Advertisement

ފާޓީގެ ދެ ވަނަ އޮޕަރޭޝަން ކުރާނީ ހާއްސަ ޑޮކްޓަރެއް

5 މޭ 2021 - 11:39 0


ފާޓީގެ ދެ ވަނަ އޮޕަރޭޝަން ކުރާނީ ހާއްސަ ޑޮކްޓަރެއް

5 މޭ 2021 - 11:39 0

ބާސެލޯނާ (މެއި 5) - ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފާޓީގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ކުރާ މަސައްކަތުގައި އޭނާގެ ދެ ވަނަ އޮޕަރޭޝަނެއް ކުރާނީ މަޝްހޫރު ޑޮކްޓަރު ހޯސޭ ކާލޯސް ނޮރޯނިއާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގިނަ އެތުލީޓުންތަކަކާއި ފުޓްބޯޅަ ކުޅުންތެރިންގެ ކަކުލުގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާ ޑރ. ނޮރޯނިއާ އެންމެ ބޮޑަށް ފާހަގަކުރެވުނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކަކުލުގެ މައްސަލަތައް ހައްލުކޮށްދިން ޑޮކްޓަރުގެ ގޮތުގަ އެވެ. އޭގެ އިތުރުން ޑރ. ނޮރޯނިއާ ވަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި އާރްޔެން ރޮބެން، ހަލްކް، ރަޑަމެލް ފަލްކާއޯ، ޕެޕޭ އަދި ލޫޗޯ ގޮންޒާލޭޒް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

އުމުރުން 18 އަހަރުގެ ފާޓީ ދެ ވަަނަ އޮޕަރޭޝަނެއް ކުރަން ޖެހުނީ އޭނާ ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާއިން ރަނގަޅުވާން މިދިޔަ ނޮވެމްބަރު މަހު ކުރި އޮޕަރޭޝަނުން އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިނުވާތީ އެވެ. އެންމެ ފުރަތަމަ ބެލެވުނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ފާޓީ އަށް އެނބުރި ކުޅުމަށް އާދެވޭނެ ކަމަށެވެ. އެކަމަކު އެ މުއްދަތު އިތުރުވީ ފާޓީގެ ރިހެބިލިޓޭޝަން އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށްނުދާތީ އެވެ. ފަހުން އެނގުނީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމެވެ.

ފާޓީ އަވަހަށް އެނބުރި ކުޅުމަށް އަންނަން ބޭނުންވާތީ ދާދި ފަހުން ބާސެލޯނާ އިސްވެ ވަނީ ދެ ތަޖުރިބާކާރުންނަށް ދައްކައިފަ އެވެ. އޭގެ ތެރެއިން އެއް އެއް ޑޮކްޓަރަކީ ނޮރޯނިއާ އެވެ. ފާޓީގެ ކަކުލުގެ ޓެސްޓްތަކެއް ހެދުމަށް ފަހު ނޮރޯނިއާ ވަނީ މި ބުރާސްފަތި ދުވަހު ޕޯޗުގަލްގައި ފާޓީގެ އޮޕަރޭޝަން ކުރިއަށްގެންދަން ނިންމައިފަ އެވެ.

މިދިޔަ ސީޒަނުގައި އެންމެ ފުރަތަމަ ފުރުސަތު ލިބެން ފެށި ފާޓީ މި ސީޒަނުގައި ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އޭނާ ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

އަނިޔާގެ ސަބަބުން ފާޓީ އަށް ދާދި ފަހުން ނިމުނު 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ގެއްލުނުއިރު، އަންނަ ޖޫން މަހު ކުޅޭ ޔޫރޯ އާއި ޖުލައި މަހު ފަށަން ނިންމާފައިވާ އޮލިމްޕިކްސްގައި ވެސް ނުކުޅެވޭނެ އެވެ. އޭނާ އަށް ދެން ކުޅުމަށް އެނބުރި އާދެވޭނީ އަންނަ ސީޒަނުގަ އެވެ.