Advertisement

އުނދަގޫ ވިޔަސް އީގަލްސް އަށް މާޒިޔާ ބަލިކުރެވިދާނެ: ޝާޒް

1 މޭ 2021 - 16:47 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އީގަލްސް އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޝާޒް (ކ) ވެލެންސިއާގެ ދަގަނޑޭއާ ސަލާމްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އުނދަގޫ ވިޔަސް އީގަލްސް އަށް މާޒިޔާ ބަލިކުރެވިދާނެ: ޝާޒް

1 މޭ 2021 - 16:47 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަަހަރު ވާދަކުރާ ޓީމަކަށް މާޒިޔާ ބަލިކުރެވޭނަމަ އެކަން ކުރެވޭނެ ޓީމަކީ ކްލަބް އީގަލްސް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

މި ސީޒަނުގައި މިހާތަނަށް މާޒިޔާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅުނު މާޒިޔާ އަތުން ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް މޮޅުވީ 3-2 އިންނެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ހަވާލުވެ ހުރި މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

މޯހަން އީގަލްސްއާ ވަކިވި ފަހުން އީގަލްސް އިން ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއާ ކުޅުނު މެޗުގައި އީގަލްސް އަށް ހެޑް ކޯޗެއްގެ ގޮތުގައި އިރުޝާދުދިނީ އަހުމަދު ނިމާދު (ނިމާ) އެވެ. އެ މެޗު ނިމުނީ 0-0 އިންނެވެ.

އީގަލްސްގެ ކޯޗުކަމާ ޝާޒް ހަވާލުވި ފަހުން އެ ޓީމުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބޫޓާންގެ ތިމްޕޫ އަތުން އީގަލްސް ވަނީ މޮޅުވެފަ އެވެ. އީގަލްސްއާ ޝާޒް ހަވާލުވި ފަހުން އެ ޓީމު ހަ މެޗު ކުޅުނުއިރު އަދި މެޗަކުން ބައްޔެއްނުވެ އެވެ.

ލީގުގެ މެޗަކުން ބަލިނުވެ މާޒިޔާ އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 14 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އީގަލްސް އަށް 13 މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މާދަމާރޭ އީގަލްސް އާއި މާޒިޔާ ބައްދަލުކުރާނެ އެވެ. މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާޒް ބުނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، އީގަލްސް ދެ ވަނަ ބުރުގައި ބަލިނުވެ އޮތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މާޒިޔާ ބަލިކޮށްގެން އީގަލްސް އަށް ތިން ވަަނަ އަށް އެރޭނެ އެވެ. އީގަލްސް އަތުން މޮޅުވެގެން މާޒިޔާ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. ޝާޒް ބުނީ އީގަލްސް އިން ނުކުންނާނީ މާޒިޔާ ލީގު ހޯދުން ހުއްޓުވުމުގެ މަސައްކަތަށް ވުރެ އަމިއްލަ ޓާގެޓެއް ހާސިލްކުރުމުގެ ވިސްނުމުގައި ކަމަށެވެ.

"އީގަލްސް އަށް ކުރިއަށްދާން ލިބޭ ރަނުގެ ފުރުސަތެއް ހަގީގަތުގައި މިއީ. އެއީ ގަދަހައެއްގެ ތެރޭގައި އޮވެފައި ގަދަ ހަތަރެއްގެ ތެރޭ އީގަލްސް މިއޮތީ. މި މެޗަކީ ވަރަށް މުހިއްމު މެޗެއް އީގަލްސް އަށް. އެއީ ތިން ވަނަ ބުރު ފައްޓާއިރު ގަދަ ހައެއްގައި ވަރަށް ބޮޑަށް ހަރުލެވިފައި ދެ ވަނަ އަށް އެ ހިސާބަށް ދާން ވެސް ފުރުސަތު އޮންނާނެ. އެ ހުރިހާ ގޮތަކަށް ބަލާއިރު އެންމެ ކުރީގެ އީގަލްސްގެ މަގާމަށް ދާން ހަގީގަތުގައި މި މެޗު މުހިއްމު،" ޝާޒް ބުންޏެވެ.

