މުސާރަ ނުނަންގަވަން އެމަނިކުފާނު ނިންމެވި - ފޮޓޯ: މަޖިލިސް


އޭޕްރީލް އަދި މެއި މަހު، މަޖިލިސް މުސާރަ ނުނަގަން ނަޝީދު ނިންމައިފި

1 އޭޕްރީލް 2024 - 14:11 1

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރަ މި އޭޕްރީލް މަހު އަދި މެއި މަހު ނުނަންގަވަން އެމަނިކުފާނު ނިންމަވައިފި އެވެ.

މިދިޔަ ހަތަރު އަހަރު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި އަދި ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ރައީސްކަން ކުރެއްވި ނަޝީދު މި ވަގުތު ހުންނެވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް، ގާނާގަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި ނަޝީދު ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނު ފާހަގަ ކުރެއްވީ ސީވީއެފްގެ މަސައްކަތްތައް ރަސްމީކޮށް ފަށައި ހިންގުމަށް ވަގުތުތަކެއް ނަގާ ކަމަށެވެ. އެކަމަކު ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓޭރިއަޓްގެ ގަރާރު މިހާރު ވަނީ ފާސްކޮށްފަ އެވެ.

އެހެންކަމުން ވީހާވެސް އަވަހަށް އެމަނިކުފާނުގެ އެ މަސައްކަތް ފެއްޓިގެންދާނެ ކަމަށް ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

"އެހެންކަމުން އޭޕްރީލް 2024، އިން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަން،" ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ މެއި 28، އަށެވެ. އެހެންކަމުން ދެން ނެގެން އޮންނާނީ މި ފެށުނު އޭޕްރީލް މަހުގެ މުސާރަ އަދި ދެން އޮންނަ މެއި މަހުގެ މުސާރަ އެވެ.

ނަޝީދު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި، އެމަނިކުފާނުގެ ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ. އެއަށްފަހު ނަޝީދު ހަރަކާތްތެރިވަމުން ގެންދަވަނީ ސީވީއެފްގެ މަސައްކަތްތަކުގަ އެވެ.

ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކް ކަނޑުގެ ގައުމުތައް ހިމެނެ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނަޝީދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަގުބޫލު އެއް ސިޔާސީ ލީޑަރެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅު ނޫސްވެރިކަމުން ފެއްޓެވި ނަޝީދުގެ ސިޔާސީ ހަޔާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ.

ނަޝީދު ދަހަރެއްގެ މުއްދަތަކަށް ލީޑުކުރެއްވި އެމްޑީޕީއަކީ މި ވަގުތު ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. ބައި ލައްކައެއްހާ މެންބަރުން މިހާރު ހިމެނޭ އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގެ އިސް ލީޑަރުކަން، އަދި ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި، އޭރުގެ ރައިސުލްޖުމްހުރިއްޔާ އަދި ނަޝީދުގެ ޅައިރުގެ އެކުވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މައްސަލަ ޖެހި އެމަނިކުފާނު ޕާޓީ ދޫކޮށްލެއްވި އެވެ. ފަހުން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވިއިރު، އެމަނިކުފާނުގެ ވަފާތެރިން އެ ޕާޓީ ހިންގަމުން އެބަ ގެންދެ އެވެ.