"މާޒިޔާއާ ކުޅޭއިރު ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެ އަދި ލީގުގައި ބަލިނުވެ މާޒިޔާ މި އޮތީ. އެ ގޮތަށް ބަލާފައި އުނދަގޫ ކަމެއް މާޒިޔާ ބަލިކުރުމަކީ. އެކަމަކު އެކަން ކުރެވެންޏާމު ކުރެވޭނެ ޓީމެއް އީގަލްސް އަކީ،"

ޝާޒް ބުނީ ލީގުގެ އެހެން ޓީމުތަކާ އަޅާކިޔާއިރު އީގަލްސް އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ވަރަށް ގިނަ ދުވަހު އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން ގިނަވުމާއި އޭގެ ތެރޭގައި ގިނައިން ތިބީ އީގަލްސް އަށް ވަރަށް ގިނަ ދުވަހު ކުޅުނު ކުޅުންތެރިންނަށް ވުމެވެ.

"އެ ކޮމްބިނޭޝަން ވެސް ޓީމު ތެރޭގައި ވަރަށް ވަރުގަދަކޮށް މީނީ. މިހާރު އެކަން ފެންނަނީ ވެސް ރަނގަޅަށް. އެ ގޮތަށް ޓީމު އެހެން އިންނައިރުގައި މާޒިޔާއާ އެއްކޮށް ކުޅޭއިރު އެއީ އީގަލްސް އަށް ސްޓެރެންތެއް. ދެން މާޒިޔާ އަކީ ލީގުގެ އެންމެ ވަރުގަދަ ޓީމު. އެކަން ގަބޫލުކުރަންޖެހޭ،" މި ސީޒަނުގައި ޓީސީ ގޮވައިގެން މާޒިޔާ އަތުން ބަލިވި ޝާޒް ބުންޏެވެ.

އީގަލްސް އިން އަންނަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެމުންނެވެ. ކޮލިފައިން ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު އީގަލްސް އަށް ވަނީ ލިބިފަ އެވެ. އީގަލްސް ދެން އޭއެފްސީ ކަޕްގައި ކުޅޭ މެޗު އޮންނާނީ މި މަހު 11 ވަނަ ދުވަހު މާލޭގަ އެވެ. ޕްލޭއޮފް މެޗުގައި އީގަލްސް ނުކުންނާނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ.

ޝާޒް ބުނީ ހަގީގަތުގައި އޭއެފްސީ ކަޕްގައި އީގަލްސް އޮތުމަކީ ޓީމުގެ ކޮންފިޑެންސާއި ހާލަތު ރަނގަޅުކުރަން ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ. އޭއެފްސީ ކަޕްގައި ކުޅެން ޖެހިފައި އޮތުމުން އެކަން ނަގަނީ އުނދަގުލަކަށް ވުރެ ބޮޑަށް ފައިދާވާ ކަމެއްގެ ގޮތުގައި ކަމަށް ޝާޒް ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ކުޅޭއިރު އީގަލްސްގެ ބައެއް މުހިއްމު ކުޅުންތެރިން ވަނީ ކާޑުހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. ޝާޒް ބުނީ ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިން ނެތުމުގެ ޝަކުވާ ކުރުމުގެ ބަދަލުގައި އޭނާގެ ވިސްނުމަކީ އެ މަގާމަށް އަރާ ކޮންމެ ކުޅުންތެރިއަކަށް ފުރިހަމަ އަށް އިތުބާރުކޮށް ބޭނުންވާ އަމާޒަށް ވާސިލްވުމެވެ.

ސީޒަންގެ ކުރީކޮޅުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު އީގަލްސްގެ މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) މިހާރު ފިޓްކަމަށާއި ދެން އޭނާ އަށް ބޭނުންވަނީ މެޗު ފިޓްނަސް ކަމަށްވާއިރު، ކުރިއަށް ހުރި މެޗުތަކުގައި އޭނާ އަށް ފުރުސަތު ދޭނެ ކަމަށް ޝާޒް ބުންޏެވެ.

އީގަލްސް އާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ މާދަމާރޭ 22:00 ގަ އެވެ.